މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހިމްގެ މި އަހަރުގެ ރޯދަ މަހުގެ މަދަހަ އަލްބަމް މިރޭ ނެރޭ ގޮތަށް ހަމަޖައްސައިފިއެވެ. "ހިދާއީ ނޫރު- 4″ ގައި ކުރީގެ ހަނދާންތަކެއް ހިމެނޭނެ ކަމަށް ޝަލަބީ ބުނެއެވެ.
ޝަލަބީ ވަނީ މިދިޔަ އަހަރު ފިޔަވައި، އޭގެ ކުރީ ތިން ރޯދަ މަހު ވެސް މަދަހަ އަލްބަމް ނެރެފައެވެ. (ކޮވިޑް ލޮކްޑައުންއާ ހެދި މިދިޔަ އަހަރު ނުނެރޭ) އަދި އެ މަދަހަތައް ވެފައި ވަނީ ގިނަ ބަޔަކު ޝައުގުވެރިކުރުވި މަދަހަތަކަކަށެވެ.
ޝަލަބީ ބުނީ ކުރީ އަހަރުތަކާ ޚިލާފަށް މި ފަހަރުގެ މަދަހަ އަލްބަމް ޚާއްސަވާނީ ކުރީގެ މަޝްހޫރު ބައެއް މަދަހަކިއުންތެރިންގެ ހަނދާންތައް އާކޮށްދޭ ހަތަރު މަދަހައެއް މި ފަހަރުގެ އަލްބަމުގައި ހިމަނާފައިވާތީ ކަމަށެވެ. އެ ގޮތުން މަރުހޫމު ހާޖަރާގޭ މުހައްމަދު ތައުފީގު ވިދާޅުވެފައިވާ "އޭ ސާހިބާ…" އާއި އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ)ގެ "ރޯދައޭ ރޯދައޭ.." އާއި "އެމުނޭށިޔޭ ރަންހާރުތައް…" އާއި މަރިޔަމް ޝިފްނާގެ "އީމާނޭ ހިތުގައި ވަނީ…" ވަރަށް ތަފާތުވާނެ ކަމަށް ޝަލަބީ ބުނެއެވެ. ޖުމްލަ އަށް މަދަހަ ހިމެނޭ "ހިދާއީ ނޫރު- 4″ ގައި ދެން ހިމެނޭނީ ޝަލަބީގެ އަމިއްލަ ރާގާއި ޅެމަށް ކިޔައިފައިވާ ހަތަރު މަދަހައެވެ.
މި ފަހަރުގެ މަދަހަތައް ޝަލަބީ ރެކޯޑުކޮށްފައި ވަނީ ކޮވިޑް ލޮކްޑައުންތެރޭގައި ކ. ގާފަރަށް ގޮސް އެ ރަށުގައި ހުރެގެން، "ނިހާން ސްޓޫޑިއޯ"ގައެވެ.
"ކުރީ ފަހަރުތަކަށްވުރެ މި ފަހަރު (ގެ މަދަހަތައް) މާ ތަފާތުވާނެ،" ޝަލަބީ ބުންޏެވެ.



advertisment