Support Us

ކުރު ވާހަކަ: މޮޔައިންގެ ހޮސްޕިޓަލުގެ ތިން މޮޔައިންގެ ވާހަކަ

މޮޔައިންގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރައްވާ ޑޮކްޓަރުގެ އާދައިގެ މަތިން، ހެނދުނު ހޮސްޕިޓަލަށް ވަޑައިންނެވި އިރު، ހޮސްޕިޓަލުގެ ރިސެޕްޝަންގެ އެއްފަރާތެެއްގައި ހޮސްޕިޓަލުގެ ބަލި މީހުންގެ ތިން މީހަކު ތިބިތަން ދެކިވަޑައިގަތެވެ. މި މީހުންނަކީ މޮޔައިން ކަމުގައި ވިޔަސް، އަތުން ފައިން ގޯސް ހަދައި، ތަޅާފޮޅާ ނޫޅޭ ބައެއް ކަމުން، މި މީހުން ތިބެނީ ހޮސްޕިޓަލް ތެރެއަށް ދޫކޮށްލާފައެވެ.

އެމީހުންގެ ހާލު އަހުވާލު ބައްލަވާލެއްވުމަށްޓަކައި، އެމީހުންގެ ކައިރިއަށް، ޑޮކްޓަރު ޖެހިލެއްވިއެވެ. އޭގެ ތެރެއިން ދެމީހަކު ތިބީ އޮލަ ބަހުސެއްގައެވެ. އަނެކަކު ތަންކޮޅެއް ދުރުގައި ދެމީހުންގެ ވާހަކަ އަޑުއަހަން އިނެވެ. އެ ދެމީހުން ދައްކާ ވާހަކަ، އިވޭ ހިސާބަށް، ޑޮކްޓަރު ގާތްވެލެއްވިއެވެ. ދެން އެ މީހުން ކިޔާ އެއްޗެއް އައްސަވާލެއްވިއެވެ. އެމީހުންގެ ސިކުނޑީގެ ބަލިހާލަށް ހެޔޮ ބަދަލެއް އައިތޯ ބައްލަވާލެއްވުމުގެ ގޮތުންނެވެ.

ޑޮކްޓަރު އެމީހުންގެ ވާހަކަ އައްސަވާލެއްވިއެވެ. އެމީހުން ކުރެ ކޮންމެ މީހަކު ވެސް ދައުވާ ކުރަމުން ދިޔައީ އޭނާއަކީ އިލާހުކަމެވެ. ވަރަށް ދެރަވެފައި، ދުރުގައި އިން ތިންވަނަ ބަލި މީހާ ކައިރިއަށް ވަޑައިގެން، އޭނާ ކުރެން ޑޮކްޓަރު އެއްސެވިއެވެ.

"މިތާ މިތިބި ދެމީހުން މި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟"

ޖަވާބުގައި އޭނާ ބުންޏެވެ. "ޑޮކްޓަރެވެ! ނިކަން ބައްލަވާށެވެ! މި ދެމީހުންނަކީވެސް ހަމަ ބޮޑު ދެ މޮޔައިންނެވެ! އެމީހުން ކުރެ ކޮންމެ މީހަކު ވެސް އެ ތިބެގެން ދައުވާ ކުރަނީ އޭނާއަކީ އިލާހުކަމެވެ."

ޑޮކްޓަރު ވަރަށް އުފާކުރެއްވިއެވެ. ތިންވަނަ މީހާގެ ބަލިހާލަތު ރަނގަޅުވަނީ ކަމަށް ހީކުރައްވާފައެވެ. ދެން، އެކަން ޔަގީންކޮށްލެއްވުމުގެ ގޮތުން ޑޮކްޓަރު އެއްސެވިއެވެ. "އެންމެ ރަނގަޅެވެ. އެ ދެމީހުން އެކުރާ ދައުވާގެ މައްސަލައަކީ ކޮބައިހެއްޔެވެ؟"

ޖަވާބުގައި ތިން ވަނަ މޮޔަ މީހާ ބުންޏެވެ. "މިތާ އަޅުނގަޑު އިން އިރުވެސް، އެމީހުންގެ ކުރިމަތީ އިލާހު އިންކަމެއް އެމީހުންނަކަށް ނޭނގުނެވެ."

ދެން، ޑޮކްޓަރު އިސްޖައްސަވައި، ހޮސްޕިޓަލަށް ވަދެވަޑައިގެން އޭނާގެ ދުވަހުގެ މަސައްކަތައިގެން މަޝްޣޫލުވެވަޑައިގަތެވެ.

އާދެ، ވަރަށް ވެސް ހިތާމަވެރިކަމެކެވެ. އެނގޭކަން ނޭނގުމާއި ނޭނގޭކަން އެނގުން އެއީ މައްސަލައެއް ނޫނެވެ. އެނގޭކަން ނޭނގޭ މީހާ ހޭލައްވާލައި ނޭނގޭކަން އެނގޭ މީހާއަށް އުނގަންނައިދީ އެ ދެމީހުންގެ މައްސަލަ ހައްލުކުރެވިދާނެއެވެ. ނަމަވެސް ނޭނގޭކަން ނޭނގޭ މީހާއާ ދޭތެރޭ ކަންކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. މޮޔައިންގެ ހޮސްޕިޓަލުގައި ބެހެއްޓުމެވެ. އޭނާއަކީ އެނގޭ، ހަމަޖެހޭ، މީހެކޭ ހިތާ ހުއްޓައި އޭނާގެ ކިބައިން ފެންނަނީ ހަމަ އެ މަންޒަރެކެވެ! ނޭނގޭކަން ވެސް ނޭނގޭ މަންޒަރެވެ. ތާކުންތާކު ނުޖެހޭ ވާހަކަ ދައްކައި، ތާކުންތާކު ނުޖެހޭ ކަންތައްތައް ކުރާ ތަނެވެ!