ރަމަޟާން މަހަކީ އެމަހުގައި މުއުމިނުން އަދާކުރާ ހެޔޮ ޢަމަލުތަކުގެ ސަވާބު އިތުރުކޮށްދެއްވާ މަހެކެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި މިމަހުގައި ސުންނަތް ކަމެއް ކުރުމަކީ އެހެން މަސްމަހުގައި ފަރްޟު ކަމެއް ކުރުން ފަދަ (ސަވާބު ބޮޑު) ކަމެކެވެ. މި މަހުގައި ފަރްޟު ކަމެއް ކުރުމަކީ އެހެން މަހެއްގައި ހަތްދިހަ ފަރްޟު އަދާކުރުމާ އެއްފަދަ ކަމެކެވެ. އެއީ ރަމަޟާންމަހުގެ ޝަރަފާއި މާތްކަމަށްޓަކައި މާތްﷲ ލައްވާފައިވާ ޚާއްޞަ މީޒަތެކެވެ.
ރަމަޟާން މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރައްވައެވެ. އަދި ކޮންމެ ދުވަހަކު ގޮވައިލާ މީހަކު ގޮވައިލާނެއެވެ. އޭ! ހެޔޮކަންތައް ކުރަންް އެދޭ މީހާއެވެ! އެކަމަށް ކުރިމަތިލާށެވެ! އޭ! ނުބައިކަންތަކަށް ކުރަން އެދޭ މީހައެވެ! އެކަމަށް ފުރަގަސްދޭށެވެ! ރަމަޟާންމަހުގެ ކޮންމެ ރެއަކު މާތްﷲ ނަރަކައިން އެތައް ބަޔަކު މުއްތިކުރައްވާނެއެވެ. މިހެންވެ، ކޮންމެ މުއުމިނަކުވެސް ރަމަޟާންމަހު އެމީހަކަށް ކުޅަދާނަވެގެންވީ މިންވަރަކުން ހެޔޮ ކަންތައްތައް ކުރަން މަސައްކަތްކުރަންވާނެއެވެ. ހެޔޮކަންތައް ކުރުމަށް ވަގުތުކޮޅެއް ހޯދަންވާނެއެވެ.
ރަމަޟާން މަސް އިޙްޔާ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް
- ތަރާވީޙު ނަމާދު: ރަމަޟާންމަހުގައި ކުރެވިދާނެ ހެޔޮ ކަންތައްތައް ވަރަށް ގިނައެވެ. ބައެއް ކަންތައްތަކަކީ އެކަންތައްތައް ކުރުމަށް ދީން ގޮވައިލާ ކަންތައްތަކެކެވެ. އޭގެތެރޭގައި ތަރާވީޙު ނަމާދު ހިމެނެއެވެ. މި ނަމާދަށް قيام الليل އޭ ކިޔެއެވެ. رسول الله صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ[1]– މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން މަހުގެ ރޭތަކުގައި އަޅުކަންކުރި މިހާގެ އިސްވެ ދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ.)) ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރުމުގެ މަނައަކީ "ޤިޔާމުއް ލައިލި" އެވެ. ނުވަތަ ތަރާވީޙު ނަމާދެވެ.
- ކީރިތިޤުރްއާން ކިޔެވުން ގިނަކުރުމާއި ކީރިތިޤުރްއާން އުނގެނުން އިތުރުކުރުން: ރަމަޟާންމަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. ކީރިތި ޤުރްއާން ބާވައިލެއްވީ ރަމަޟާންމަހުގައި ކަމަށް ވާތީއެވެ. ކީރިތި ރަސޫލާ ﷺ ޖިބްރީލުގެފާނާ އެކު ރަމަޟާންމަހުގައި ކީރިތިޤުރްއާން މުދާރަސާ ކުރެއްވިއެވެ. މިއީ އަޅުގަނޑުމެން ތަބާވާންވީ މަގެވެ. ކީރިތިޤުރްއާން ކިޔެވުމާއި ކީރިތިޤުރްއާން ކިޔަވާ އަޑުއެހުމަކީ އަޅުކަމެކެވެ. މިހެންވެ، ރަމަޟާންމަހުގައި ކީރިތިޤުރްއާން ކިޔެވުމަކީ މާތްﷲގެ ޙަޟްރަތާ ކުއްތަންވުމަށްޓަކައި އަދި ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމަށްޓަކައި ކުރަން އޮތް އެންމެ މާތް އެއް އަޅުކަމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ ((إنَّ هذا القرآنَ مَأْدُبَةُ اللهِ فتعلَّموا من مُأْدُبَتِهِ ما استطعتمْ[2] – ހަމަކަށަވަރުން މި ޤުރްއާނަކީ ﷲގެ ސުފުރާކޮޅެވެ. ފަހެ، ﷲގެ ސުފުރާކޮޅުން ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވީ މިންވަރަކަށް އުނގެނޭށެވެ!"
- ކީރިތިރަސޫލާ ﷺ ޙަދީޘް ކުރައްވާ ގޮތުގައި މުސްލިމުންނާ ފިތުނަތަކަކާ ކުރިމަތިވާނެއެވެ. މި ފިތުނަތަކުން ސަލާމަތްވުމަށް އޮތްމަގަކީ ކޮބައިތޯ ދެންނެވުމުން ކީރިތި ޤުރްއާނުގައި ހިފެހެއްޓުމަށް އެކަލޭގެފާނު އެންގެވިއެވެ. މީގެ އިތުރަށް އެކަލޭގެފާނު ޙަދީޘް ކުރައްވަނީ ތިމަންކަލޭގެފާނު މިދުނިޔެ ދޫކުރައްވާ މި ވަޑައިގަންނަވަނީ ތިޔަބައިމީހުންނަށްޓަކައި ދޭއްޗެއް ދޫކުރައްވައިފައެވެ. އޭގެތެރެއިން އެކައްޗަކީ ކީރިތި ޤުރްއާނެވެ. އަނެކައްޗަކީ އެކަލޭގެފާނުގެ ޠާހިރު ސުންނަތެވެ. މި ދޭތީގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ދުވަހަކު ތިޔަބައިމީހުން މަގުގެއްލެނިވެގެން ނުދާނެއެވެ.
- ޤުރްއާން ކިޔެވުމުގެ މާތްކަމާ ބެހޭގޮތުން ރަސޫލުﷲ ﷺ ޙަދީޘް ކުރައްވަނީ ކީރިތިޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށް ހެޔޮކަމެއް ލިބިގެންވެއެވެ. ކޮންމެ ހެޔޮ ކަމަކަށް ދިހަ ސަވާބު ދެއްވާނެއެވެ. الم އަކީ އެންމެ އަކުރެއް ނޫނެވެ. އެހެނަސް އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. މީމަކީ އަކުރެކެވެ.
- ކީރިތިޤުރްއާނުގެ އަހްލުވެރިންނަކީ މާތްﷲ ގެ އަހްލުންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ ހިތަކީ ދަގަނޑުގޮތަށް ދަބަރުޖަހާ އެއްޗެކެވެ. ހިތުގައި ޖަހާ ދަބަރު ސާފުކުރާނީ ކިހިނަކުންތޯ ދެންނެވުމުން ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. ((هذِه القلوبُ تصدَأُ كما يصدَأُ الحديدُ قالوا يا رسولَ اللَّهِ فما جِلاؤُها قال قراءةُ القرآنِ[3] – ދަގަނޑުގައި ދަބަރު ޖަހާގޮތަށް މި ހިތްތަކުގައި ދަބަރު ޖަހަތެވެ. އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! ހިތްތައް ސާފުކޮށްދޭނީ ކޮން އެއްޗެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ޤުރްއާން ކިޔެވުމުންނެވެ.))
- މީހެއްގެ ހިތް ކީރިތިޤުރްއާނުގެ ކަންވާރަކަށް ވެއްޖެނަމަ މާތްﷲ އެމީހަކަށް ޤިޔާމަތް ދުވަހު ޢަޛާބެއް ނުދެއްވާނެއެވެ. އިބްނު މަސްޢޫދު ވިދާޅުވާ ގޮތުގައި ޤުރްއާން ދެކެ ލޯބިވާމީހާ ދެކެ މާތްﷲ ލޯބިވެ ވޮޑިގަންނަވާނެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ((دَرَجُ الجنَّةِ على قدرِ آيِ القُرآنِ، لكلِّ آيةٍ درجَةٌ [4]– ސުވަރުގޭގެ ހަރުފަތްކޮޅުތަކުގެ ޢަދަދަކީ ޤުރްއާނުގެ އާޔަތްތަކުގެ ޢަދަދެވެ. ކޮންމެ އާޔަތަކަށް ހަރުފަތްކޮޅެއް ވެއެވެ.)) މި ބަސްފުޅުން އެނގެނީ ޤުރްއާނުގެ ކޮންމެ އާޔަތަކަށް ސުވަރުގޭގައި ދަރަޖައެއް ލައްވާފައިވާ ކަމެވެ. އެމިހާގެ ދަރަޖައަކަށް ވާނީ އޭނާ އެންމެ ފަހުން ކިޔެވި އާޔަތުގެ ދަރަޖައެވެ.
- މާތްﷲ އަށް ދުޢާކުރުން: ރަމަޟާންމަހަކީ މާތްﷲ އަށް ދުޢާކުރުން އެންމެ އަވްލާކަން ބޮޑު މޫސުމެވެ. ރަމަޟާން މަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައިވާ ފޯވައްސެކެވެ. ރަމަޟާންމަހަކީ ދުޢާ އިޖާބަ ކުރައްވާ ދުވަސްތަކެއްކަން ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. "ثَلَاثَةٌ لَا تُرَدُّ دَعْوَتُهُمْ الْإِمَامُ الْعَادِلُ وَالصَّائِمُ حِينَ يُفْطِرُ وَدَعْوَةُ الْمَظْلُومِ[5] – ތިންމީހެއްގެ ދުޢާ އިޖާބަ ނުކުރައްވާ ރައްދުނުކުރައްވާނެތެވެ. ރޯދަވެރިޔާ ރޯދަވީއްލާ އިރު ކުރާ ދުޢާއާއި، ޢަދްލުވެރި އިމާމުގެ ދުޢާއާއި، ބޭއިންސާފުން އަނިޔާ ލިބެމުންދާ މީހާގެ ދުޢާއެވެ.)) އެހެންބަސްފުޅެއްގައި ވެއެވެ. ((إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةً مَا تُرَدُّ [6] – ހަމަކަށަވަރުން ރޯދަވެރިޔާއަށް، ރޯދަވީއްލާއިރު ރައްދުނުކުރައްވާނެ ދުޢާކުރުމެއް ލިބިގެންވެއެވެ.))
- މާތްﷲ ރަމަޟާންމަހުގެ ރޯދަޔާ ބެހޭގޮތުން ބާވައިލެއްވި އާޔަތްތަކުގެ މެދުތެރޭގައި އެކަލާނގެ އަޅުންނަށް، އެކަލާނގެއަށް ދުޢާ ދެންނެވުމަށް އަންގަވާފައި ވެއެވެ. މި ބަސްފުޅުން އެނގެނީ ރަމަޟާންމަހަކީ ރޯދަވެރިޔާގެ ދުޢާ އިޖާބަކުރައްވާނެ ވަގުތެއްކަމެވެ. އެއީ ރޯދައިން އުފެދިފައިވާ ރޫޙާނީ ޖައްވުގެ ސަބަބުންނެވެ. އަޅުވެރިކަމާއި ތަޤްވާވެރިކަމުގެ ޖައްވުގެ ސަބަބުންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ [7] – އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.))
- ޛިކްރު ކުރުން: ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށްޓަކައި ޛިކްރުކުރުމަކީ އެންމެ ރަނގަޅު އެއް އަޅުކަމެވެ. ރަމަޟާންމަހަކީ ޛިކްރުކުރުމަށް އެންމެ އެކަށީގެންވާ މޫސުންކަމުގައި ވާތީއެވެ. ރަމަޟާންމަހު ރޯދަ ހިފުމުގެ ޙިކްމަތަކީ މާތްﷲ އެންގެވި ފަދައިން ތަޤްވާވެރިވުން ކަމުގައި ވާތީއެވެ. ކީރިތި ޤުރްއާނާއި ކީރިތިރަސޫލާގެ ސުންނަތުގައި ތަޤްވާވެރިވުމަށް އެތައް ފަހަރަކު ގޮވައިލައްވާފައިވެއެވެ. ތަޤްވާވެރިކަމަކީ މާތްﷲގެ އަމުރުފުޅަށް ކިޔަމަންވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ. ތަޤްވާވެރިވުމުގެ މޭވާތަކުގެ ތެރޭގައި ޛިކްރުކުރުން ހިމެނެއެވެ. ތަޤްވާވެރިވުމަށް އެހީވެދޭކަންތައްތަކުގެ ތެރޭގައި ވެސް ޛިކްރުކުރުން ހިމެނެއެވެ. މާތްﷲ އަށް ޛިކްރުކުރުމަށް ވަރަށްގިނަ އާޔަތްތަކެއްގައި އަންގަވާފައި ވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا – އޭ އީމާންވެއްޖެމީސްތަކުންނޭވެ! ގިނަވެގެންވާ ޛިކްރުކުރުމަކުން، ތިޔަބައިމީހުން ﷲ އަށް ޛިކްރުކުރާށެވެ!)) އެހެން އާޔަތެއްގައި ވަޙީކުރެއްވިއެވެ. ((فَاذْكُرُونِي أَذْكُرْكُمْ – ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ.)) އެހެން އެއްވެސް ފަރާތެއްގެ ހިޔާވަހިކަން ނުވާ ދުވަހު، ޤިޔާމަތްދުވަހު، މާތްﷲގެ ހިޔާވަހިކަން ލިބޭނެ މީހުންގެ ތެރޭގައި މާތްﷲ އަށް އެކަހެރި ޙާލަތުގައި ޛިކްރުކޮށް މާތްﷲ ދެކެބިރުންގޮސް ރޮއި ކަރުނަ އޮހޮރުވިމީހުން ހިމެނެއެވެ. މާތްﷲގެ މަތިން ހަނދުމަކުރާމީހުންގެ މަޖްލިސްތަކަކީ ﷲގެ ރަޙްމަތް ލިބިގެންވާ މަޖްލިސްތަކެކެވެ. ޤުދްސިއްޔަ ޙަދީޘެއް ގައި މާތްﷲ ވަޙީކުރެއްވިއެވެ. ((ޖަމާޢަތެއްގައި ތިމަންރަސްކަލާނގެ ހަނދުމަކުރި މީހާ، މަތިވެރިވެގެންވާ އުޑުތަކުގެ ޖަމާޢަތްތަކުގައި، ތިމަންރަސްކަލާނގެ ހަނދުމަފުޅުކުރައްވާހުށީމެވެ." މާތްﷲގެ ޙަޟްރަތުގައި އެންމެލޮބުވެތިކަން ބޮޑު ޢަމަލަކީ ކޮބައިތޯ ދެންނެވުމުން ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. ((أَحبُّ الأعمالِ إلى اللهِ أن تموتَ ولسانُك رَطبٌ من ذِكرِ اللهِ[8] – ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ތިބާގެ ދޫ ﷲއަށް ޛިކްރުމުގައި ތެމިގެންވާ ޙާލު ތިބާ މަރުވެގެން ދިޔުމެވެ)) ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާ ގޮތުގައި މާތްﷲ އަށް ޛިކްރުކުރާ މީހާއާއި ޛިކްރުނުކުރާމީހާގެ މިސާލެއް ބަޔާންކޮށް ދެއްވަމުން ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (( مَثَلُ البَيْتِ الذي يُذْكَرُ اللَّهُ فِيهِ، والْبَيْتِ الذي لا يُذْكَرُ اللَّهُ فِيهِ، مَثَلُ الحَيِّ والْمَيِّتِ[9]– އެ ގެއެއްގައި ﷲ އަށް ޛިކްރު ކުރެވޭ ގެއަކާއި ޛިކްރު ނުކުރެވޭ ގެއެއްގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ.)) ކީރިތި ރަސޫލާ ﷺ އުއްމު އައިމަނަށް ސިފަކޮށްދެއްވި ގޮތުގައި ސުވަރުގޭގެ ބަގީޗާތަކަކީ މާތްﷲ އަށް ޛިކްރުކުރާ މަޖްލިސްތަކެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((إذا رأيتُمْ رياضَ الجنةِ فارتَعوا قيلَ ما رياضُ الجنةِ قال حِلَقُ الذكرِ [10]– ތިޔަބައިމީހުންނަށް ސުވަރުގޭގެ ބަގީޗާތައް ފެނިއްޖެނަމަ އެތަނުން ކެއުމަށް އަވަހަށް ދާށެވެ! ދެންނެވުނެވެ. ސުވަރުގޭގެ ބަގީޗާތަކަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ ޛިކްރުގެ މަޖިލިސްތަކެވެ.))
[1] – أخرجه البخاري (٣٨)، والنسائي (٢٢٠٣)، وابن ماجه (١٦٤١) ومسلم (٧٦٠)، وأبو داود (١٣٧٢)، والترمذي (٦٨٣) ، وأحمد (٩٠٠١)
[2] – أخرجه ابن شاهين في «الترغيب في فضائل الأعمال» (٢٠٢)، والحاكم (٢٠٤٠)، والبيهقي في «شعب الإيمان» (١٩٣٣)
[4] – الطبراني ، المعجم الأوسط ٨/٢١٨
-[5] – رواه الترمذى وابن ماجه و أحمد والبيهقى وابن حبان وابن خزيمة
[6] – رواه ابن ماجه
[7] – البقرة : 186
[8] – أخرجه ابن حبان (٨١٨)، وابن السني في «عمل اليوم والليلة» (ص٤)
[9] – أخرجه البخاري (٦٤٠٧)، ومسلم (٧٧٩).
[10] – أخرجه الترمذي (٣٥١٠)، وأحمد (١٢٥٤٥)، ابن حبان في «المجروحين» (٢/١٨٦)




advertisment