ޓިނުގަނޑު ކަފާލައިގެން، ބާޒާރުމަތީ ފިހާރައެއް ތެރެއަށް ފައިބައި ވައްކަން ކުރަން ހުރި ވަގަކު ފުލުހުން މިއަދު އަތުލައިގެންފިއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުން އެ ވަގުކަލޭގެ އަތުލައިގަތީ، ލޯކަލް މާރުކޭޓުގެ ހުޅަނގަށް ހުންނަ "ވީ ފްރެޝް"ގެ ފުރާޅުން ދެ ފޫޓު ދެ ފޫޓުގެ ގޮޅިއެއް ކަފާލައިގެން، ދެ ބުރިއަށް ހުންނަ އެ ފިހާރައިގެ މަތީ ބައިގައި ހުންނަ ގުދަން ތެރެއިން ފައިބައިގެން، ފިހާރަތެރޭގައި ހުއްޓައެވެ. ފުލުހުން އޭނާ އަތުލައިގަތްއިރު އޭނާ ގެންގުޅުނު ކޮތަޅެއް ތެރޭގައި މޯބައިލް ފޯނަކާއި ކަރައަކާއި ހަ ޕެކެޓް ކޮފީ އާއި ވަކިލާރި ތަކެއް ހުރި ކަމަށް އެ ފިހާރައިގެ ސޭޓު "އަދިވެސް" އަށް ކިޔައިދިނެވެ.

"ވަގު މީހާ ފިހާރަތެރޭގައި ހުއްޓާ ޕޮލިސް އައީ،" އެ ފިހާރައިގައި އިންނަ އިންޑިއާ ސޭޓު ބުންޏެވެ. "ވަތްގަނޑުގައި އެއްވެސް ލާރި ނުހުންނަނީ. ވަކިލާރި އެކަނި ހުންނަނީ."

ވަގުކަލޭގެ އަތުލައިގަނެގެން ފުލުހުން ގެންދިޔަ މަންޒަރު ދުށް މީހަކު ބުނީ އެއީ އުމުރުން ފަންސާހަކަށް އަހަރުގެ މީހެއް ކަމަށާއި އެ މީހާއަކީ ވައްކަން ކުރުމަށް މާލޭގައި މަޝްހޫރު މީހެއް ކަމަށެވެ.
"އޭނާ ދޫވެފައި ހުންނަންޖެހޭ އެއްވެސް ސަބަބެއް ނެތް،" އޭނާ ބުންޏެވެ. "ތަޖުރިބާގެ އަލީގައި އޭނާ އެ ބެލީ ހުކުރު ދުވަސް ވީމަ، ހެނދުނު ފިހާރަ ހުޅުވަން މީހުން ނާންނާނެތީ އާއި މަގުމަތީގައި ވެސް މީހުން މަދުވާނެތީ ހުކުރު ދުވަހު ފަޅާލަން."
ވަގުކަލޭގެ ފުރާޅުމައްޗަށް އަރާފައި ހުރި ކަމަށް ބެލެވެނީ އެ ދިމާލު ބޮޑުތަކުރުފާނު މަގުގައި، އަތޮޅު ފިހާރަތައް ކުރިމަތީގައި ހުންނަ ދިއްގާ ގަހަކުން އަރައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ އަދި ބުނީ ފުލުހުން އެ ވަގުކަލޭގެ އަތުލައިގަތީ ސީ.ސީ ޓީވީން ލައިވްކޮށް ބަލައިގެން ކަމަށް ގަބޫލްކުރެވޭ ކަމަށެވެ.
މި ވައްކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ފުރާޅު ޓިނުގަނޑު ކަފާލަން ވަގުކަލޭގެ ބޭނުންކުރި އާލަތްތައް ފުރާޅުމަތިން ހޯދައިގެން ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ގެންގޮސްފައެވެ.



advertisment