ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އުފަން ރަށް، ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމާއި އެ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އެ މަނިކުފާނު މިއަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސިޓީގައި ކުރިން އޮތް ނަރުދަމާ ނިޒާމާ އަދި އިންޖީނުގޭގެ ހުރި ދަތި އުނދަގޫތަކާއެކު ރައްޔިތުންނަށް ގިނަ ތަކުލީފުތަކަކާ ކުރިމަތިވަމުންދިޔަކަން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް މިއަދު ޢަމަލީ މަސައްކަތް ފެށި މި ދެ މަޝްރޫޢާއެކު މި ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ފުވައްމުލަކުގައި މި ސަރުކާރުން ކުރިޔަށްގެންދަވާ އެކިއެކި މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާކަންކަން ހުއްޓުމެއްނެތި ކުރިޔަށްގެންގޮސް ނިންމަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިއަދު މަސައްކަތް ފެށި އެ ސިޓީގެ ނަރުދަމާ ނިޒާމުގެ މަޝްރޫޢު ދަށުން ވެކިއުމް ޕަމްޕުތަކާއި ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ބަދަލުކުރުމާ އަދި މުޅިން އަލަށް މޮނިޓަރިން ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ ހަ މަސްދުވަހުގެ ތެރޭގައެވެ.
މިއަދު މަސައްކަތް ފެށި ފުވައްމުލަކު ސިޓީގެ އައު އިންޖީނުގޭގެ މަޝްރޫޢާއެކު އެ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ މައްސަލަތައް ޙައްލުވެ، ތަނުގެ ހިންގުމުގެ ޚަރަދުތަކަށްވެސް ލުއިކަން ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ފުވައްމުލަކު ސިޓީގެ މިހާރުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 5.4 މެގަވޮޓެވެ. އައު އިންޖީނުގެ ޤާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރުސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫޢުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތްތައް ނިމޭއިރު ފުވައްމުލަކު ސިޓީއަށް ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރަށް ދަތިނުވެ ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment