ފާޑުކިއުންތައް އަމާޒުވެފައިވާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ގާނޫނުން ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުންކުރައްވައި، ކަރަންޓީންނުވެ، ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ރަށްރަށަށް ވޯޓުލާން ދެވޭގޮތަށް މިއަދު ހަމަޖައްސަވައިފިއެވެ.
މައިމޫނާ މި ގަރާރު ނެރުއްވީ މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު 20 އަތޮޅުގެ 72 ރަށެއްގައި 972 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
"…ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، ކޮވިޑް-19ގެ ހާލަތުގައި، ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީ ފަޅާއި، ހުޅުލެ) އިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާއި ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން 2021 އެޕްރީލް 11 ވަނަ ދުވަހުގެ ނިޔަލަށް، ތިރީގައިވާ ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއެކު، ވޯޓުލުމަށްޓަކައި، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރަށަށް 10 ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފީމެވެ." ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށްފައިވާ މައިމޫނާގެ ގަރާރެއްގައިވެއެވެ.
ކަރަންޓީންނުވެ ވޯޓު ލާން ދެވޭ އުސޫލުތައް
-
- ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން.
- ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
- މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
- ވޯޓުލުމަށްފަހު، ގިނަވެގެން 48 ގަޑިއިރުގެ ތޭރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން.
- ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.
- ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.
- ކޮވިޑް-19ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި ޢަމަލުކުރުން.
މައިމޫނާ އަދި އަމުރުކުރައްވާފައިވާ ގޮތުގައި މި އެންގުމުގެ ދަށުން ރަށްރަށަށް ދަތުރުކުރެވޭނީ، ވޯޓުލުމަށް ޓަކައި ދާ ފަރާތްތަކަށް އެކަންޏެވެ. އަދި އެ ފަރާތްތަކުން، ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ އެންމެހައި ފިޔަވަޅުތަކަށް ޢަމަލުކުރާންވާނެއެވެ.
"މަތީގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަހުރެން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެއެވެ.
"މަތީގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަމެވެ."



advertisment