ސަތާރަ ފުޅި ބަނގުރަލާއެކު ބަންގްލަދޭޝް ދެމީހަކު ފުލުހުން ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
މި ގޮތުން ތަފާތު ދެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ 21 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފަ އިވަނީ ހުޅުމާލެ އެމްޕީއެލް ޖެޓީ ކައިރިން އިއްޔެ ހަވީރުގެ ވަގުތެއްގައި ހުއްޓުވި ކާރެއްގެ ޑިކީން ފެނުނު ދަބަހެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ފުޅި ފެނުމާ ގުޅިގެންނެވެ. އަދި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ބްރިޖް ހައިވޭ އިން އޭނާ ދުއްވާފައި ދަނިކޮށް ހުއްޓުވައި، އޭނާގެ އަތުގައި އޮތް ކޮތަޅެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ފުޅި ފެނުމާ ގުޅިގެންނެވެ.
މި ދެ މައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.



advertisment