ސަރުކާރުގެ މައި ސިޔާސަތަކީ ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް އިފްތިތާޙު ކުރުމަށްޓަކައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންނަކީ ޤައުމުގެ ހުރިހާ ދާއިރާތަކުން، ޤައުމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުން މި އަހަރުވެސް އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ޓެކްނިކަލް ދާއިރާތަކުން ޤައުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވީއިރު، އެކަން ކުރުން ލަސްވެފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، ފަންނީ ވަޒީފާތަކަށް ޤާބިލު ދިވެހިން ތަމްރީނުކުރުމަށްޓަކައި މި ސަރުކާރުން، ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ މަސައްކަތުގެ ހެޔޮ ނަތީޖާ ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.
"ދިވެހިރާއްޖެ ދަތުރު ކުރަމުން މިދަނީ ވަރުގަދަ ލާމަރުކަޒީ ނިޒާމަކަށް. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ރަށުން، އަތޮޅުން ދެވޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހައިން ފޯރުކޮށްދިނުމަކީ އެއީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅު ކުރިޔަށްގެންދަވަމުން ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން، ރަށުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެކަނިވެސް ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރެއަށް އެ ދެވުނު ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އެމް.އާރު.އައި، ސީޓީ ސްކޭންގެ ޚިދުމަތުން އެކަނިވެސް މާލެއިން ބޭރުން ގާތްގަނޑަކަށް ތިންހާސް ސީޓީ ސްކޭނާއި، ތޭރަސަތޭކައެއްހާ އެމް.އާރު.އައި ހެދިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ޚިދުމަތްތައް ފޯރުކޮށް ނުދެވުނުނަމަ އެ ޚިދުމަތްތައް ހޯދުމަށްވެސް ތަކުލީފުތަކާއެކު އަންނަންޖެހިފައި އޮންނަނީ މާލެއަށް ކަމުގައިވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ މިއަދު އިފްތިތާޙު ކުރެވިގެންދިޔަ "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް" ވުޖޫދަށް ގެނައުމުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުންނެވެ. މިއަދުގެ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment