Support Us

މިހާރުވެސް މި ސަރުކާރުގެ 1200 އަށްވުރެ ގިނަ މަޝްރޫޢު އެބަހިނގާ: މަބްރޫކު

މިހާރުވެސް މި ސަރުކާރުގެ 1200 އަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކަމަށާއި ފާއިތުވި މަސް ދުވަހުގައި ނުވަ މަޝްރޫޢެއް ނިމި ހަތް މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރަުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ހާމަކުރެއްވުމަށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ އެ މަޝްރޫއުތަކުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ އެކްސްޓެންޝަނާއި ފެރީ ޓާރމިނަލްތައް މަރާމާތުކުރުމާއި ބަނދަރުތަކާއި ޖިމްތައް ހެދުން ފަދަ މަޝްރޫއުތައް ހިމެނޭ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ފާއިތުވި ދެ އަހަރަކީ ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިޔަ ދެ އަހަރު ކަމަށެވެ.

މީގެ އިތުރުން އެތައް ޒަމާނެއްވެ ފުނިޖެހި ނެގޭނެ ގޮތެއް ނެތިފައި ހުރި ކުނިތައް ނެގުމުގެ މަޝްރޫޢެއް ފެށިގެން ކުރިޔަށްދާކަންވެސް މަބްރޫކް ފާހަގަކުރެއްވިއެވެ. ރަށްރަށުގެ ކުނިނައްތާލުމުގެ ނިޒާމަށް ރަނގަޅު ބަދަލެއް ގެނައުމަށް ކުރެވޭ މި މަސައްކަތުގެ ދަށުން އަށް ރަށެއްގެ މަސައްކަތް ނިމި ހަ ރަށެއްގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި އަދި އިތުރު ހަ ރަށެއްގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.

ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔަ މި ޕްރެސް ކޮންފަރެންސް ފައްޓަވަމުން މަބްރޫކް ވަނީ މިވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. އެ ގޮތުން ނިމިދިޔަ 2020 ވަނަ އަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއާ އަދި މުޅި ދުނިޔެއަށް ކުރިމަތިވި ދަތިއުނދަގޫ ޙާލަތާއެކު މިއިން ޒަމާނަކުވެސް ރާއްޖެ ތަޙައްމަލު ނުކުރާހާ މިންވަރަށް އިޤްތިޞާދީގޮތުން ދަތި ޙާލަތެއް ތަޙައްމަލުކުރަން ޖެހުނު އަހަރެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު 26 އިންސައްތަ އާއި 29 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދިޔަ ކަމަށާއި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލިއިރު، ރާއްޖެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން ފަށާފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެނދުގެ 80 އިންސައްތަ އޮޕަރޭޝަނަލައިޒްވެފައި ވާކަމަށާއި އެހެންކަމުން މި އަހަރުގެ ދެވަނަ ކުއާޓަރގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތައް އަންނަން ފަށާނެ  ކަމަށް ބެލެވޭ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންގެންދާ ޤައުމީ މަސައްކަތްތަކުގެ ތަފްޞީލުތައް ދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އެޕްރީލް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެ ކަމަށާއި އެއާއެކު އެޕްރީލް އަދި މެއި މަސް ނިމޭއިރު އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19ގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކްވަނީ ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް