މަސްތުވާތަކެއްޗާއެކު ގދ. ގައްދޫ އާއި ގއ. ވިލނިގިލިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގައްދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މަހުގެ 26 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު އެރަށު ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަަރު ޕެކެޓެއް އޭނާ އަތުން ފެނުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެރަށު ފަޅުތެރޭގައި އޮތް ދޯންޏެއްގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މި މާރިޗު މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ އެ ބޯޓަށް ފުލުހުން އަރައި ބަލައިފާސްކުރިއިރު، އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
މީގެ އިތުރުން މާލެއިން ނ. އަތޮޅަށް ދާ ދޯންޏަކުން ކުޑަފަރީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މާރިޗު މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެރަށު ބަނދަރާ ދޯނި ގާތްކުރި ވަގުތު ފުލުހުން އެ ދޯންޏަށް އަރައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަަހުގީގު ކުރަމުންނެވެ.



advertisment