އއ. އުކުޅަހާއި އއ. ތޮއްޑޫގައި ޒަމާނީ އިންޖީނުގޭގެ ބިންގާ ސްޓެލްކޯ އިން މިއަދު އަޅައިފިއެވެ.
ދެ ރަށުގައި އޮތް ދެ ރަސްމީޔާތެއްގައި އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.
ކަސްޓަމާ ސަރވިސް އިމާރާތަކާއެކު ފަސް މެގަވޮޓްގެ ކެޕޭސިޓީއެއް ގާއިމް ކުރެވޭ ގޮތަށް ތޮއްޑޫގައި އިމާރާތްކުރާ އިންޖީނުގެ ވެގެންދާނީ ތޮއްޑޫއަށް އަންނަމުންދާ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިޔާއަށް ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.
ދަނޑުވެރިކަމަށް މުޅި ރާއްޖެއަށްވެސް މަޝްހޫރު ތޮއްޑޫގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވިއިރު އެ ރަށުގެ ކުލަބު ޖަމިއްޔާ ފޯރީގައި، ދެ ޖަމިއްޔާއަކުން އައީ ދެ އިންޖީނުގެއަކާއި، ދެ ޑިސްޓްރިބިއުޝަން ވިއުގައެއް ހިންގަމުން ކަމުގައި ސްޓެލްކޯއިން ބުނެއެވެ.
އާ އިންޖީނުގޭގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ ހާއްސަވާނީ މުވައްޒަފުންނަށް ޓްރެއިނިން ދިނުމަށާއި، މީޓިންތަކަށެވެ. ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ދެވަނަ ފަންގިފިލާ ޑިޒައިންކޮށްފައިވާނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށެވެ. މީގެ އިތުރުން އިންޖީނުގެ އަކީ އަޑުމަޑު ތަނަކަށް ހެދުމަށް ނިންމާފައިވާއިރު، ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތައް އެ އިމާރާތުގައި ހަރުކޮށް މުޅި އިންޖީނުގެއަކީވެސް މަސައްކަތް ކުރަން ރައްކާތެރި ތަނެއްގެ ގޮތުގައި ހެދިގެންދާނެކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.

އުކުޅަހުގައި މިހާރު ހިދުމަތް ފޯރުކޮށްދެމުން ގެންދާ 812 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި ހަތަރު މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް ބިނާކުރުމުން ގެސްޓްހައުސްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށާއި ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އުކުޅަހު އިންޖީނުގެވެސް ވެގެންދާނީ އިތުރު ސަލާމަތީ ހިދުމަތްތަކާއެކު، ވެންޓިލޭޝަން ރަނގަޅު އަދި އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރު ރަނގަޅު ތަނަކަށް ކަމަށާއި އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަމުގައި ވެސް ސްޓެލްކޯ އިން ބުނެއެވެ.



advertisment