Support Us

ޓެންޒެނިޔާގެ އައު ރައީސް އަށް ތަހުނިޔާ ވިދާޅުވެއްޖެ

ޓެންޒެނިޔާގެ ރައީސް ކަމުގެ މަޤާމާ ސަމިއާ ސުލޫހޫ ޙަސަން ޙަވާލުވެވަޑައިގަތުމާ ގުޅިގެން އެ ކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ޓެންޒެނިޔާގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ރޮނގުންނާއި ކޯވިޑް-19 އިން ސަލާމަތްވުމަށް ކުރަމުންގެންދާ މަސައްކަތުގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރުން އެއްބާރުލުންދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޓެންޒެނިޔާގެ ރައީސްއަށް ފުރިހަމަ ޞިއްޙަތެއް ދެއްވުމަށާއި، އެ ކަމަނާގެ ޒަޢާމަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.

ޓެންޒެނިޔާގެ ރައީސް ކަމުގެ މަޤާމަށް ސަމިއާ ސުލޫހޫ ޙަސަން އިސްކުރީ ކުރީގެ ރައީސް ޖޯން ޕޮމްބޭ ޖޯސެފް މަގުފުލީ އަވަހާރަވުމާ ގުޅިގެންނެވެ. ޖޯސެފް އަވަހާރަވުމާ ގުޅިގެން، އާ ރައީސް ސަމިއާ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މިމަހުގެ ކުރީކޮޅު ރައީސް ޖޯސެފް މަގުފުލީ އަވާހަރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޓެންޒެނިޔާއަށް ކުރިމަތިވި މި ހިތާމައިގައި އެ ޤައުމުގެ ރައްޔިތުންނާއެކު، ދިވެހިރާއްޖެއިން ވެސް ކޮމަންވެލްތު ޢާއިލާގެ މެންބަރެއްގެ ގޮތުން ބައިވެރިވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަދި ރައީސް ޖޯސެފް މަގުފުލީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ރައީސް މަގުފުލީގެ ޢާއިލާގެ ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޓެންޒެނިޔާގެ ހަ ވަނަ ރައީސްގެ ޒައާމަތުގައި ދެޤައުމުގެ ގުޅުން ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *