އދ. ފެންފުއްޓާއި ރ. ރަސްމާދޫއިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށް އެ ދެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ރޭ އދ. ފެންފުށިން މާމިގިއްޔަށް ޑިންގީއެއްގައި ގޮސްފައި އެނބުރި ފެންފުއްޓަށް ދިޔަ ދެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކުޑަ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 33 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މާލެއިން ފުރައިގެން ރަސްމާދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ލޯންޗުން ގެންދިޔަ ކޮތަޅަކާ ހަވާލުވި 19 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން މި މާރިޗު މަހުގެ 16 ވަނަ ދުވަހު މާލެއިން އއ. ތޮއްޑުއަށް ދިޔަ ލޯންޗަކުން ބޭލި ކޮތަޅެއް ހަވާލުވާނެ މީހަކު ނެތި ހުރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ކޮތަޅު ގެންގޮސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 12 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވާ ކަމަށް ފުލުހުން ބުނެއެވެ.



advertisment