Support Us

ކޮލަމް: ދޭހަ

ބޯހިޔާވަހިކަމާ ބެހޭ ޤާނޫނެއް ބޭނުންވޭ

ކަމެއް ކުރާގޮތް ތިމާއަށް ރަނގަޅިއްޔާ ރަނގަޅޭ ބުނުމަކީ ގޯހެއް ނޫނެވެ. ކަމެއް ކުރާގޮތް ތިމާއަށް ގޯހިއްޔާ، ގޯހޭ ބުނުމަކީ ވެސް ގޯހެއް ނޫނެވެ. މި ސަރުކާރުން އެންމެ ފަހުން ހާމަކޮށްފައިވާ މާލޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ، އަޅުގަނޑުގެ ނަޒަރުގައި މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން ހާމަކޮށްފައިވާ އެންމެ ހަމަޖެހޭ ސިޔާސަތެވެ. އަޅުގަނޑު މިދަންނަވަނީ ސިޔާސަތުގެ ވާހަކައެވެ. ފުލެޓް މިހުންނާއި ހަވާލުކުރެވޭ ގޮތުގެ ވާހަކައެއް ނޫނެވެ. ޕޮއިންޓުދެވޭ ގޮތުގެ ވާހަކައެއް ވެސް ނޫނެވެ.

މުސްތަޤްބަލްގައި މާލޭގައި ފުލެޓް ދޫކުރެވޭނީ ހަތަރު ބަޔަކަށް ބެހިގެން ކަމުގައި ވެއެވެ. ފުރަތަމަ ބަޔަކީ ކައުންސިލް ހައުސިންއެވެ. ކައުންސިލް ހައުސިންްގައި ގެންގުޅޭ އުޞޫލެއް ކަމަށް ލަފާކުރެވެނީ ބޭރުގެ ބައެއް ޤައުމުތަކުގައި މުނިސިޕަލް ހައުސިންގައި ގެންގުޅޭ އުޞޫލެވެ. ދުވަހަކު ވެސް އެތަން މިލްކު ނުކުރެވޭ ގޮތަށެވެ. ނުގަނެވޭ ގޮތަށެވެ. އެ ތަންތާނގައި ދިރިއުޅޭނެ ކަމަށް ބަލަނީ ގޭބިސީއަކަށް މަހަކު ލިބޭ އާމްދަނީގެ މައްޗަށް ބަލާފައި ސަރުކާރުން ހަދާފައި އޮތް ގިންތިތަކުގެ ތެރޭގައި އެންމެ މަދުން އާމްދަނީ ލިބޭ ގޭބިސީ އެވެ. ފަސް މީހުންގެ ގޭބިސީއަކަށް އެވްރެޖްކޮށް، މަހެއްގެ މައްޗަށް އާމްދަނީ އަށް ސޯޅަ ހާސް ރުފިޔާ ނުލިބޭނަމަ، މި ބޭނުމަށްޓަކައި ސަރުކާރުން ބަލާފައިވަނީ އެއީ ފަޤީރު ޢާއިލާއެއްގެ ގޮތުގައެވެ. ކައުންސިލް ހައުސިންގައި ދިރިއުޅޭ މީހުން އެތަނުގައި ދިރިއުޅެނީ ވަގުތީ ހިޔަލެއްގެ ގޮތުގައެެވެ. އެމީހުންނަށް ދިރިއުޅެވޭނޭ ރަނގަޅު ތަނެއް ލިބުމާއި އެކު އެތަނަކަށް ބަދަލުވާ ގޮތަށެވެ.

ކައުންސިލް ހައުސަކަށް ކުއްޔަށް ދައްކަންޖެހޭނީ މަހަކު 6،600ރ. ކަމުގައި ވެެއެވެ. މި ގޮތަށް ހަމަޖެހުނަސް ނުކުންނާނެ މައްސަލައަކީ އެތާނގައި ދިރިއުޅެނީ އެތަން ކުއްޔަށް ދޫކުރެވުނު ފަރާތްތޯ ބެލުމެވެ. އެތަން ރަސްމީކޮށް ކުއްޔަށް ދިން ފަރާތް، އެހެން ފަރާތަކަށް އެތަން ކުއްޔަށް ދިނުމަކީ ކޮށްފާނެ ކަމެކެވެ. ތޮއްޖެހިފައި އޮތް މާޙައުލެއްގައި ދިރިއުޅޭ މީހުންނަށް ނުވަތަ ބޯހިޔާވަހިކަމުގެ ދަތިކަން އޮންނަ މީހުންނަށް، މިހާރު ވެސް ސަރުކާރުން ކަނޑައަޅައިފައި އޮންނަ އުޞޫލަކުން ޝަރުތު ހަމަވެގެން، އެންމެ ގިނައިން ޕޮއިންޓު ލިބޭ މީހުންނަށް ފުލެޓް ދޫކުރެވެއެވެ. އެހެންނަމަވެސް އެގޮތަށް ދޫކުރެވޭ ބައެއް ފުލެޓްގައި ދޫކުރެވޭ މީހާ ނޫން އެހެން ފަރާތެއް ކުއްޔަށް ނުވަތަ އެހެންވެސް ގޮތަކަށް ދިރިއުޅޭ ކަމުގެ ޝަކުވާގެ އަޑަކީ ވަރަށް ގިނައިން އިވޭ އަޑެކެވެ. ބޯހިޔާވަހިކަމާ ބެހޭ އޮފީހުން ދާދިފަހުން ބޭއްވި ބަައްދަލުވުމެއްގައި އެތަނުގެ އެންމެ އިސްވެރިޔާ މިކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެއީ ހޯދަން ވަރަށް އުނދަގޫ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

ދެވަނަ ބަޔަކީ އެފޯޑަބަލް ހައުސިންއެވެ. އެއީ މަދު މިންވަރަކަށް އާމްދަނީ ލިބޭ ގޭބިސީ އެވެ. މަހެއްގެ މައްޗަށް 16,000ރ. އާއި 32,000ރ. އާ ދެމެދުގެ އާމްދަނީ އެއް ލިބޭ ގޭބިސީ އެވެ. މި ގިންތީގެ މީހުންނަށް ދިގު މުއްދަތެއްގެ ތެރޭގައި ފުލެޓް މިލްކު ކުރެވެއެވެ. މި ތަނުގެ ކުއްޔަށް ދައްކަންޖެހޭނެ ކަމުގައި ވަނީ މަހަކު 6,800ރ. އާއި 12,000ރ. އާ ދެމެދުގެ އަދަދެކެވެ.

ތިންވަނަ ބަޔަކީ މިޑުލް އިންކަމްގެ މީހުންނެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ މެދުމިންވަރަކަށް އާމްދަނީ ލިބޭ މީހުންނެވެ. އެއީ މަހަކު 32,000ރ. އާއި 64,000ރ. އާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ މީހުންނެވެ. އެމީހުންނަށް މަހަކު ދައްކަންޖެހޭނީ 13,000ރ.  އާއި 23,000ރ. އާ ދެމެދުގެ އަދަދެކެވެ. މި ގިންތީގެ މީހުންނަށް ބޭންކް ލޯނު ނަގައިގެން ވަގުތުން ފުލެޓް މިލްކު ކުރެވެއެވެ.

އެންމެ ފަހުގެ ބަޔަކީ މަހަކު 64,000ރ. ގެ އާމްދަނީއެއް ލިބޭ ގޭބިސީ އެވެ. މި ބައި ބަލާފައިވަނީ މުއްސަނދިންގެ ގޮތުގައެވެ. މި ބަޔަށް ފުލެޓް ވިއްކަނީ އެއިރެއްގައި މާރުކޭޓްގައި އަގުހުރި ގޮތަކަށެވެ.

ބޯހިޔާވަހިކަމުގެ އާ ސިޔާސަތުގައި އެންމެ އަޅައިގަންނަ އެއްކަމަކީ ތަފާތު މަސައްކަތްތަކުގެ މީހުންނަށް ޚާއްޞަ ބައެއް ނުއޮންނަ ކަމެވެ. ފުލެޓް ބޭނުންވާ މީހުން ލައްވާލާނީ ހަތަރު ބައިންކުރެ އެމީހެއްގެ ބަޖެޓަށް ފެތޭ  ބަޔަކާއެވެ. ބައިތައް އޮންނަނީ އެމީހަކަށް ލިބޭ އާމްދަނީ އަކާއި ގުޅިފައެވެ. މީހުން ހޮވޭނެ ގޮތެއް ކަމަށް ލަފާކުރެވެނީ މިހާރުވެސް މީހުންނަށް އިސްކަންދިނުމަށް އޮންނަ ސިޔާސަތުގެ ތެރެއިންނެވެ. އެމީހެއްގެ ޒަރޫރީ ޙާލަތަށް ރިޢާޔަތްކުރެވިގެންނެވެ.

މީގެ ދެތިން އަހަރު ކުރިން އަމަލުކުރަމުން ގެންދިޔަ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ސަރުކާރުގެ ބައެއް އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ތަފާތު ގޮތެއް ބޭނުންކުރިއެވެ. ބޮޑު އާމްދަނީއެއް ހޯދާ ސަރުކާރުގެ ބައެއް އޮފީސްތަކުން އަމިއްލައަށް އެ އޮފީހުގައި މަސައްކަތްކުރާ މީހުންނަށް އިމާރާތެއް އަޅައިދޭން އުޅުނެވެ. މިގޮތަށް، އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ރައްޔިތުންގެ އަތުން އެންމެ ގިނައިން ޓެކްސްގެ ގޮތުގައި ފައިސާ ނަގާ ދެ އޮފީހެކެވެ. އެއް އޮފީހަކުން އިންވެސްޓަރުން ހޯދުމަށް ބޭރު ޤައުމަކަށް އެ އޮފީހުގެ ދެތިން ވެރިއަކު ދަތުރުކުރެއްވި ކަމުގައި، އެތަނުގައި މަސައްކަތްކުރާ ވެރިއެއްގެ ފަރާތުން މަޢުލޫމާތު ލިބުނެވެ. އޮފީހެއްގެ ފަރާތުން އެތަނުގައި މަސައްކަތްކުރާ މީހުންނަށް، އެތަނުގައި މަސައްކަތްކުރާތީވެ އިމާރާތެއްް ޚާއްޞަކުރެވޭނަމަ، އެ އިމާރާތެއް އަބަދުވެސް ހުންނަންވާނީ އެގޮތުގައެވެ. ބޯހިޔާވަހިކަމުގެ މިހާރުގެ ސިޔާސަތުގައި ކައުންސިލް ހައުސިންގައި އަމަލުކުރެވޭ ގޮތަށެވެ.

ސަރުކާރުގެ މިހާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ރަނގަޅަށް ސާފުވާ ގޮތަށް އަވަހަށް ޤާނޫނެއް ހެދެންވީއެވެ. އެ ޤާނޫނުގައި ޕޮއިންޓް ދެވޭގޮތާއި އިސްކަންދެވޭ ގޮތް ސާފުކޮށް އެނގެން އޮންނަންވީއެވެ. އަދި ގުރުއަތުން ފުލެޓްތަކަށް މީހުން ހޮވޭ ގޮތްވެސް އޮންނަންވީއެވެ. ފުލެޓް ދިނުމަށް ހޮވުނު މީހުންނަށް ޕޮއިންޓް ދީފައި ހުރިގޮތް ވެސް އޮފީހުގެ ނޯޓިސްބޯޑުގައި ޢާއްމުކުރުން ލާޒިމް ކުރެވެންވީއެވެ. އެއިރުން ނުބައި މަޢުލޫމާތެއް ދީގެން ފުލެޓެއް ހޯދުން ކާމިޔާބުކޮށްފައި އޮވެއްޖެ ނަމަ، އެކަން ފުލެޓް ނުލިބޭ މީހުންނާއި ނޫސްވެރިން ބަލައިދޭނެއެވެ. ސަރުކާރަށް އެނގުމުގެ މާކުރިންނެވެ. (މަތީ މަޤާމްގައި ތިއްބަވާ ބައެއް ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އާމްދަނީ ހާމަކުރުމަށް ޤާނޫނު ލާޒިމް ކުރީއްސުރެ، އެކަން ޢާޢްމުކުރުމަށް އަޅުގަނޑު ލިޔަމުން ގެންދިޔައީމެވެ. އެބޭފުޅުން ނުބައި މަޢުލޫމާތު ޤަސްދުގައި ނުވަތަ އޮޅިގެން ނަމަވެސް ދެއްވާފައި އޮވެއްޖެނަމަ ނޫސްވެރިން އެކަމެއް ބަލައި ސާފުކޮށްދޭނެ ކަމަށް ބުނެއެވެ. މިހާރު މިއޮތީ އެދުވަސް އައިސްފައެވެ.)

ބޯހިޔާވަހިކަމާ ބެހޭ ޤާނޫނެއް އޮތުމުން ލިބޭނެ ފައިދާ އަކީ، ބޯހިޔާވަހިކަމާއި ބެހޭ އޮފީހުގެ ވެރިޔާ ބަދަލުވުމާއި އެކު ނުވަތަ ސަރުކާރު ބަދަލުވުމާއި އެކު އާ ވެރިންނަށް ބޭނުން ގޮތަކަށް ކަންތައް ބަދަލު ކުރެއްވުމުގެ ފުރުޞަތު ހަނިވާނީއެވެ. ބޯހިޔާވަހިކަން ފަދަ ރައްޔިތުންނާއި ގުޅޭ މުހިއްމު ކަމެއްގައި ރައްޔިތުންގެ ބަހެއް އޮތުން މުހިއްމުކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. ފަންނީ ބޭފުޅުންގެ ފަންނީ ނިންމެވުން ސިޔާސީ ގޮތުން ވިއްކެވުމަށް ވެރިކަންކުރާ ޕާޓީގެ އިސް ބޭފުޅުންނާއި، ޕާލަމެންޓުރީ ގުރޫޕާއި، މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީގެ ބޭފުޅުންނާއި ބައްދަލު ކުރައްވާ ބިލް އޮޅުންފިލުވާދެއްވަންވީއެވެ. ފަހަކަށް އައިސް އެމެރިކާގައި ކަންތައް ހިނގާދިޔަގޮތުން ޢިބްރަތެއް ޙާސިލްކުރައްވާށެވެ. އެމެރިކާގައި ވެސް އޮންނަނީ ރިޔާސީ ނިޒާމެކެވެ. ރައީސަކަށް ހުންނަވާ ބޭފުޅަކަށް ސެނޭޓުގެ އަޣްލަބިއްޔަތު ނުއޮންނައިރު ބޭނުންފުޅު ގޮތަކަށް ޤާނޫނު ފާސްނުކުރެވޭތީވެ ކޮންމެހެން ކުރައްވަން ބޭނުންފުޅު ކަންކަން ކުރައްވަނީ ރިޔާސީ އަމުރު ނެރުއްވައިގެންނެވެ. އެހެން ޕާޓީއެއްގެ ރައީސަކު ވެރިކަމަށް އައުމާއި އެކު އެންމެ ފުރަތަމަ ކުރައްވާ ކަމަކީ އެ އަމުރުތައް ބާތިލު ކުރެއްވުމެވެ. ބަރާކް އޮބާމާ އަށް ފަހު ޑޮނަލްޑް ޓުރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ކަން ކުރެއްވީ އެގޮތަށެވެ. ޖޯ ބައިޑަން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވެސް ކަންތައް ކުރެއްވީ އެގޮތަށެވެ. ޤާނޫނަކަށް ބަދަލެއް ގެނައުން، އަމުރެއް ނެރެގެން ނުވަތަ ހެދިފައި އޮންނަ ގަވައިދެއް ބަދަލުކޮށްގެން ކަންތައް ކުރާހާ ފަސޭހައެއް ނުވާނެއެވެ. އެކަމަށް ވަގުތުވެސް ނަގާނެއެވެ. ވިސްނަން، ތައްޔާރުވާން، ދިރާސާކުރަން، ތާއީދު ހޯދާން ވަގުތު ލިބޭނެއެވެ.