އަޅުގަނޑަށް ލިޔެވޭ ވަރަށް ގިނަ ޚަބަރުތަކުގެ މަޞްދަރެއްކަމުގައި "ބަރްނާމާ" ބަލައި، އެ ނަމާ ޙަވާލާދެވެއެވެ. އެ މަޢުލޫމާތު ހޯދީ ބަރްނާމާއިން ކަމަށް ލިޔެވެއެވެ. އެހެންކަމުން ބަރްނާމާގެ މާނައަކީ ކޮބައިކަމާއި އެއީ ކޮން ތަކެއްކަން އޮޅުންފިލުވައިދޭހިތް ވީއެވެ.
ބަރްނާމާ (Bernama) އަކީ ދިގު ނަމެއްގެ ރަމްޒެކެވެ. އެއީ ބްރީތާ (Berita)ގެ ފުރަތަމަ ތިން އަކުރާއި ނާސިއޮނަލް (Nasional)ގެ ފުރަތަމަ ދެ އަކުރާއި މެލޭޝިއާ (Malaysia)ގެ ފުރަތަމަ ދެއަކުރުން ހަދައިފައިވާ ނަމެކެވެ. އެބްރެވިއޭޝަނެކެވެ. އަޅުގަނޑުމެން "ސްޓެލްކޯ"، "ދިރާގު"، "ފެނަކަ"، ފަދަ ނަންނަން ހަދައިފައިވާ އުޞޫލުންނެވެ. "ބަރްނާމާ"ގެ ދިގު ގޮތަކީ "ޕަރްތުބުހާން ބްރީތާ ނާސިއޮނަލް މެލޭޝިއާ" (Pertubuhan Berita Nasional Malaysia) އެވެ. "ޕަރްތުބުހާން"ގެ މާނައަކީ އެޖެންސީއެވެ. "ބްރީތާ"އަކީ ޚަބަރެވެ. "ނާސިއޮނަލް"އަކީ ޤައުމީއެވެ. މިއީ މެލޭޝިއާގެ ޤައުމީ ނޫސް އެޖެންސީއަށް ކިޔާ ރަސްމީ ނަމެވެ.

މެލޭޝިއާގެ ޤައުމީ ނޫސް އެޖެންސީއަކީ ސަރުކާރުގެ އިދާރާއެކެވެ. މި އިދާރާ ހިނގަނީ މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން އެންޑް މަލްޓިމީޑީއާގެ ދަށުންނެވެ. ނަމަވެސް މިއީ، ޤާނޫނަކުން އުފެދިފައިވާ މިނިވަން މުއައްސަސާއެކެވެ. ހިނގަނީ ވެސް ވަރަށް މިނިވަންކޮށެވެ. ސަރުކާރުގެ ނުފޫޒެއް ނެތިއެވެ.
މެލޭޝިއާގެ ހުރިހައި އިދާރާއަކަށް ވެސް ނަން ކިޔައިފައި ހުންނަނީ އެ މީހުންގެ ޤައުމީ ބަސް ކަމަށްވާ މެލޭ ބަހުންނެވެ. އެ ނަމަކުން ދޭހަވާ މާނައެއް، އެހެން ބަހަކުން ތިރީގައި ލިޔެފައި ވެސް ހުރެދާނެއެވެ. މަޤާމުތަކަށް ވެސް ނަން ދީފައި ހުންނަނީ މެލޭ ބަހުންނެވެ. އެހެންވީމާ ނޫސް އެޖެންސީއަށް ވެސް މި ކިޔަނީ އެ މީހުންގެ ބަހުގެ ނަމެކެވެ. "މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން އެންޑް މަލްޓިމީޑީއާ"އަށް ކިޔާ ރަސްމީ ނަމަކީ "ކަމަންތަރިއާން ކޮމޫނިކާސީ ޑަން މަލްޓިމީޑިއާ" އެވެ. ކުރީން ދެންނެވީ އެ ނަމުގެ އިނގިރޭސި ތަރުޖަމާއެކެވެ.
"ބަރްނާމާ" ވުޖޫދަށް އައީ 1967 ގައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ޤާނޫނެއްގެ ދަށުން 1968 ވަނަ އަހަރު މޭ މަހު 20 ވަނަ ދުވަހުއެވެ. މިހާރު "ބަރްނާމާ" ހިންގަނީ ކުއަލާލުމްޕޯރގެ "ޖަލާން ތޫން ޢަބްދުއްރަޙުމާން" (މަގު)ގައި ހުންނަ "ވިސްމާ ބަރްނާމާ" އިމާރާތުގައެވެ. މި ޢިމާރާތް ހުންނަނީ "ޕަރްޕުސްތަކައާން ނާސިއޮނަލް" (ޤައުމީ ކުތުބްޚާނާ) ކައިރީގައެވެ. "ބަރްނާމާ"ގެ އެންމެ އިސް ވެރިޔަކީ "ޗެއަރޕާރސަން"އެވެ. އެ މަޤާމުގައި މިހާރު ހުންނަވަނީ ރަސް އަދީބާ މުޙައްމަދު ރާޟީއެވެ.
ބަރްނާމާގެ ގޮފިތައް މެލޭޝިއާގެ ހުރިހައި ސްޓޭޓެއްގައި ހިންގައެވެ. މީގެ އިތުރަށް އެ މީހުންގެ ކަރެސްޕޮންޑެންޓުން، އިންޑޮނޭޝިއާގެ ޖަކަރްތާއާއި ސިންގަޕޫރާއި ތައިލެންޑްގެ ބެންގކޮކާއި އިންޑިއާގެ ނިއުދިއްލީއާއި ޗައިނާގެ ބެއިޖިންގގައި ވެސް ތިބެއެވެ. އަދި އެމެރިކާގެ ވޮޝިންގޓަން ޑީސީއާއި ނިއުޔޯކްސިޓީއާއި އިނގިރޭސިވިލާޓުގެ ލަންޑަނާއި އޮސްޓްރޭލިއާގައި ވެސް، ބައިފަޅިއަށް މަސައްކަތްކުރާ ކޮރެސްޕޮންޑެންޓުން ތިބެއެވެ. އެ ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން ޢައްޔަންކޮށްފައެވެ.
މެލޭޝިއާއާއި ސިންގޕޫރުގައި ހުންނަ އެކި މީޑއާއަށް ޚަބަރާއި މަޢުލޫމާތު ހޯދުމަށް ޓަކައި "ބަރްނާމާ"އަށް އިޝްތިރާކުދައްކައެވެ. އަދި ބައިނަލްއަޤުވާމީ ބައެއް ނޫސް އެޖެންސީތަކުން ވެސް "ބަރްނާމާ"އަށް އިޝްތިރާކު ދައްކައިގެން ޚަބަރު ހޯދައެވެ.
އަޑާއި މަންޒަރު ބޭނުންކޮށްގެން ޚަބަރު ފެތުރުމުގެ ދާއިރާއަށް "ބަރްނާމާ" ނުކުތީ "ބަރްނާމާ"ގެ އޯޑިއޯ-ވިޜުއަލް ޑިވިޝަންގެ ގޮތުގައެވެ. ބަރްނާމާގެ އަމިއްލަ ޓީވީ ޗެނެލާއި ރޭޑިއޯ ޗެނެލް ވެސް ހުރެއެވެ. ބަރްނާމާ ރޭޑިއޯއަކީ ސައުވީސް ގަޑިއިރަށް ޚަބަރާއި މަޢުލޫމާޓު ފަތުރާ ޗެނަލެކެވެ. ކުއަލާލުމްޕޯރ ނުވަތަ ކްލާން ވާދީގައި ހުންނަ މި އިސްޓޭޝަންނުން 93.9 އެފްއެމް އާއި 107.5 އެފްއެމްއާއި 100.0 އެފްއެމްއާއި 107.9 އެފްއެމުން ޚިދުމަތްފޯރުކޮށްދެއެވެ. ބަރްނާމާޓީވީއަކީ މެލޭބަހާއި އިނގިރޭސިބަހާއި ޗައިނާބަހާއި ތަމަޅަބަހުން ޚަބަރު ފަތުރާ ޗެނެލެކެވެ. ޚަބަރާއި މަޢޫލޫމާތު ފެތުރުމުގެ ދާއިރާއިން މި ނޫނަސް ވަރަށް ގިނަ ޚިދުމަތްތައް ބަރްނާމާއިން ފޯރުކޮށްދެއެވެ.
ބަރުނާމާއާއި ބެހޭ ވަރަށް ގިނަ ވާހަކަތއް އަދިވެސް އެބަހުއްޓެވެ. ނަމަވެސް އެ ހުރިހާ ތަފްޞީލެއް ނުދެންނެވިޔަސް ބަރުނާމާއަކީ ކޮބައިކަން ދަންނަވައިލެވިއްޖެ ކަމަށް އުންމީދުކުރަމެވެ. ނިންމައިލުމުގެ ކުރީން ބަރްނާމާގެ ތާރީޚުގައި ހިނގައިފައިވާ ވަރަށް މުހިންމު ޙާދިސާއެއް ފާހަގަކޮށްލާނަމެވެ.
ޤައުމުން ބޭރުގައި މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ސޯމާލިޔާގައި މަރައިލެވުނު ދެ ނޫސްވެރީންގެ ތެރޭގައި ބަރްނާމާ ޓީވީގެ ޓީވީ ކެމެރާ އޮޕަރޭޓަރެއްގެ ގޮތުން މަސައްކަތްކުރި ނޫރަމްފައިޒުލް މުޙައްމަދު ނޫރު ހިމެނުމަކީ ބަރްނާމާގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ހިތާމައެވެ. އެއީ 2011 ވަނަ އަހަރު ސެޕްޓެމްބަރު 2ވަނަ ދުވަހުއެވެ.
