"ރާއްޖޭގެ ހުރިހާ މުދަލެއްގެ މިލްކުވެރިކަން ދާދިއަވަހަށް އެހެން ޤައުމަކަށް ލިބޭނެއެވެ." އަޅުގަނޑުގެ ރައްޓެއްސަކު ބުންޏެވެ.
"ތިޔަ ކަހަލަ ވާހަކަތައް ނުދައްކާށެވެ." އަޅުގަނޑު ބުނީމެވެ. "ތިޔަ ހުންނަނީ ޤައުމީ މަޞްލަޙަތާ ގުޅުން ހުންނަ ސީރިއަސް ކަންކަމެވެ."
އޭނާ ބުންޏެވެ. "ތިޔަ ކަމާ އެއްބަސްވަމެވެ. އަހަރެން މި ވާހަކަ މި ދައްކަނީ ވެސް ތިޔަހެންވެގެންނެވެ. މި ކަމާ ޤައުމީ މަޞަލަޙަތާ ގުޅުން ހުންނަލެއް ބޮޑު ކަމުންނެވެ."
"އެކަމަކު ތިޔަ ފަދަ ބޮޑެތި ވާހަކަތައް ދައްކާން ޖެހޭނީ އަސާސެއްގެ މައްޗަށް ނުވަތަ ހަރުދަނާ ހެކިތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ."
"ރަނގަޅު ވާހަކައެކެވެ." އޭނާ ބުންޏެވެ. "ހެކިތައް ބައިވަރެވެ. އަހަރެން މި ވާހަކަ ދައްކަނީ ސިއްރުކުރެވިފައިވާ ކަންކަން އޮތްތާ އޮއްވައި ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން ހުރި ހެކިތަކަށް އެކަނި ބިނާ ކޮށްގެންނެވެ. އަސާސެއް އޮތީމައެވެ."
"އެހެންވީ އިރު، އެންމެ ހެތްކެއް ނުވަތަ ޤަރީނާއެއް ދައްކައިފާނަން ހެއްޔެވެ؟" އަޅުގަނޑު ސުވާލުކޮށްލީމެވެ.
"އަހަރެން ދައްކާ ހެކިތައް އަޒީއަށް ކަނުލައި އަޑުއަހާން ކެރިދާނެ ހެއްޔެވެ؟" އޭނާ ވެސް ކޮށްލީ ސުވާލެކެވެ.
"އިރާދަކުރެއްވީތީ މީހުން ދައްކާ ވާހަކަ ކަނުލައި އަޑުއެހުމުގެ ޤާބިލުކަން މާތް ﷲ އަޅުގަނޑަށް ވެސް ވަނީ ދެއްވައިފައެވެ. އަޑުއަހާނަމެވެ. އަދި ފެންނަ އެއްޗެއް ބުނާނަން ވެސް މެއެވެ." އަޅުގަނޑު ބުނީމެވެ.
"އަޑު އަހާށެވެ!" އޭނާގެ ވާހަކަ ފެށީ ވެސް އޭނާ ދައްކާ ވާހަކަ އަޑުއަހާން އަޅުގަނޑަށް އަމުރުކުރަމުންނެވެ. "ޤައުމުގެ އިޤުތިޞާދު ހަމަ ގަސްތުގައި އިނދަޖައްސައިލާ ތަނެއް ނުފެނޭހެއްޔެވެ؟"
"އަޅުގަނޑަކީ އިޤުތިޞާދީ މީހަކަށް ނުވާތީ ތިޔަ ފަދަ ކަންކަމެއް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭނެއެވެ. އެކަމަކު ބުނާ އެއްޗެއް އެނގޭނެއެވެ." އަޅުގަނޑު ބުނީމެވެ.
"ދައުލަތުގެ ބަޖެޓުން އެތައް ބިލިޔަން ރުފިޔާއެއް ބަދަލުގެ ގޮތުގައި އެކި މީހުންނަށް ބަހަލި ވާހަކަ ވެސް އަޒީ ނާހަންހެއްޔެވެ؟"
އަޅުގަނޑު ބުނީމެވެ. "ތިޔައީ ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ޖެހިފައި އޮތް ފައިސާއެއްވީމާ ދޭން ޖެހޭނެ ނޫންހެއްޔެވެ؟"
"އިޤުތިޞާދީ ނަޒަކަކުން ވިސްނާ ނަމަ، ދިވެހި ސަރުކާރުން ދޭން ނުޖެހޭނެ ކަމަށް ކުރީން ކަނޑައަޅައިފައި އޮތް ފައިސާއެއް، ޝަރުޢީ ޙުމުކެއް ނެތި ދޭން ޖެހޭނެ ކަމަށް ޢަޒީ ވެސް ގަބޫލުކުރަނީހެއްޔެވެ؟"
"ތިޔައީ ވެސް ދޮގެއް ނޫން" ކަމަށް އަޅުގަނޑަށް ވެސް ބުނެލެވުނެވެ.
"ދެން ބަލައިބަލާށެވެ! ވަކި ޤައުމަކުން ސުމާރެއް ނެތި 'އެހީގެ ނަމުގައި' އެތައް ބިލިޔަން ރުފިޔާއެއް ދިން ނަމުގައި ވަނީ ގިނަ ޢަދަދެއްގެ ދަރަނި ނަގައިފައެވެ. މި ފައިސާ ބޭނުންކޮށްގެން ފައިދާ ލިބެނިވި މަސައްކަތްތެއް ކުރުމުގެ ބަދަލުގައި އެ ފައިސާ ހޭދަކޮށްފައި ވާކަމަށް އަދި ހޭދަކުރާ ކަމަށް ފެންނާން އޮތީ ރިކަރެންޓް ޚަރަދަށެވެ. މާނައަކީ މަންފާއެއް ނެތް، ހަމަ ޚަރަދުކޮށް ހުސްކޮށްލާ ޚަރަދަށެވެ. މުސާރައަށާއި ދަތުރުތަކަށެވެ. ހިންގުމުގެ ޚަރަދަށެވެ." އޭނާ ކިޔައިދިނެވެ.
"ހަމަ ހަގީގަތުގައި ވެސް ތިޔަކަން ތިޔަހެން ހުރި ނަމަ އެއީ ދެރަވަރު ކަމެކެވެ."
"ދެރަކަމުގެ ކޮޅެއް ވެސް ނެތެވެ." އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ހަމައެކަނި މިއަހަރުގެ ބަޖެޓަށް ވިސްނައިލުމުން ކުރީން އަހަރެން ބުނި ފަދައިން ގަސްތުގައި އިޤުތިޞާދު އިނދަޖައްސައިލާން އުޅޭކަން ހާމަވާނެއެވެ."
"އެއީ ކިހިނެއް ހެއްޔެވެ؟" އަޅުގަނޑު ސުވާލުކޮށްލީމެވެ.
"އަޒީއަށް ހަމަ އެކައްޗެއް ވެސް ނޭނގެނީހެއްޔެވެ؟"
"ބުނެބަލާށެވެ! ބުނީމާ އެނގިވެސްދާނެތާއެވެ!" އަޅުގަނޑު ބުނެލީމެވެ.
"ރާއްޖެއަށް އާމްދަނީ ލިބޭނެ މަގުތައް ހަނިވެފައިވާ، މި އަހަރު ވެސް ދައުލަތުގެ މިނިސްޓްރީތަކުގެ ހިންގުމުގެ ޚަރަދަށައި ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ ޒާތީ ޚަރަދުތަކަށް، ކުރީ އަހަރުތަކަށް ވުރެ އެތައް ގުނައެއް އިތުރުކޮށްފައިވާކަން އެ އޮތީ 2021 ވަނަ އަހަރުގެ ބަޖެޓުން ފެންނާށެވެ. އަދި ހަމައެކަނި މިއަހަރަށް، ސަތޭކަ އެތައް ސިޔާސީ މަގާމެއް އެ ވަނީ އިތުރުކޮށްފައެވެ. މި މަޤާމުތަކާއެކު ސިޔާސީ މަޤާމުތަކުގެ ޢަދަދު މިއަހަރު އެއްހާހާ ކައިރިކުރާނެއެވެ. ކުރީން އޮތް ސަރުކާރުގައި އިޤްތިޞާދީ ގޮތުން ކުރިއަރަމުން އައި އިރު ވެސް ސިޔާސީ މަޤާމުތަކުގެ ޢަދަދު ފަސް ސަތޭކައާ ކައިރި ވެސް ނުކުރެއެވެ. ނަމަވެސް ދައުލަތުގެ ރިޒަރވްގައި (ފަހަށް ރައްކާކޮށްފައި) ހުރި ފައިސާކޮޅާއި އެހެން ފަންޑްތައް ހުސްވެ، ދައުލަތުގެ އާމްދަނީ އެތައްއެތައް ގުނައަކަށް ދަށްވެފައި ވަނިކޮށް ދައުލަތުގެ ޚަރަދުތައް އިތުރުކޮށް ބޮޑެތި މުސާރަދޭ މަޤާމުތައް އެތައް ގުނައަކަށް އިތުރުކުރުމަކީ ނޭނގި ކުރާ ކަމެއް ކަމަށް ބުނެވޭނެހެއްޔެވެ؟" އޭނާ އޮޅުން ފިލުވައިދިނެވެ. "ދުނިޔޭގެ މާލީ އިދާރާތަކުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރާން ލަފާ ދީފައި ވާއިރު ވެސް ޚަރަދު ކުޑަކުރުމުގެ ހަމަ އެންމެ ފިޔަވަޅެއް ވެސް ނާޅައެވެ. ބޭނުމެއް ނެތް، ބޭކާރު ކޮމިޝަންތަކާއި ކޮމިޓީތައް ހަދައި އެއިން ކޮންމެ ތަނަކަށް އެތައް މެންބަރުންނެއް ޢައްޔަނުކޮށް އެ މީހުންނަށް ބޮޑެތި މުސާރަދެމުން ގެންދިޔުމުގެ ބޭނުމާމެދު ވިސްނައިލީމުހެއްޔެވެ؟ ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނެއް އޮއްވައި، އަދި އެ ތަންތަނަށް އެ މީހުންގެ ބައިކުދީން ހަމަޖައްސައިފައި ތިއްބައި، ކީއްކުރާ 'މަރު ކޮމިޝަނެއް' ހެއްޔެވެ؟ ކީއްކުރާ 'އެސެޓް ރިކަވަރީ ކޮމިޝަނެއް' ހެއްޔެވެ؟ 'ކަރެކްޝަނަލް ސަރވިސް’އަކާއި ހިޔުމަން ރައިޓްސް ކޮމިޝަނެއް އޮއްވައި ކީއްކުރާ 'ޖަލު ބަލަހައްޓާ ކޮމިޓީ’އެއް ހެއްޔެވެ؟ ހައުސިންގ މިނިސްޓްރީއަކާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީއެއް އޮއްވައި ކީއްކުރާ 'ފްލެޓް ކޮމިޓީއެއް' ހެއްޔެވެ؟ މިއިން ތަނަކުން ކުރި ކަމެއް ކުރެވުނު ކަމެއް އެބަ އޮތް ހެއްޔެވެ؟"
އަޅުގަނޑަށް ބުނާނެ އެއްޗެއް ނޭނގިފައި އިންދައި އަނެއްކާ ވެސް ވާހަކަދައްކާން ފެށީ އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ. "އަޒީ ވިސްނައި ބަލާށެވެ! އާމްދަނީ ލިބޭނެ ކޮޅުތައް މަދުވެ، އެ ފަދަ ވަސީލަތްތައް ހަނިވެފައިވާއިރު، މި ފެންނަނީ ދައުލަތުގެ ޚަރަދުތައް އިތުރުވެ، ދައުލަތުގައި ހުރި މަދު ފައިސާކޮޅު ވެސް ބޭރަށް ދާ ގޮތަށް ކަންކަން ބައްޓަން ކުރެވޭ ތަނެއް ނޫންހެއްޔެވެ؟ ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒިފުންގެ ޕެންޝަންގެ ކަންތައް ބަލަހައްޓާ އޮފީހުގެ ވެރިއަކަށް ބިދޭސީއަކު ހަމަޖެއްސުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އާދައިގެ ދިވެހީންގެ ވަޒީފާތައް ގެއްލި އާމްދަނީ ހޯދާން ކުރި މަސައްކަތްތަކަށް ހީނަރުކަން އައިސް، މަހުގެ އަގު ވެއްޓި ރައްޔިތުން ބިކަވެފައި ތިއްބައި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބިދޭސީން ހަމަޖައްސަނީ، ކިޔަވައިގެން ތިބި ދިވެހީން ނެތީހެއްޔެވެ؟ ނޫނެކެވެ. އޭގެ ނަތީޖާއަކީ އެ މީހުންނަށް ލިބޭ ބޮޑު މުސާރަ ޑޮލަރަށް ހަދައިގެން ރާއްޖޭގެ އިޤުތިޞާދުން ނުކުމެގެން ދިޔުމެކެވެ. އަނެއްކާ ވެސް އިޤްތިޞާދީ ގޮތުން ޤައުމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި މިހާރު ހަދާ އެކިއެކި ޤާނޫނު ތަކުގައި ވެސް ފާޑުފާޑުގެ ކޮމިޝަންތަކާއި އޮތޯރިޓީތައް އިތުރުކޮށް ބޮޑު މުސާރަދޭ މީހުން އިތުރުކުރަނީ ނޫންހެއްޔެވެ؟….. އެއްޗެކޭ ނުބުނެ ތިޔަ އިނީ ކީއްވެފައިހެއްޔެވެ؟" އޭނާގެ ވާހަކަ މެދުކަނޑައިލީ ސުވާލަކުންނެވެ.
އަޅުގަނޑު ބުނީމެވެ. "ބުނާނީ ކީކޭހެއްޔެވެ؟ ތިޔަ ދައްކާ ވާހަކަތައް އަޑުއަހާން އިނދެވުނީއެވެ. އެކަމަކު، ރާއްޖެ އިޤްތިޞާދީ ގޮތުން ކިތަންމެ ޙާލެއްގައި ޖެހުނަސް ރާއްޖޭގެ މުދާތައް ބޭރު ގައުމެއްގެ މިލްކަކަށް ވެދާނެޔޭ ތިޔަ ބުނާ ބުނުމަކަށް އަދި ވެސް އަޒީއަކަށް އެއްވެސް ހެތްކެއް ނުފެނެއެވެ."
އޭނާ ބުންޏެވެ. "އަހަރެން ހީކުރީ އަޒީއަކީ ވެސް ވަރަށް ވިސްނޭ މީހެއް ކަމަށެވެ. ދައުލަތުގެ ޚަރަދުތައް ގަސްތުގައި އެކި ގޮތްގޮތަށް ރާވައިގެން އިތުރުކޮށް އިސްރާފުކުރަމުން ދާއިރު، މި ޚަރަދުކުރާ ފައިސާ ހޯދަނީ ކިހިނެއްތޯ ނުވިސްނަން ހެއްޔެވެ؟ ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ މިލްކުތައް ރަހުނު ކޮށްފައި މި ފައިސާ ހޯދަނީ ދަރަންޏަށް ބޭރު ޤައުމަކުންނެވެ. އަދި އެވެސް އެންމެ ގައުމަކުންނެވެ. ދަރަންޏަށް ނަގާ ފައިސާ ނުދެއްކޭހާ ގިނަ ޢަދަދަކަށް ފައިސާ ނަގައިގެން މިއޮއް ތަޅައި ބުރުއްސަނީއެވެ. ދެން ފައިސާ ނުދެއްކުނީމާ އޭގެ ނަތީޖާއަކީ އެއްކަލަ ރަހުން ކުރި ހުރިހާ އެއްޗެއް އެ ދަރަނި ދިން ފަރާތުގެ މިލްކަކަށް ވުން ނޫންހެއްޔެވެ؟ 'ދިވެހިރަޢްޖެ (ނުވަތަ 'މޯލްޑިވްސް') ދިވެހީންނަށް އޮތަސް، ޤައުމުގައި ހުރި ހުރިހާ މުދަލަކާއި ރަށްރަށާއި ފަޅުފަޅު، ބޭރު ގައުމަކަށް ނެގީމާ ދެން ދިވެހިރާއްޖެ ވާނީ ކޮން ބަހެއްގެ ތަނަކަށް ހެއްޔެވެ؟ ނުވިސްނެނީހެއްޔެވެ؟…."
އަޅުގަނޑަށް ބުނާނެ އެއްޗެއް ނޭނގި އިސްޖަހައިލެވުނެވެ. ދޫ ބަންދުވި ކަހަލައެވެ. ސިކުނޑީގައި އެތައް ޚިޔާލެއް އެނބުރިގަތެވެ. ނަމަވެސް އެ ޚިޔާލުތަކަށް ޖުމުލަތަކެއްގެ ސިފަ ގެންނާނެ ގޮތެއް ހަމަ ނުވިސްނުނެވެ.
