Support Us

"ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު"ގެ މަޝްރޫޢާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ލ. ކަޅައިދޫގައި ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާ "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު"ގެ މަޝްރޫޢާ ގުޅޭގޮތުން ކަމާގުޅޭ ވަޒީރުންނާއި މުވައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޒުވާނުންގެ ކަންކަން ހަރުދަނާކޮށް، ބާރުވެރިކުރުވައި، ހުރިހާ ޒުވާނުންނަކީ މަސައްކަތްތެރި، އަދި ޤައުމަށް ފާއިދާކުރަނިވި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން ކަޅައިދޫގައި ބިނާކުރާ މި މަރުކަޒުން ޒުވާނުންނަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި، އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ މީހުންނަކީ ފޯރުންތެރި ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުން އެއީ މި މަރުކަޒުގެ މުހިންމު އެއް އަމާޒުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް މަޝްވަރާ ކުރައްވާފައި ވަނީ، މި މަޝްރޫޢުގައި ބައިވެރިވާ ވުޒާރާތަކާއި މުވައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުންނެވެ. މި ގޮތުން، ބައްދަލުވުމުގެ ބައިވެރިން ވަނީ، މި މަޝްރޫޢާ ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލާއި ވިސްނުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

ކަޅައިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މި މަރުކަޒަކީ ޒުވާނުންނަށް އަމާޒުކޮށް ތަޢުލީމާއި ހުނަރާއި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ބިނާކުރާ މަރުކަޒެކެވެ. އަދި މި މަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަޞީލަތްތައް އެ ރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ހުސްވި ހަފުތާ ބަންދުގައި ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ލ. ކަޅައިދުއަށް ވަޑައިގެން، "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަޙައްދު ބައްލަވައިލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *