Support Us

ރައީސް ސޯލިހުގެ ވާހަކަފުޅަށް އިދިކޮޅުން ހޫނު ރައްދެއް: ދިގު މުއްދަތަށް ޖަލުގައި އޮންނަވަންޖެހޭ ދުވަސް ގާތްވަނީ

ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނިސްބަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަކީ "އެމް.ޑީ.ޕީގެ އެންމެ ދަށު ދަރަޖައިގެ އެކްޓިވިސްޓުން ދައްކާ ފަދަ ދެކޮޅުނުޖެހޭ، ދެއުޅިއެއްނެތް، ސާބިތުނުހިފޭ އަދި ރޯ ބުހުތާނު ދޮގު ވާހަކަތަކެއް" ކަމަށް ބުނެ، އިދިކޮޅު ކޯލީޝަނުން ހޫނަ ރައްދެއް ދީފިއެވެ. އަދި "މެކުނު ފުމުނަސް، ގާހަކައަކަށް ނުފުމެވޭނެ" ކަމަށާއި ދިގު މުއްދަތަށް ޖަލުގެ ގޮޅީގައި އޮންނަވަންޖެހޭ ދުވަސް އަންނަނީ ގާތްވަމުން ކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.

"…އަދި އެ ހިސާބަކުން ނިމުނީކީ ނޫން އިނގޭތޯ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް، ނުއަގުގައި ދޫކޮށް އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އޭގެން ހަރަދުކުރެވޭނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.


ޕީ.ޕީ.އެމް-ޕީ.އެން.ސީގެ ފަރާތުން ރޭ ނެރުނު ހަތަރު ސަފުހާގެ ބަޔާނުގައި ބުނީ ރައްޔިތުން ބިކަވެ، ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި، އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރައްވައިގެން، ކެމްޕޭނުކުރެއްވުމަށް ރައީސް ޞާލިޙު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ އިޤްތިޞާދާއި ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރުގެ ދަރަނީގެ ހިސާބުތައް ވިދާޅުވުމުގައި، އެމަނިކުފާނު ޚުލާސާކޮށް ބަޔާންކުރެއްވި އެއްޗަކާ، އެ ހިސާބުތަކުން އެންމެނަށް ފެންނަން ހުރި ހަޤީޤަތާ ދިމާ އިދިކޮޅު ކަމަށެވެ.

"ރައީސް ޔާމީން އެއްވެސް ފައިސާއެއް ހިއްޕަވައިގެން އެއްވެސް ތާކަށް ވަޑައިގެންކަމީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ. އެކަން އެންމެ ހަރުކަށި އިބާރާތުން މިޕާޓީން ކުށްވެރިކުރަމެވެ. އަދި، ޝަރުއީ ދާއިރާއިން ރައީސް ޞާލިޙުގެ އަތްޕުޅު ނަންގަވާ ދުވަހެއް އައުމުން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުއްލާނެ ކަމެއްކަންވެސް ދަންނަވަމެވެ. އަދި، ޤައުމު ނުހިންގެވިގެން އުޅުއްވަނީ އަމިއްލަ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމާއި، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދު މިއޮތް ސަރުކާރުގައި ފަސާދަ އިންތިހާއަށް ބޮޑުވެފައިވުންކަން ފާހަގަކުރަމެވެ."


އެ ބަޔާނުގައި އަދިވެސް ބުނެފައި ވެއެވެ.

"އަދަދު ވިދާޅުވެ ރަށްތަކެއްގެ ވާހަކަ ގެންނަވާ އެމްޑީޕީއަށް ނިސްބަތްވާ ވެރިއަކު އެއްޗެއް ވިދާޅުވުމުން ހަނދާނަށް އަންނަނީ ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ރައީސް ނަޝީދު ދެއްކެވި އެފަދަ ވާހަކައެކެވެ. އެއި ޗައިނާ ސަރުކާރުން ރާއްޖޭގެ 13 ރަށެއް ވަގަށް ނަގައިގެން އުޅޭ ކަމަށާއި އެ ތަންތާނގައި އަސްކަރީ މަރުކަޒުތަކެއް ޤާއިމްކުރަން ރާވާ ވާހަކައެވެ. ވެރިކަމަށް ވަޑައިގެން 2 އަހަރުވީއިރު އެ ވިދާޅުވި އެންމެ ރަށެއްގެ ވާހަކަވެސް ސާބިތުކޮށްދެވިފައި ނުވާހިނދު އެމްޑީޕީގެ ވެރިންނަކީ ސިޔާސީ ފައިދާއަކަށް ކޮންމެ ފަދަ ކަމެއްގައި ކޮންމެ ފަދަ ބަޔަކަށް އަމާޒުކޮށް ކޮންމެ ފަދަ ދޮގެއްވެސް ހަދަން ފަސްނުޖެހޭނެ ބައެއްކަން ދިވެހި ރައްޔިތުންގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް މިއަދު ވަނީ އެނގި، އޮޅުންފިލާ، ސާބިތުވެފައެވެ.

"ރައީސް ޔާމީނާމެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ޞާލިޙަށް މިޕާޓީން ޗެލެންޖް ކުރަމެވެ. ނުކުރެއްވޭނަމަ، ރައްޔިތުން އެމަނިކުފާނުގެ ވެރިކަމުން ބާލާ ދުވަހު، ޤާނޫނީ އިމުގެ ތެރެއިން މިއަދު ދައްކަވަމުންގެންދަވާ ވާހަކަތަކާއި، ހިންގަވަމުންގެންދަވާ ޖަރީމާތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ރައީސް ޞާލިޙަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އެ ދުވަހަކުން، ކޯޓުގައި ހުންނަވައިގެންވެސް ސާބިތުނުކޮށްދެއްވޭނަމަ، ދިގު މުއްދަތަށް ޖަލުގެ ގޮޅީގައި މަނިކުފާނުވެސް އޮންނަވަންޖެހިވަޑައިގަންނަވާނެ ދުވަސް ގާތްވަމުން އަންނަކަން ދަންނަވާލަމެވެ. ނުހައްޤުން އަނިޔާވެރި ގޮތަކަށް ޖަލަށްލައިގެން މިޕާޓީގެ ރައީސް ގެންގުޅުއްވާތާ އެއް އަހަރު ފުރެމުންދާކަން މިޕާޓީގެ އެއްވެސް މެންބަރެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެކަން ވިސްނާވަޑައިގަތުން ބުއްދިވެރިއެވެ. ބޭރުގެ އިސްތިޢުމާރީ ބާރެއްގެ މަދަދާއި ފައިސާއިން، އަދި ޤާނޫނު އަސާސީއާއި ޤާނޫނުތައް މުގުރުގެ މަތީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެ ކަމަށް ހީފުޅުކުރެއްވުމަކީ ބޮޑު ކުށެކެވެ."

"އިޤްތިޞާދީ ޢިލްމު ލިބިވަޑައިގެންފައި ނެތަސް، ދައްކަވާ ވާހަކަފުޅުތަކުގައި އަރިހުގައި ގެންގުޅޭ ބަޔަކު ލިޔެފައި ދޭ އެއްޗެއް ވިދާޅުވުމުގައިވެސް، އޭގައި ހުރި މަޢުލޫމާތާއި ޚުލާސާތައް ޞައްޙަތޯ ބެއްލެވުމަކީ ރައީސެއްގެ ޒިންމާއެކެވެ. އަދި، ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އިނގިލި ދިއްކުރައްވާ، ރޯ ބުހުތާނު ދޮގުތަކެއް ހައްދަވާފައިވާއިރު، އެކަންކަން މިއަދުވެސް އަދި ފަހުންވެސް ސާބިތުކޮށްނުދެއްވޭނެކަން އަމިއްލަފުޅަށްވެސް އެނގިވަޑައިގަންނަވާނެއެވެ. މީހަކަށް އިނގިލި ދިއްކުރާއިރު، އަތުގެ ބާކީ ހުރި އިނގިލިތައް ހުންނާނީ އަމިއްލަ ނަފްސާ ދިމާއަށްކަން އެމަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވަމެވެ."

އެތައް މިލިއަން ޑޮލަރެއްގެ އިސްރާފު ޚަރަދުކުރައްވައިގެން ބޭރުގެ ޕަބްލިކް ރިލޭޝަން މާހިރުން މެދުވެރިކޮށް އަދި އެތައް ބަޔަކު ރައީސް އޮފީހުގެ ވަޒީފާގައި ގެންގުޅުއްވައިގެން ނަފްސު އޮފުކުރައްވަން މަސައްކަތްކުރައްވާއިރު، މިބާވަތުގެ ފެންވަރުދަށް ވާހަކަފުޅުތައް ދެއްކެވީމައި، ރައްޔިތުންނަށް ހާމަވެގެންދަނީ ރައީސް ޞާލިޙަކީ ރާއްޖެފަދަ ތަޢްލީމީ އަދި ތަހުޒީބު މުޖްތަމައެއްގައި ވެރިކަންކުރައްވާ ފެންވަރާއި ފަންވަރު ކިބައިގައި ނެތް، އެފަދަ މަޤާމަކަށް ކުފޫ ހަމަނުވާ ބޭފުޅެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނީލަންކިޔާ، ދީނީ ވަޙުދަތު ނަގާލަން ރާއްވަވާ، އިޖްތިމާއީ އަދާލަތު ގެއްލުވާލާ، އިޤްތިޞާދު އިނދަޖައްސާލުމަށްފަހު، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބިދާނެ ލަދުވެތި ނާކާމިޔާބު ނަތީޖާއާމެދު ބިރުވެތިވެ، ދޮގު ތުހުމަތުތަކެއްގެ އަލީގައި ސިޔާސީ ހަޔާތް އިތުރަށް އާބާދުކުރެއްވިދާނެކަމަށް ހީފުޅުވުމަކީ ބޮޑު ކުށެކެވެ. ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންނަށް މިފަދަ ގިނަ ދޮގުތަކެއް ހައްދަވާ، މިހާތަނަށް އެއްވެސް ފިޔަވަޅެއް ފުއްދުމަށް އެޅިފައިނުވާ ގިނަގުނަ ވަޢުދުތަކެއް ވެވަޑައިގެން، ރައީސް ޔާމީނާއި މިޕާޓީގެ މެންބަރުންގެ އަބުރު ކަތިލައްވައިގެންކަމަށްވިއަސް، މިއަދު ދިވެހިން ތިބީ އެއަށްވުރެ ހުޝިޔާރުވެ، ސަމާލުވެގެންނެވެ. އެއް ހޮރަކުން ދެފަހަރު ކަށިޖެހިޔަ ނުދިނުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ. މިއަދު ދިވެހިން ރައީސް ޞާލިޙަށް 'ދަރަނިބޯ' ގެ ޝަރަފުވެރި ލަޤަބު އަރުވާފައިވަނީ، ދިވެހިން ބިކަވެފައި ތިބި ދަނޑިވަޅެއްގައި، މަތިމައްޗަށް ދަރަނި ނަންގަވައިގެން، ޝާނައި ޝައުކަތާއި އަރާމާއި ލައްޒަތުގައި ދިރިއުޅުއްވުމާއި، ޢާއިލާގެ ގިނަ މެންބަރުންނާއި ގާތް މީހުންނަށް ވަޒީފާދެއްވާ، ބަދަލުގެ ގޮތުގައި ބައިތުލްމާލު އެމީހުންނަށް ބައްސަވާލެއްވުމާއި، ކޮރަޕްޝަން ހިންގެވުމުގެ އިތުރުން، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ޚުދު އެމަނިކުފާނު ހިމާޔަތްކުރައްވަމުން ގެންދަވާތީއެވެ.

"އިޤްތިޞާދީ ގޮތުން ތަންދޮރު ނުފިލާ ޙާލުގައިވެސް، އެ ޕޯޑިއަމްގައި ދަރަނީގެ ވާހަކަ ދެއްކެވީތީ، އެކަމަށްވެސް ކުރު ޖަވާބެއް މިފުރުޞަތުގައި އަރުވާނަމެވެ. ދިވެހި ދައުލަތުގެ މާލިއްޔަތަކީ ބަފައިބޭގެ ގުދަނުގެ ވިކުރާ ނޫންކަން ހަނދުމަފުޅުކޮށް އަރުވާ ޙާލުގައެވެ. ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުތަކާ ޚިލާފަށް، މިއީ ޝާއިއުކުރެވި ފެންނަން ހުރި، ސާބިތުހިފޭ، ސާބިތުކުރެވޭނެ، އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި ޤައުމީ މަރުކަޒީ ބޭންކުން ޤަބޫލުކުރާ އަދަދުތަކެވެ.

"ރައީސް ޔާމީންގެ ޒަޢާމަތާއި ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ވާހަކަ ދައްކަން އެމަނިކުފާނު ލަދުފުޅު ގަންނަންވާނެއެވެ. ޤައުމު ދުށް އެންމެ ކުޅަދާނަ އިޤްތިޞާދީ މާހިރު ރައީސް ޔާމީންގެ 5 އަހަރުގައި، މުޅިން އަލަށް ރިސޯޓު ތަރައްޤީކުރުމަށް 35 ރަށެއްގައި މަސައްކަތްކުރެވި، ގިނަ ރިސޯޓުތަކެއް ނިންމާ ހުޅުވާފައެވެ. އަދި، ބާކީ ހުރި ތަންތަން ނިމުމާ ގާތަށް ގެންދަވާފައެވެ. އެމަނިކުފާނުގެ ވެރިކަމުގައި، 24000 އެނދުން 48000 އެނދަށް އެސިނާއަތު ވަނީ ފުޅާކުރައްވާފައެވެ. ދެގުނައަށެވެ. ރާއްޖޭގެ ތާރީޚުގައި ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއެރި ފަސް އަހަރުކަމަށް ހައްދަވާފައެވެ.

އެ ބަޔާނުގައި ބުނީ ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި 718 މިލިއަން ޑޮލަރު ހުންނާނެކަން އެމް.އެމް.އޭ އިން ހާމަކޮށްފައިވާ ކަމަށެވެ.

"އެމަނިކުފާނާ މިޕާޓީން ވެރިކަން ޙަވާލުކުރި ދުވަހު، ރައީސް ޔާމީން ޤާއިމުކުރެއްވި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް ފައިސާ ހުންނާނެއެވެ. މިކަން އޮންނާނީ 22 ނޮވެމްބަރު 2018 ގައި އެމް.އެމް.އޭގެ އެއިރުގެ ގަވަރުނަރު އަޙްމަދު ނަޞީރު، ބަޖެޓް ދިރާސާގެ ތެރޭގައި ހާމަކުރައްވާ، އިޢްތިރާފުވެވަޑައިގެންފައެވެ. އޭގެ އިތުރުން، 718 މިލިއަން ޑޮލަރު އެމް.އެމް.އޭގެ ރަސްމީ ރިޒާވުގައި، ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނިންމެވިއިރު، ރައްކާކޮށްފައި ހުންނާނެއެވެ.

"ރައީސް މައުމޫންގެ ޒަޢާމަތު ނިމުނުއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 51 އިންސައްތައިގައެވެ. ރައީސް ޞާލިޙުގެ އަޚް ނަޝީދުގެ ދެބައިކުޅައެއްބައި ވެރިކަން ނިމުމަކަށް ރައްޔިތުން ގެނައިއިރު، އެ އަދަދު ހުރީ 60 އިންސައްތައިގައެވެ. ރައީސް ވަޙީދުގެ ކުރު ޒަޢާމަތު ނިމުނުއިރު، އެއަދަދު ހުރީ 64 އިންސައްތައިގައެވެ. ރައީސް ޔާމީންގެ ފުރިހަމަ ފަސް އަހަރުގެ ކާމިޔާބުވެރިކަމުގައި، އުމްރާނީގޮތުން އިންޤިލާބީ ކުރިއެރުންތަކެއް ޤައުމަށް ހޯއްދަވާދެއްވާ، ރައްޔިތުންގެ ފުދުންތެރިކަން ދެގުނައަށް އިތުރުކުރެއްވުމަށްފަހު، ރައީސް ޞާލިޙާ ޤައުމު ޙަވާލުކުރެއްވިއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 74 އިންސައްތައިގައެވެ. ރައީސް ޞާލިޙަށް އެންމެ ދެ އަހަރު ވެރިކަން ކުރެއްވުނުއިރު، އެ އަދަދު ދުނިޔޭގެ ރެކޯޑު އަދަދަކަށް އިތުރުކުރައްވާ، ވަނީ 107 އިންސައްތައަށް އުފުއްލަވާލައްވާފައެވެ. ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ލިބޭ އާމްދަނީއަށްވުރެ ދައްކަންއޮތް ދަރަނި ބޮޑު ކުރައްވާފައެވެ. ރައްޔިތުންގެ ބޮލުގައި ދަރަނި އެޅުވުމުގައި ރައީސް ޞާލިޙު ވަރަށްވެސް ކުޅަދާނަވެފައި އަތްޕުޅުމަތި އަވަސްކަން މިއޮތީ ސާބިތުކުރައްވާފައެވެ."

މީގެ އިތުރުން ރައީސް ސޯލިހު، 18 ނޮވެމްބަރު 2018 ގައި ވެރިކަމަށް ވަޑައިގެން ފަހުން މިހާތަނަށް 45 ލޯނެއް ރައީސް ޞާލިޙު ނެންގެވިއުރު، އޭގެ ޖުމްލަ އަދަދަކީ 1.6 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ 24.67 ބިލިއަން ދިވެހި ރުފިޔާ ކަމަށާއި "މިއޮތީ އަނެއްކާވެސް ރެކޯޑެއް ހައްދަވާފައި" ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެއާއެކު ފާހަގަކޮށްލަން ޖެހޭ އިތުރުކަމެއްވެސް އެބައޮތެވެ. ލޯނު ނަންގަވައިގެން ކުރައްވަނީ ކޮންކަމެއްތޯ ރައްޔިތުންނަށް މިއަދު އެބަ ހާމަވާންޖެހެއެވެ. ޢާންމު އުޞޫލުން، ރައީސް ޞާލިހުގެ ކުރިން މިޤައުމުގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް ލޯނު ނަންގަވައިގެން ރިކަރަންޓް ޚަރަދު ކުރައްވާފައިވަނީ އެންމެ ބޮޑުވެގެންވެސް 15 އިންސައްތައެވެ. ނަމަވެސް، ރައީސް ޞާލިޙު ނަންގަވާފައިވާ ފިތްކަނޑައިގެންދާހާ ގިނަ ލޯނުތަކުގެ 50 އިންސައްތައަށްވުރެ ބޮޑު އަދަދެއް ހޭދަކުރައްވަމުންގެންދަވަނީ ރިކަރަންޓް ޚަރަދަށެވެ. ތިމާގެ މީހުންނާއި ޕާޓީ އެކްޓިވިސްޓުންނަށް މުސާރަ ދެއްވުމާއި، ޗުއްޓީ ދަތުރުފުޅުތައް ކުރެއްވުންފަދަ އިސްރާފުތަކަށެވެ."

ޕީ.ޕީ.އެމް-ޕީ.އެން.ސީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

"…މިއަދު، ޕޯޑިއަމެއްގައި ހުންނަވައިގެން، މީހަކު ލިޔެފައި ކުރިމަތީގައި ބާއްވާފައި އޮންނަ އެއްޗެއް ވިދާޅުވުމުގައިވެސް، ބޮޑަށް ރަނގަޅުވާނީ އިޤްތިޞާދާއި މާލިއްޔަތު ނޫން ކޮންމެވެސް އެހެން މައުޟޫއުއެއް އިޚްތިޔާރުކުރެއްވުމެވެ. ލަދެއްގައި ބެދި ބޮލާފޮށާ އެޅުނަ ނުދެއްވުމަށް އަރުވާ ނަސޭހަތެވެ. މެކުނު ފުމުނަސް، ގާހަކައަކަށް ނުފުމެވޭނެތީއެވެ. އަދި، އެފަދަ ތަޤްރީރުތައްވެސް، ވެރިންގެ ޝަޙްސިއްޔަތު ހިފަހައްޓަވައިގެން، ކީރިތި ނުކުރައްވާ، ފުރިހަމަކުރެއްވުމަކީވެސް އެދެވިގެންވާ ކަމެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ކިޔައިފައި ނުކިޔާނެ އެއްޗެއް ނޯންނާނެތާ!. އަޅުގަނޑަށް ހީވަނީ އަރިހުގައި އުޅޭ ޢަލީ ޒާހިރުމެން ފަދަ ޢަދާލަތު ޕާޓީގެ މީހުން ގަސްތުގައި އިބޫ ލައްވައި އާމންމުންނަށް އެނގޭ ފަދަ ދޮގުތައް ހައްދަވަނީ ޤާނޫނީ ގޮތުން އޭނާ ކުށްވެރި ކުރާންހެން. ހަގީގަތުގައި ރައީސް ކަމުގައި ހުންނަ މީހަކު އެ ވަރަށް ގަސްތުގައި ދޮގުހަދާންފެށީމާ އެ ވަނީ ޤާނޫނު އަސާސީއާ ޚިލާފުވެފައި. މަޖިލީހަށް ވެސް ސުޕްރީމް ކޯޓަށް ވެސް އޭނާ ވަކިކުރެވޭނެ. ނަމަވެސް ހުރިހާ ބާރެއް މިއަދު ޖީބުގައި އޮތީމާ ހުރެވިދާނެ. ނަމަވެސް މިއަދު ރައީސް ކަމުގައި ހުރުމުގެ ޤާނޫނީ އެއްވެސް ހައްިސއްޔަތެއް ނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *