Support Us

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދާއި ސުޖާ (ކ)

އުތީމު ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރުމަކީ ސަރުކާރުން ހިންގި ފިނޑި އަމަލެއް: ޝުޖާ

ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަކި މުއްދަތެއް ނެތް ގޮތަށް އެލް.ޖީ.އޭ އިން މިއަދު ސަސްޕެންޑް ކުރުމަކީ "މި ސަރުކާރުން ހިންގި ފިނޑި އަމަލެއް" ކަމަށާއި "ޕީ.ޕީ.އެމްގެ ކެންޑިޑޭޓުން މިގޮތަށް ސަސްޕެންޑްކޮށް ބިރުދައްކައިގެން ކައުންސިލް އިންތިޚާބު ކާމިޔާބުު ކުރުމަށް އެމް.ޑީ.ޕީން މަސައްކަތް ކުރަނީ ސަރުކާރު ފެއިލްވެ ތާއީދު ނެތުމުން" ކަމުގައި އިދިކޮޅު ޕީ.އެން.ސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އުތީމު ވެސް ހިމެނޭ ގޮތަށް އޮންނަ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު، މި މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ "ސަރުކާރު އޮތީ ފެއިލްވެފައި" ކަމަށާއި "މުޅި ނިޒާމު ގަޑުބަޑޫކޮށް ކޮރަޕްޓްކޮށްފި" ކަމަށެވެ.

"އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑް ކުރުމަކީ މި ސަރުކާރުން ހިންގި ފިނޑި އަމަލެއް. ޕީ.ޕީ.އެމްގެ ކެންޑިޑޭޓުން މިގޮތަށް ސަސްޕެންޑްކޮށް ބިރުދައްކައިގެން ކައުންސިލް އިންތިޚާބު ކާމިޔާބުު ކުރުމަށް އެމް.ޑީ.ޕީން މަސައްކަތް ކުރަނީ ސަރުކާރު ފެއިލްވެ ތާއީދު ނެތުމުން. މިކަން ކުށްވެރިކުރަން."


ޝުޖާ އަދި ވިދާޅުވީ މާލޭގެ މޭޔަރ ޝިފާ މުހައްމަދަށް ވައްކަމުގެ ބޮޑެތި ތުހުމަތުތައް ކުރެވުމުން ވެސް އެކަމަށް އެޅުނު އެއްވެސް ފިޔަވަޅެއް ނެތް ކަމަށާއި އަތޮޅުތެރޭގެ ރައްޔިތަކަށް ވާތީ އުތީމު ކައުންސިލްގެ ރައީސް ވަގުތުން ސަސްޕެންޑް ކުރީ ކަމަށެވެ.

"މޭޔަރ ޝިފާ މުހައްމަދަށް ކުރެވުނީ ވައްކަމުގެ ތުހުމަތު. އެލް.ޖީ.އޭ އަށް އެޅުނު ފިޔަވަޅެއް ނެތް. މައްސަލައިގައި ސަސްޕެންޑްކުރުން ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުނު. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަކީ އަތޮޅުތެރޭގެ ރައްޔިތަކަށް ވީމާ ވަގުތުން ސަސްޕެންޑް. މިއީ ކޮންކަހަލަ އިންސާފެއް؟"

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑްކުރިކަން އޭނާ އަށް އެންގީ ލޯކަލް ގަވަމަންޓް އޮތޯރިޓީން މިއަދު އޭނާ އަށް ފޮނުވި ސިޓީއެއްގައެވެ.

"ހއ. އުތީމު ކައުންސިލުގެ ރައީސްއާ ގުޅޭގޮތުން މި އޮތޯރިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަތަކާއި ގުޅޭގޮތުން، 2020 ނޮވެމްބަރ 08 ވަނަ ދުވަހު ބޭއްވުނު މި އޮތޯރިޓީގެ ބޯޑުގެ 29 ވަނަ ބައްދަލުވުމުގައި މަޝްވަރާކުރައްވާ، އެކަންކަމާ ގުޅިގެން އިންކުއަރީއެއް ހެދުމަށާއި އިންކުއަރީ ހަދަމުންދާ މަރުޙަލާގައި ކައުންސިލުގެ ރައީސް ސަސްޕެންޑް ކުރުމަށް މި އޮތޯރިޓީގެ ބޯޑުން ވަނީ ނިންމަވާފައެވެ." އެ ސިޓީގައި ވެއެވެ. "….ވީމާ، އިސްވެ ދެންނެވުނު މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވުމަށާއި ޢަބްދުﷲ ރަޝީދު މި އޮތޯރިޓީއާ ޙިއްޞާކުރައްވަން ބޭނުންފުޅުވާ ލިޔެކިޔުން އޮތޯރިޓީއަށް ހުށަހެޅުއްވުމަށް 24 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ފުރުޞަތު އެރުވީމެވެ. އަދި އިސްވެ ދެންނެވުނު މައްސަލަތަކާއި ގުޅިގެން އޮތޯރިޓީން އިންކުއަރީ ހަދަމުންގެންދާ މުއްދަތުގައި އުތީމު ކައުންސިލުގެ ރައީސް ސަސްޕެންޑް ކޮށްފައިވާ ކަމުގައި ދަންނަވަމެވެ."

އެ ސިޓީގައި ފާހަގަކޮށްފައި ވަނީ ތިރީގައި މިވާ ކަންކަމެވެ.

  • ހއ. އުތީމުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމާ ގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށްދިނުމަށް ލިޔެފައިވީނަމަސް 10 (ދިހައެއް) އަހަރު ދުވަހަށް އެގްރިމެންޓްކޮށްފައިވުން
  • 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2020 އޮކްޓޯބަރ 25 ވަނަ ދުވަހުގެ ނިޔަލަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވާ ފަރާތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދައްކާފައިނުވާތީ އެކަމާއި ގުޅޭގޮތުން ކޮންޓްރެކްޓަރަށް ރަސްމީކޮށް ސިޓީ އަކުން އަންގާފައިނުވުން؛
  • ކޭބަލް ޓީވީގެ ޚިދުމަތް ދޭ ފަރާތުން ގަންނަންޖެހޭ ޑީކޯޑަރ ގަތުމަށް ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްފައިވުން
  • ރަށުތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން ހަތަރު މީހުން ނެގުމުގައި އެކަމަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރުމެއްނެތި މީހުން ނަގާފައިވުން؛
  • މަސައްކަތު މީހެއްގެ ގޮތުގައި ނަގާފައިވާ ފަރާތެއް ވަޒީފާއިން ވަކިވުމާއި ގުޅިގެން އެ މަޤާމަށް މީހަކު ނެގުމަށް އިޢުލާން ކުރުމަށްފަހު ކައުންސިލުގެ ރައީސް ބޭނުންފުޅުވާ ފަރާތެއް ވަޒީފާއަށް ނަގާފައިވުން؛
  • ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް 'ބިޒްޓްރެކްސް އިންޓާރނޭޝަނަލް' ކިޔާ ކުންފުންނަކުން ގިނަ އަދަދެއްގެ ތަކެތި އެކި ފަހަރުމަތިން ކައުންސިލަށް ހޯދާފައިވުމާއި، އިތުރަށް ހޯދަންޖެހޭ 2 ކޯޓޭޝަންވެސް އެފަރާތުން ހޯދާފައިވުން؛
  • ވައްކަމުގެ މައްސަލައެއްގައި ސިވިލް ސަރވިސްއިން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ހއ. އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން ނެގުން؛
  • ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މާލިއްޔަތު ޤަވާއިދުގައިވާ ޕްރޮކިއުމެންޓް އުސޫލުތަކާއި އެއްގޮތަށް ލިޔެކިޔުންތަށް ފުރިހަމަކޮށްފައިނުވުން؛
  • ހއ. އުތީމު ކައުންސިލަށް އެކި ގޮތްގޮތުން ލިބޭ ފައިސާގެ އެހީ ޤަވާއިދުން ރެކޯޑް ކުރެވިފައިނުވުން؛ އަދި
  • ހއ. އުތީމު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ނުކޮށް ހުރުން.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *