ދިވެހި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްސް ވަރްދަން ޝްރިންގްލާއާ، ވާދަވެރި ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ އިސްވެރިން މިއަދު ބައްދަލުކުރައްވައި، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީ.ޕީ.އެމްގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސަރުކާރުން ނުޙައްޤުން ދެމުންދާ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަންގައި މިއަދު ބޭއްވި ބައްދަލުވުމުގައި، އިދިކޮޅު ކޯލީޝަންގެ އެޑްވައިޒަރުންނާއި ނައިބު ރައީސުން ވަނީ ރައީސް ޔާމީނުގެ ޝަރީއަތަކީ ބައިނަލްއަޤްވާމީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެތައް ގޮތަކުން ފުށޫއަރާ ޝަރީއަތެއް ކަމަށް ވިދާޅުވެފައި ކަމަށް ޕީ.ޕީ.އެމް.-ޕީ.އެން.ސީގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

"އަދި، ޖަލުގައި ހުންނަވާތާ އެއް އަހަރާ ގާތްވަމުންދާ ރައީސް ޔާމީންގެ އިސްތިޢުނާފުގެ މައްސަލައާމެދު ހުރި ކަންބޮޑުވުންތައް ވެސް ޙިއްޞާކުރައްވާފައެވެ. ޝަރުއީ ދާއިރާއަށް ސަރުކާރުން ސީދާ ފޯރުވަމުންދާ ނުފޫޒުގެ ވާހަކައާއި ޤާނޫނު އަސާސީން ވަކިވާންޖެހޭ ބާރުތަކުގެ ތެރެއިން ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ނުފޫޒުގެ އެންމެ ބޮޑު އަސްލަކީ ޖުޑިޝަލް ސާރވިސް ކޮމިޝަންކަމުގައި ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށް ވީހިނދު، ނުޙައްޤުން އެމަނިކުފާނު ހައްޔަރުގައި ބަހައްޓައިގެން ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުން ދޭހަވަނީ، މި ސަރުކާރަކީ ޑެމޮކްރަސީއަށް ކުޑަވެސް އިޙްތިރާމެއް ނެތް ބައެއް ކަމަށް އެބޭފުޅުން ހާމަކުރެއްވިއެވެ." އެ ބަޔާނުގައި ވެއެވެ.
މި ބައްދަލުވުމުގައި ދެކެވުނު ވާހަކައިގެ ތެރޭގައި ކޯލިޝަންގެ ކަންބޮޑުވުން ހުރި ތަފާތު ކަންކަން ހުށަހެޅި ކަމަށާއި ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވަނީ އިންޑިޔާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ރައްޔިތުން ތަމްޞީލުކުރާ އެންމެހާ ފަރާތްތަކާ މަޝްވަރާކުރުމަކީ އިންޑިޔާގެ ސިޔާސަތުކަމާއި، ދެއްވި ދަޢުވަތު ޤަބޫލުކޮށް ވާދަވެރި ސިޔާސީ ލީޑަރުން އެމަނިކުފާނާ ބައްދަލުކޮށްލައްވަން ވަޑައިގެން ކަމަށްޓަކައި، ފޮރިން ސެކްރެޓަރީ ޝްރިންގްލާ ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ކޯލީޝަންގެ ލީޑަރު އަބްދުއްރަހީމު އަބްދުﷲ ބައިވެރިވެވަޑައިނުގަންނަވައެވެ. އަބްދުރައްހީމު ދާދި ފަހުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރުން މިހާރަށް ގެންދަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ގޮވާލައްވައި އިންޒާރު ދެއްވައިފައެވެ.
އިދިކޮޅު ކޯލީޝަނުން މި ކަމަށް ގޮވާލީ މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތައް ސަރުކާރުން ފްރީޒްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އޮކްޓޫބަރު އަށް ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ބެހޭ ގޮތުން މި ސަރުކާރުން އެކިއިރު އެކި ގޮތަށް ވާހަކަތައް ދައްކާފައިވާ ކަމަށާއި މިހާރު ހަމަ ގައިމުވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް ބޮޑު ވަޒީރު މޯދީއަށް އަބްދުއްރަހީމް ވަނީ ގޮވާލައްވައިފައެވެ.



advertisment