Support Us

ކޮވިޑް19ގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ޔޫ.އެން.ޑީ.ޕީން ޕީ.ޕީ.އީ ހަދިޔާކޮށްފި

ކޮވިޑް19ގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ޔޫ.އެން.ޑީ.ޕީން ރައްކާތެރިކަމުގެ ތަކެތި (ޕީ.ޕީ.އީ) ހަދިޔާކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީއެވެ. އަދި މިތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ.

ޔޫ.އެން.ޑީ.ޕީން ހަދިޔާކުރި ޕީ.ޕީ.އީގެ ތެރޭގައި ހިމެނެނީ 1080 ހެޒެމްޓް ސޫޓާއި 10،080 އެން-95 މާސްކާއި 5000 ސަރޖިކަލް ގައުންސް އާއި 6000 ސަރޖިކަލް މާސްކާއި 400 ގޮގްލްސް އާއި 6000 ހެޑް ކަވަރސް އާއި 5000 ޝޫ ކަވަރސް އަދި 2000 ފޭސް ޝީލްޑާއި 10،000 އެގްޒަމިނޭޝަން ގްލަވްސް ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ. މިތަކެތި ބޭނުންކުރާނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޔޫ.އެން.ޑީ.ޕީ އިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤުދުރަތީ ގޮތުން ދިމާވާ ކާރިސާތަކާއި ކޮވިޑް-19 ފަދަ ބަލިމަޑުކަމުގައި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ޕީ.ޕީ.އީ ތަކުގެ އިތުރުން ޓިއޯޗިއު އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ހޯދާފައިވާ 1 މިލިއަން ނަން-ސަރޖިކަލް މާސްކްވެސް މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ. މި މާސްކްތައް ބޭނުންކުރެވޭނީ ޔޫ.އެން.ޑީ.ޕީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލިހުޑްސް އެސެސްމެންޓްގައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި، ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގައި ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ ބޭނުމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކީ ފޫޖީ ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށާއި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. އަދި ފަތުރުވެރިކަން އަލުން ހުޅުވާލެވިގެންދާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޕީ.ޕީ.އީ ތައް މުހިއްމު ދައުރެއް އަދާކުރާނެކަން ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައާއި، ކޮވިޑް-19ގެ ސަބަބުން ލިބުނު އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ ޓީމުން ފޯރުކޮށްދޭ އެހީތެރިކަމަށް ދިވެހި ސަރުކާރުން ފާހަގަ ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވޯލް އާއި، ރާއްޖޭގައި ހުންނަ އދގެ އެޖެންސީތަކުގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *