ނަރެއްހައި ތަން ދިނަސް، ކެނބެއްހައި ތަން ދަމައިގަންނާނެޔޭ ކިޔައިއުޅޭ އަޑު އަޅުގަނޑުމެން ކުޑައިވަރު އިރުއްސުރެ އަހަމެވެ. އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުގައި، އެއީ ކަމެއްގައި ކިރިޔާވެސް ދުލެއް ދީފިއްޔާ އެކަމުގެ ނާޖާއިޒު ފައިދާ ނަގާނެޔޭ ބުނަން ބޭނުންކޮށް އުޅޭ، މުސްކުޅިބަހެކެވެ. އެހެން ކަމާއެކު، މިބަހަކީ ރަދީފުގައިވެސް ކޮންމެހެން އޮންނަން ޖެހޭނެ ބަހެއްކަމަށް ފެންނާތީ، އެކަން އޮތް ގޮތެއް ފެނޭތޯ ބަލައިލައިފީމެވެ. ރަދީފުގައި އެ ބަސް އެބަ އޮތެވެ. ރަދީފު ބަލަހައްޓަވާ ބޭފުޅުން އެބޭފުޅުންގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރައްވައިފައި އެބައޮތެވެ. ރަދީފުގައި އޮތް ޢިބާރާތަކީ:" 'މުސްކުޅިބަސް' ޤާނޫނާއި ގަވާއިދުފަދަ ކަންކަމަށް ކިތައްމެކުޑަ ލުޔެއް ދިނަސް ލިބުނު ލުޔަށްވުރެ ބޮޑަށް އެލުއީގެ އެކަށީގެންނުވާ ފައިދާ ނަގާނޭ ބުނުމަށް ބުނެއުޅޭ ބަހެއް" މިއެވެ.
މިހައިވަރުގެ ކަމެއް މުސްކުޅިބަހަކަށް ވާނީ ހާދަހައި ވަރެއް ވެގެންތާއޭ އަޅުގަނޑު ހިތަށް އެރިއެވެ. ބަހެއްގެ ބަސްކޮށާރުގައި ބަހެއް އޮތުމުގެ އިތުރުން، އެ ބަހަކަށް މުސްކުޅިބަހެއްގެ ލަޤަބު ލިބޭނީ ސަބަބެއް އޮވެގެންނެވެ. އެ ސަބަބަކީ އަޅުގަނޑުމެންގެ ކާބަފައިންނާ ހަމައިންވެސް އެ ބަހެއް އެ ކަމަކަށް އިޝާރާތް ކުރާ ކަމެއް ޢާންމުކޮށް ހިނގަމުން އައިސްފައިވާތީއޭ އަޅުގަނޑު ހިތަށް އެރިއެވެ. އަޅުގަނޑުމެންގެ ޘަޤާފަތާއި އާދަކާދައިގައިވެސް މިބަސް ހިމެނިފައި އެ އޮތީ، މިއީ އަޅުގަނޑުމެންގެ ތެރެއިން އެކަށީގެންވާ ޢަދަދެއްގެ ބަޔަކަށް ކަންކުރެވޭ ގޮތުންތާއޭ ހިތަށް އެރިއެވެ. އަދި މިއީ ކަންކަމުގައި އިސްވެ އުޅޭ މީހުންނަށް ދެވޭ ނަސޭހަތުގެ ބަހެކޭ، ނުވަތަ ދިވެހީން އުޅޭ ތަނެއްގައި ކަންކަން ހިނގާ ނުހިނގާގޮތް ބަލަހައްޓަން ޙަވާލުވެގެން ތިބޭ މީހުންނަށް ދެވޭ އިންޒާރެކޭވެސް ހިތަށްއެރިއެވެ. މިއީ އެފަދަ މަސްއޫލިއްޔަތުތައް ބޮލުއަޅައިގެން އުޅޭ މީހުން އަބަދުމެ ހަނދާން ކުރަން ޖެހޭ ކަމެކޭ ބުނަން ބޭނުންކުރާ ބަހެކޭވެސް ހިތަށް އެރިމެއެވެ. މުސްކުޅިބަހާއި ހަރުބަސް ހުރުމުގެ މުހިންމު އެއް ބޭނުމަކީވެސް ކަންކަން އޮންނަ، ނުއޮންނަ ގޮތް ބުނެދިނުމާއި، އިންޒާރާއި ނަސޭހަތް ދިނުން ނޫން އެހެން ކޮން ކަމެއްތޯއެވެ؟
އަޅުގަނޑުގެ ވިސްނުން މިހިސާބަށް ދިޔަތަނާ ދެން އަޅުގަނޑުގެ ޚިޔާލަށް އައީ ހަމަ މިބާވަތުގެ އެހެން އެއްޗެކެވެ. އެ އެއްޗަކަށް އަޅުގަނޑުމެން ކިޔައި އުޅެނީ "ޤާނޫނު" މިހެންނެވެ. ދެން ހިތަށް އެ އެރީ އަނެއްކާ އަނެއް ސުވާލެވެ. އެއީ، ނަރެއްހައި ތަން ދޫކޮށްލުމަކީ ޤާނޫނު ތަންފީޒު ކުރާ ބަޔަކަށް އޮންނަ އިޚްތިޔާރެއްބާވައޭ، މިހެނެވެ. ވަކިން ޚާއްޞަކޮށް، ބައެއް ކަހަލަ ޙާލަތްތަކުގައި ޙާލަތުގެ ބާވަތަށް ބަލައިފައި ’ނަރެއްހައިތަން‘ ދޫކޮށްލަން ކިތާބީ ގޮތެއްގައި ހަމަ އެޤާނޫނުގައި ކަނޑައެޅިގެން ބަޔާން ނުވެ ހުންނަ ޤާނޫނު ތަކާ މެދުގައެވެ.
އެންމެންގެ މަޞްލަޙަތުތައް އެއް ގޮތަކަށް، އެއް ހަމަޔަކުން، އިންޞާފުވެރިކަމާއެކު ޙިމާޔަތް ކުރުމުގެ މާތް މަޤްޞަދުގައި ހެދިފައިވާ ޤާނޫނު ތައް ހަމަ އެ އެންމެންގެ މައްޗަށް ޢަދްލު އިންޞާފާއެކު ހިނގަން ވާނެ ކަމަށް އަޅުގަނޑަށް ފެނެއެވެ. އެ ޤާނޫނުތަކުގެ ދަށުން ހަދަން ޖެހިގެން ހަދައިފައި ހުންނަ ޤަޥާޢިދު ތަކަކީ އެ ޤާނޫނު ތަކުގެ ބެލެނިވެރިކަމުގެ ދަށުގައި އެ ހުންނަ، އެ ޤާނޫނު ތަކުގެ ބައެއް ކަމަށްވެސް އަޅުގަނޑު ދެކެމެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަދި ޤާނޫނު އަސާސީގައިވެސް އޮންނަ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، މިދެންނެވި ޤާނޫނު ތަކާއި ޤަޥާޢިދުތައް ހިނގަން ވާނީ އެންމެންގެ މައްޗަށް ހަމަހަމަ ކޮށެވެ.
އަޅުގަނޑަކީ ޤާނޫނީ ވަކީލަކީމެއް ނޫނެވެ. ޤާނޫނީ މާހިރަކީމެއްވެސް ނޫނެވެ. ޤާނޫނޭ މިކިޔާ ޖައުހަރުން އަޅުގަނޑަށް ލިބިހުރި މިންވަރަކީ ހަމަ އެ ޤާނޫނުތައް އަޅުގަނޑަށް އެނގެން ޖެހޭކަަމަށް ބަޔާން ވެފައި އޮންނާތީ ލިބުނު ވަރެކެވެ. ކޮންމެ ރައްޔިތެއްގެ މައްޗަށްވެސް ކަން އޮންނާނީ އެހެން ކަމަށް އަޅުގަނޑަށް ފެނެއެވެ. އަދި ދަންނަވަމެވެ. ކުރީގެ އަލް މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގައި ހިންގެވި ’ޑިޕްލޯމާ އިން ޝަރީޢާ އެންޑް ލޯ‘ ގެ ދެބުރުގައި ޤާނޫނީ ދާއިރާގައި އިނގިރޭސި ބަސް ބޭނުން ކުރުމުގެ މާއްދާއެއް ކިޔަވައިދޭ ގަޑިފުރާ އުސްތާޒަކަށް ޖުމުލަ 6 އަހަރު އަޅުގަނޑަށް އުޅެވުނެވެ. އަދި ފަހުން ހަމަ އެދާއިރާއިން ޑިގްރީ ނަގަން އުޅުނު ދަރިވަރުން ކޮޅަކަށް ހަމަ އެމާއްދާ ކިޔަވައިދޭންވެސް އެ މަޢުޙަދު ފަހުން ބަދަލުވި މުއައްސަސާތަކަށްވެސް ގޮސް އުޅުނީމެވެ. އަދި އެހެން އުޅެވުމުގެ ސަބަބުން، ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ތަފާތު އެކި ޤާނޫނުތަކަށް ވަރަށް ބޮޑަށް އަހުލުވެރި ވާންވެސް އަޅުގަނޑަށް ޖެހުނެވެ. އަޅުގަނޑު ދިރިއުޅެން މިހާރަކަށް އައިސް ކުރާ މަސައްކަތެއް ކަމުގައިވާ، ޤާނޫނީ ތަފާތު އެކި ލިޔުންތައް އެކި ފަރާތްތަކަށް ތަރުޖަމާ ކޮށްދިނުމަކީވެސް އެ އަހުލުވެރިކަން ދަމަހައްޓައިދޭ ކަމެއް މެއެވެ. އެކަމަކު އެއީ އެހައި ބޮޑު ކަމެއްވެސް ނޫނެވެ. ޙަޤީޤަތަކީ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަކީ ޤާނޫނާއި ޤާނޫނާ ތަންފީޒު ކުރުމާ ބެހޭގޮތުން ރައުޔެއް ނެރެގެން އެ ރައުޔުގައި އޮންނަ ގޮތަށް ކަންކުރަން ގަދަބާރު ދައްކާވަރުގެ މީހަކަށް ނުވާ ކަމެވެ. އެކަން އަޅުގަނޑު ޤަބޫލު ކުރަމެވެ.
އެކަމަކު، އަޅުގަނޑުގެެވެސް ޚިޔާލެއް އޮވެދާނެ، ދެއްތޯއެވެ؟ އެ ޚިޔާލު ފާޅުކޮށްލުމަކީވެސް އަޅުގަނޑަށް ލިބިފައިވާ ޙައްޤެއް ދެއްތޯއެވެ؟ އަޅުގަނޑަށް ފެންނަ ގޮތުގައި، މީހަކު ޤާނޫނާ ޚިލާފު ވެއްޖެތަ، އޭނާ އެ ހުރީ ޤާނޫނާ ޚިލާފު ވެފައެވެ. ނޫނީ، އޭނާ އެހުރީ ދެން ކިހިނެއް ވެފައި ތޯއެވެ؟ ބޮޑު ވައްކަމެއް ކުރި ކަމަށް ޝަރުޢީ ކޯޓެއްގައި ސާބިތުވި މީހާޔާއި، މަޝްހޫރު ކޮފީ ސަމުސާ ވަގަށް ނެގިކަމަށް ހަމަ އެތާނގައި ސާބިތުވި މީހާޔާ ދެމީހުންނަކީވެސް ހަމަ ވަގުންނެވެ. ޤާނޫނުގެ ކުރިމަތީގައި މިވެނި ކަމަކީ މަނާ ކަމެއް ކަނޑައަޅައިފައި ހުންނަ، އެކަމަކު ބައެއް މީހުން ގެންގުޅޭ އަމިއްލަ ތިލަފަތަކުން ކިރައިލައިފައި، "އެއީ ކުޑަ ކުޑަ ކަމެކޭ" އެބުނާ ޒާތުގެ ކަންކަން ކޮށްގެން ޤާނޫނާ ޚިލާފަށް ކަން ކުރާ ހަމަ ކޮންމެ މީހަކުމެ އެވަނީ ޤާނޫނާ ޚިލާފެވެ. ޤާނޫނުގައި އެއީ ކުށް ކަމަށް ކަނޑައަޅައިފައި ހުންނަ ބައެއް ޒާތުގެ ކަންކަމަކީ "ކުދި ކުދި" ކަންކަން ކަމަށް ވަކި ފަރުދަކަށް ކަނޑައެޅޭނޭ ކަމަކަށް އަޅުގަނޑު ނުދެކެމެެވެ. އެފަދަ "ކުދި ކުދި" ކަންކަން ކުރާ މީހުންނާ ދޭތެރޭ އަަޅަން ޖެހޭކަމަށް ޤާނޫނުގައި ކަނޑައަޅައިފައި އެހުންނަ ފިޔަވަޅުތައް ނުއަޅައި ދޫކޮށްލާ މީހާޔާއި، އެ ކުރެވެނީ އެންމެ ރަނގަޅު ކަމެއް ކަމަށް ބުނެދޭ މީހާޔާ ދެމީހުންނަށްމެ އެ ވެވެނީ ޤާނޫނާ ޚިލާފުކަން ނުވަތަ ނޫންކަން ނިންމަވާނީ ޤާނޫނީ މާހިރުންނެވެ. އަޅުގަނޑެއް ނޫނެވެ. އެކަމަކު އެއީ ތިޔަ ބޭފުޅުންވެސް އެކަމާ ކުޑައިކޮށް ފިކުރުފުޅު ހިންގަވައިލައްވަން ވާނެ ކަމެއް ކަމަށް އަޅުގަނޑަށް ފެނެއެވެ.
އަޅުގަނޑުގެ ކޮށި ވިސްނުން އަޅުގަނޑަށް ބުނެދޭ ގޮތުގައި، ވަކި ކަމަކީ ޤާނޫނާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބަޔާން ކުރެވި، އެކަމަށް އަދަބެއްވެސް ކަނޑައެޅިފައިވާ ކަމެއް ވަކި މީހަކު ކުރީމައި، އެއީ ކުޑަ ކަމެއް ކަމަށް އަމިއްލަޔަށް ނިންމައިފައި، އެއްފަހަރެއް ކަމަށް ދޫކޮށްލުން އެއީ ދެރަ ކަމެކެވެ. އެކަމުގައި ނުރައްކާ ތަކެއް ވެސް އެކުލެވިގެންވާ ކަމެކެވެ. މިއީ އަޅުގަނޑަށް ފެންނަ ގޮތެވެ. އެއީ ޤާނޫނާ ޚިލާފު ކަމެކޭ ނުވަތަ އެއީ ހަމަ އެންމެ ރަނގަޅު ކަމެކޭ ވިދާޅުވާން އަޅުގަނޑު ދޫކޮށްލާނީ ޤާނޫނީ މާހިރުންގެ ޤާބިލް ދޫފުޅުތަކުގެ މައްޗަށެވެ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ހިތް ބުނާ ގޮތެވެ. މިދެންނެވުނީ ޞައްޙަ ނޫން ގޮތެއް ކަމަށް ވަންޏާ، ރީތި ސާފު މަގުން، ޢިލްމީ، ތަހުޒީބީ މަގަކުން ވަޑައިގެން، އެ ބޭފުޅެއްގެ ނަންފުޅާއެކު، މުޢުތަބަރު ހެޔޮ މަގުން، ރިވެތި ގޮތުގައި އަޅުގަނޑަށް ބުނެދެއްވި ކޮންމެ ބޭފުޅަކަށް އަޅުގަނޑު ޝުކުރުވެރި ވާނަމެވެ. އެ ނޫން މަގަކުން ވަޑައިގެން، ފާރުބުޑުގައި ފިއްލަވައި ހުންނަވައިގެން އަނބުގަހަށް ގަޅި އުއްކަވާ ބީދައިން އެ ބޭފުޅެއްގެ ނެތް އުރައްޕަކާއި ހުރި ސުލޫކާ މެދު ސުވާލު އުފެއްދެވުން އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންގެ އަތްޕުޅު މައްޗަށެވެ. މިނޫން އެއްޗެއް އެމަގުން ދަންނަވާކަށް އަޅުގަނޑު އަދި ނެތީމެވެ.
އެހެނީ، މި ދެންނެވި ބީދައިން މިވެނި ކަމަކީ ޤާނޫނުގައި ކުށެއް ކަމަށް ކަނޑައެޅި، އެކުށަކަށް އަދަބެއް ކަނޑައެޅި، މިހެން އޮންނަ ކަމެއް އެއީ ކުޑަ ކަމަކަށް ހަދައި، އެ ކުށް ކުރި މީހާ އެއްފަހަރެއްކަމަށް ދޫކޮށްލެވުނީމައި، އެ ދެވެނީ އެއްކަލަ މުސްކުޅިބަހުގައި އެ އޮންނަ ކެނބެއްހައި ތަން ދަމައިގަންނާނެ ފުރުޞަތެވެ. އެ ފަހަރު އެ ކުށް ކުރި މީހާޔަށާއި، އެތަން ދުށް މީހާޔަށެވެ. އެ ވާހަކަ އިވުނު ކޮންމެ މީހަކަށް މެ އެވެ. ޤައުމު ނަގައި ކޮޅަށްޖެހޭތޯ އާދައިގެ ކުދި ބޮޑު އެންމެން މަސައްކަތްކުރަން ޖެހިފައިވާ، ޢަމުދުން މިހައިރު ކުރިމަތި ވެގެން މިއުޅޭ ބަލާ އާފާތުގެ ދުވަސްވަރު، ޤާނޫނުގެ ޢިބާރާތާއި ލަފުޒާއި އަކުރާއި ރޫޙު ނޭނގޭ ބަޔަކު، ނުވަތަ (މަޢާފާ އެކު ދަންނަވަމެވެ.) ކަންފަސޭހަ ކުރުމުގެ މަޤްޞަދުގައި ނޭނގޭ ކަމަށް ހެދޭ މަދު ބަޔަކު ނަމަވެސް، ޤާނޫނު ކިޔަނީ ލޮނުގޮއްޔެ ތަރުތީބު ކިޔާހެން ކަމަށް ވެއްޖިއްޔާ، ހިތާމަ ހުއްޓެވެ! ކަންކުރަނީ އަމާ ބުނީތީ ފަރަށް ދާ އުޞޫލުން ކަމަށް ވަންޏާ، ހަލާކު ހުއްޓެވެ! ޤާނޫނު ނަގަހައްޓަން ތިބޭ ބަޔަކަށް އެކަން ނުވާނެހައި ގޮތަކަށް ވާހަކަ ދައްކައިގެން އެމީހުންގެ ޒިންމާ އުފުލުން އެމީހުންނަށް އެކި ސިފަސިފައިގައި ދަތިކުރާ ބަޔަކަށް ހުރީ ކޮންފަދަ ގޮތެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ! ޤާނޫނާ ޚިލާފު، އެކަމަކު ޤާނޫނުގައި ކުށް ކަމަށް ބަޔާން ކޮށްފައިވާ ’ކަމަކަށް ނުވާ ކުދި ކުދި‘ ކަންކަމުގެ ލިސްޓެއް ހަދައިގެން، ތަންފީޒީ ޚިދުމަތްތެރީންގެ ލޮލުގައި ބާވަތެއްގެ އަނދުނެއް އަޅުވަން އުޅޭ ބަޔަކަށް އެހެދެނީ، ނުވަތަ އެބަަޔަކު ކަނޑައެޅިގެން އެ ހަދަނީ، ބޮޑު ގޯހުން ގޯހެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި ޤާނޫނުގެ ފުރިހަމަ އާރާއި ބާރާއި ދެނެގަނެ، އެކަންކަމަށް ކަމޭ ހިތައި، ޤާނޫނުގެ ޙުރުމަތާއި ޢިއްޒަތް ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެ ކަމެކެވެ.
ނޫނީ، މުސްކުޅިބަހާއި މިސާލުބަސް ދިވެހި ބަހުގައި މާގިނަވެފައި، އެ އެއްޗިހި ނޫން އެއްޗެއް އަޅުގަނޑަށް ނުފެނިފައި، އަޅުގަނޑަށް މި ގޮވެނީ މޮޔަތޯއެވެ؟ މި ދެއްކުނީ ދެރަ ވާހަކައެއްތޯއެެވެ؟ ނޫނިއްޔާ، މި ދެންނެވުނީ އަނެއްކާ މަޞްލަޙަތުުން ބޭރު ވާހަކައެއް ތޯއެވެ؟
މި ވާހަކަ މިގޮތަށް ދައްކައިގެން، މިހެން ލިޔެގެން، އެހެދުނީ ގޯހެއް ކަމަށް ވަންޏާ، އަޅުގަނޑަށްވެސް މި ކުރެވުނީ ކުޑަކުޑަ ކަމަކަށް ހައްދަވައިފައި، އެއް ފަހަރެއް ކަމަށް ދޫކޮށްލައްވައި ދެއްވާށެވެ. އަޅުގަނޑަށްވެސް ނަރެއްގެ ދެބައިކުޅަ އެއްބައިހައި ތަން ދޫކޮށްލައްވާށެވެ. އަދި ފެއަށް ޖެހިވަޑައިގަންނަވާށެވެ. ކެނބެއްހައި ތަން ދަމައެއް ނުގަންނާނަމެކޭ، ނުވަތަ އެހެން ނޫނެކޭވެސް ނުދަންނަވާނަމެވެ.
