ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރެއްގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފިއެވެ.
އިދިކޮޅު ކޯލީޝަންގެ ފަރާތުން މި ކަމުގައި އިސްކޮށް ހަރަކާތެރިވެވަޑައިގަންނަވާ ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ގަވައިދު ބުނާ 10 ސޮޔަށް ވުރެ އެއް ސޮއި އިތުރަށް ވެސް ހިމަނައިގެން މިއަދު އެ މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޖުމްލަ 87 މެމްބަރުންގެ މަޖިލީހުގެ މައިނޯރިޓީ ކަމަށްވާ ޕީ.ޕީ.އެމް/ޕީ.އެން.ސީގައި ތިއްބެވީ ނުވަ މެމްބަރުންނެވެ. އޭގެ އިތުރުން މިނިވަން ހަތަރު މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރަކާއި އެމް.ޑީ.އޭގެ ދެ މެމްބަރަކު ވެސް އެބަތިއްބެވިއެވެ. ދެން ތިއްބެވީ މަޖިލިސްގެ ސުޕަމެޖޯރިޓީ އޮތް އެމް.ޑީ.ޕީގެ 67 މެމްބަރުންނެވެ.
ޝިޔާމް ވިދާޅުވީ މަޖިލީހަށް މައްސަލަ ވެއްދެވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ނުވަ މެމްބަރުންގެ އިތުރުން މިނިވަން ދެ މެމްބަރެއްގެ ސޮޔާއެކު ކަމަށެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމާއި ވިލިމާލެ މެމްބަރު އަޙްމަދު އުޝާމެވެ.

އިމްރާނުގެ އިތުބާރު ނެތް ކަމަށް މި ހުށަހެޅީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ޖިންސީ ގޯނާ އަދި ރޭޕްކުރަން އުޅުމުގެ މައްސަލައިގެ ތަޙްޤީޤް ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައަޅާފައިވާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގައިދިޔައީ ރޭޕެއް ނޫން ކަމަށާއި އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފުމަކީ "ކަމެއް ކުރިކަންވެސް ނޭނގޭ ފަދަ ކަމެއް ކަމަށް" ވިދާޅުވެ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާ ގޮތަށް ދިވެހިރާއްޖޭގެ އަޑުން ރޭ ވަގުތުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ޢިމްރާން ވިދާޅުވުމަކީ ހޯމް މިނިސްޓްރީއާ ޙަވާލުވެ ހުންނެވި ވަޒީރުގެ ޙައިސިއްޔަތުން އެމަނިކުފާނުގެ ޤާބިލްކަމާއި ޒިންމާދާރުކަމާމެދު ސުވާލު އުފެދޭ، އަދި މިކަމުގެ ސަބަބުން ތަޙްޤީޤު ކުރެވެމުންދާ މައްސަލައަކަށް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށްވާތީ އާއި، އަދި އެއްވެސް މައްސަލައެއްގެ ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީ އާއި، މިވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކަށް އިންސާފު ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތުމުން ކަމަށް އެ މައްސަލައިގައި ވެއެވެ.
އަދި ހަމަ މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާ ގުޅޭގޮތުން އަނެއްކާވެސް ތަފާތު ގޮތަކަށް ވާހަކަ ދައްކަވާފައިވާތީ އާއި، އެގޮތުން މޭޑޭ މުޒާހަރާގައި، ރިޟްވާންއާއި އަފްރާޝީމްގެ މަރާ ގުޅޭގޮތުން އިމްރާނު ދެއްކެވި ދެއްކެވި ޑޮކިއުމެންޓްތަކަކީ އަސްލެއް ނޫން ކަމަށް ވިދާޅުވުމާއި މޭޑޭ މުޒާހަރާގައި ގެންގުޅުއްވި ހެކިތައް ނުވަތަ ޑޮކިއުމެންޓް ފުލުހުން އަތުލާފައިވާ ކަމަށް އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވުމާއި، މި މައްސަލައާ ގުޅޭގޮތުން އެކި ފޯރަމްތަކުގައި އެކި ގޮތަށް ވާހަކަ ދައްކަވަމުންދާތީ އާއި، މިފަދަ ބޮޑެތި މައްސަލަތަކުގެ ހެއްކާއި ޤަރީނާ ލިބިފައިވާ ކަމަށް ބުނެ ކަމާބެހޭ މުއައްސަސާތަކަށް އެ މަޢުލޫމާތު ނުދެއްވާ ހުންނެވުމަކީ ކުށަކަށް ވާތީ އާއި، މިކަމުން މަރުތަކަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ހިޔަނި އެޅިފައިވާ މިންވަރު ހާމަވާތީ ކަމުގައި ވެސް އެ މައްސަލައިގައިވެއެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން މިފަދަ ދަށުދަރަޖައިގެ ކަންކަން އިމްރާނު ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ އާއި، ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމްކުރުމާއި ޤާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިއްމާ އުފުއްލަވާ ވަޒީރުގެ ޤާބިލްކަމާއި، ތެދުވެރިކަމާއި އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭތީއާއި މިކަންކަމުގެ ސަބަބުން ހަމަހަމަކަމާއެކު ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޤާބޫލްކުރެވޭތީ އާއި ޤާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރު ކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭތީ އާއި އަދި އެ މާއްދާގެ (ކ)ގައި ބަޔާން ކުރެވިފައިވާ ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ ޢާންމު ފައިދާ ރައްކާތެރިކުރުމަށް މަސައްކަތް ނުކުރެވޭތީ ކަމަށް ވެސް އޭގައި ވެއެވެ.



advertisment