Support Us

ކޮލަމް: އަލި

ގައުމިއްޔަތާއި ގައުމީ ލޯބި

ދިވެހި ފުރަތަމަ ޖުމުހޫރިއްޔާގެ ބާނީ، އަދި ދިވެހިޤައުމު ދުށް އަދަބީ ރަންޒަމާނާއި އުފާވެރި އަދަބީ ބަހާރުގެ ބާނީ ސުމުއްވުލް އަމީރު އަންނަބީލް މުހައްމަދު އަމީން ދީދީ ޅެންބައިތެއްގައި ވިދާޅުވިއެވެ.

"ޙުއްބުލްވަޠަންގެ ސިފަތަކުން އަދު ހިތް ފުރާނަމޭ
ލައްބައިކައޭ ޖަވާބުދީ ޤުރުބާންވެ ދާނަމޭ"

މިއީ ވަރަށް ތަފާތު އިހުސާސްތަކެއް އުފައްދާ މާނަވީ ވާހަކަފުޅެކެވެ. ޙުއްބުލްވަޠަނަކީ ކޮބައިތޯއެވެ؟ އާދޭހެވެ! އެއީ ގައުމުދެކެ ވާ ލޯތްބެވެ. ވަޠަންދެކެ ވާ ލޯތްބެވެ. ވަޠަން ދެކެ ލޯބިވުމުގެ ލޯތްބަކީ ހިތުގެ ފުނުން އުފައްދާ ޚާއްޞަ ޖަޒްބާތެކެވެ. އެއީ ރޫޙީގޮތުން އިންސާނާގެ މާނަވީ އިހުސާތަކާއި މާއްދީ އަގުތަކާ ގުޅިފައިވާ ވަރުގަދަ ބާރަކެވެ. މި ބާރުގަދަ ޖަޒުބާތު ބިނާވަނީ އެ މީހަކު އުފަންވާ ފަސްގަނޑާއި އެ ފަސްގަނޑުގެ ޠަބީޢަތާއި އެ މާހައުލެއްގެ ވަންތަކަމާއި ސަގާފަތާއި އާދަކާދައިގެ މައްޗަށެވެ. ގައުމު ދެކެ ލޯބިވުމުގެ ޖަޒުބާތު ހުރި ހިތެއްގެ ވެރިޔަކު ގައުމަށް ދެރަ ގޮތެއް ވާން ނޭދޭނެއެވެ. އޭނާގެ މުޅި ނަފުސުގެ ނިދާއަކަށް ވާނީ ގައުމީ ލޯތްބެވެ. އޭނާގެ އަބަދީ ގޮވައިލުމުކަށް ވާނީ ވަޠަނަށް ޓަކައި އޭނާގެ ހިތުގައި އޮންނަ ހަންހާރަވެތިކަމާއި ޤަދަރުވެރިކަމާއި މާތްކޮށް ހިތުމުގެ ގޮވައިލުމެވެ.

އެމެރިކާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވި ޗާލްސް އެޑްވަޑް ޖެފަރސަން ވިދާޅުވެފައި ވެއެވެ. "އެ މީހެއްގެ ހިތުގައި ވިންދުޖަހަނީ ގައުމީ ވަޙުދަތަށާއި ސިޔާދަތަށާއި މިނިވަންކަމަށާއި ތެދުވެރި ގައުމީ ލޯތްބަށްޓަކައި ކަމަށްވާ ނަމަ އެއީ ގައުމީ ލޯބި ހުރި ގައުމީ ދަރިއެކެވެ."

އާދޭހެވެ! ގައުމީ ލޯބި ނުވަތަ ވަޠަން ދެކެ ލޯބިވުމުގެ ޖަޒުބާތު ބިނާވާ އެންމެ މުހިންމު އަސާސަކީ ގައުމިއްޔަތެވެ. އެއީ ގައުމެއްގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ބައްދަލުވާ މައި ނާރެހެވެ. މި މައިނާރެހުގެ ބިންގަލަކީ ދިވެހިބަހާއި މާތްވެގެންވާ އިސްލާމް ދީނެވެ. ޒަމާންވީ ސަގާފީއާދަކާދަތަކެވެ. ބަހަކީ ސަގާފަތުގެ ހިތެވެ. އާދަކާދައިގެ ރޫޙެވެ. މުޖުތަމަޢުގެ ވިންދެވެ. އެއްބައިވަންތަކަމުގެ ފެނާރެވެ. ކުރުކޮށް ދަންނަވާ ނަމަ ގައުމިއްޔަތުގެ އަސާސްގައި ބަހަކީ އޭގެ ފުރާނައެވެ. އެހެނީ ޖަމާޢަތުގެ އެއްބައިވަންތަކަމާއި އަމާންކަމާއި ސުލްހައިގެ ގުޅުންތައް ބަހެއް ނެތެއް ގާއިމެއް ނުވެއެވެ. މިހެންވުމުން ބަހާ ގައުމިއްޔަތު ވަނީ ގުޅިލާމެހިފައެވެ.

އަޅުގަނޑުމެން ދިވެހީންނަކީ ވަރަށް ނަސީބުވެރި ބައެކެވެ. އަޅުގަނޑުމެންނީ ފުރިހަމަ ގައުމިއްޔަތެއް އޮތް ބައެކެވެ. އަޅުގަނޑުމެން ވާހަކަ ދައްކަނީ އެއް ބަހަކުންނެވެ. ރީތި ދިވެހިބަހުންނެވެ. އަޅުގަނޑުމެން ޝުއޫރާއި ޖަޒުބާތުތައް ދިވެހިބަހުން ފާޅު ނުކުރާ ޒަމާނެއް ދިވެހިރާއްޖެ ދެކެފައެއް ނެތެވެ. އަމިއްލަ އަކުރަކުން ދިވެހިބަހުން ލިޔެކިޔުންތައް ބަދަލު ނުކުރާ ވެރިކަމެއް ދިވެހިރާއްޖެ ތަޖުރިބާކޮށްފައެއް ނެތެވެ. އާދޭހެވެ! މިއީ ތާރީޚުގެ ސަފުޙާތަކުން ފެންނަ ޝަރަފުވެރި ދިވެހި ރާއްޖެއެވެ.

މިހެންވުމުން، އަޅުގަނޑުމެންގެ ކާބަފައިންގެ ފުށުން ވާރުތަވެފައިވާ ގައުމީ ތުރާސްތައް އާދެ ވަޠަނީ ތަރިކަތައް އަޅުގަނޑުމެން ވެސް ދަމަހައްޓާން ޖެހެއެވެ. ޖީލުންޖީލަށް އެ ތަރިކަ ވާސިލްކޮށްދޭން ޖެހެއެވެ. އަދުގެ ދިވެހި ދަރީންނަށް ގައުމު ދެކެ ލޯބިވުމަކީ ކޮބައިކަމާއި ގައުމިއްޔަތަށް ޙުރުމަތްތެރިކޮށް ހިތަން ޖެހެނީ ކިއްވެގެން ކަން އެ ކުދީންގެ އަމިއްލަ ގޯތިން ފެށިގެން މަދަރުސީ ގޯތިތަކުން ދަސްކޮށްދީ އަމަލާއި ބަހުން ތަމްރީނުދޭން ޖެހެއެވެ.

ގައުމީ ކަންކަމުގައި ހިތާއި ނަފުސުގެ ރޫޙީ ޖަޒުބާތުއް އިސްކުރާން ޖެހޭ މުހިންމު ސަބަބުތަކާއި ބޭނުންތައް އެކުދީންނަށް ކިޔައިދޭން ޖެހެއެވެ. އަޅުގަނޑުމެންގެ ކާބަފައިން މި ގައުމާއި ގައުމިއްޔަތު އެކިއެކި އުދުވާންތަކުންނާއި އެކިއެކި އަޅުވެތިކަމުން ސަލާމަތްކުރައްވައި ދަފަރާކުރައްވާން ކުރެއްވި ގައުމީ، ޖިހާދީ، ފިދާޢީ، ދިފާޢީ، މަސައްކަތްތައް އަންގައިދީ އޮޅުންފިލުވައިދޭން ޖެހެއެވެ. އެ މަތިވެރި ގައުމީ ޚިދުމަތާއި ޤުރުބާނީން ދިވެހި ބިމާއި ކަނޑާއި ވައިގެ ޙިމާޔަތުގައި ލޭފޮދު ހަދިޔާ ކުރެއްވި އަގުމާތް ބަޠަލުންނަކީ ކޮން ބޭފުޅެއްނެއް ކަން ދަސްކޮށްދޭން ޖެހެއެވެ.

ފުށެތިކާލުންގެ ތުރާތަކާއި ޖެއްސުންތަކާއި އަނިޔާވެރިކަމުން ދިވެހި ގައުމާއި ގައުމިއްޔަތު ސަލާމަތްކުރެއްވި ބޮޑުތަކުރުފާނާއި އެ ކާމިޔާބު ޖިހާދުގެ ކުޅަދާނަ ބަޠަލުންނަކީ ކޮބައިކަން ދިވެހި ކޮންމެ ދަރިޔަކަށް އެނގެން ޖެއެވެ. ޢަލިރަސްގެފާނު ޝަހީދުވެވަޑައިގަތީ ކީއްވެގެންކަމާއި ދޮންބަންޑާރައިންގެ ގައުމީ ޖިހާދުގެ ވާހަކައިގެ ތަފްސީލު އަކުރުންއަކުރަށް ބަރާބަރަށް ދަސްކުރާން ޖެހެއެވެ. ޒުވާން ޙުސައިން އާދަމް ދިވެހި ގައުމަށް ޓަކައި އޭނާގެ މޭ އައްޑަނައަކަށް ދިއްކުރައްވައި ޝަހިދުވެވަޑައިގަތީ ކޮން ސަބަބަކާ ހުރެގެންކަން އަދުގެ ކޮންމެ ކިޔަވާ ކުއްޖަކު ދަސްކޮށް މި ފަދަ ކޮންމެ ހާދިސާއަކުން އިބުރަތް ޙާޞިލްކުރާން ޖެހެއެވެ.

"ޖޯޝުގައި ނެތް ލޮލުން ކަރުނައެއް ފާޅުވާން
އުންޑަތައް އެރިކަމަކު ގައިގެ ލޭ އޮހޮރުވާ
މަރުވިޔަސް ހިތް އޮތީ ހަރު އަޑުން ގޮވަގޮވާ

އެކުވެރީންނޭ ޙަވާލޭ ވަޠަން ލޯބިވާ – ވަޠަން ލޯބިވާ" މިފަދައިން ޝަހީދު ޙުސައިން އާދަމް ކުރެއްވި ގައުމީ އިލްތިމާސްގެ އިޖުތިމާޢީ، ޖަޒުބާތީ މާނައާ މެދު ވިސްނައި ގައުމާއި ގައުމިއްޔަތަށް ޓަކައި ފަޚުރުވެރިކަމާއެކު އަދުގެ ކޮންމެ ޒުވާނެއްގެ މޭ ގައުމީ ދިފާޢީ އައްޑަނައަކަށް އުފުލާނެ ހިތްވަރު ދިވެހި ކޮންމެ ޒުވާނެއްގެ، ނަފުސާއި ރޫޙާއީ ހިތާއި ކަށީގެ މަދުން ނެރޭން ޖެހެއެވެ. އާދޭހެވެ! ދިވެހި ކޮންމެ ބަޠަލެއް، ކޮންމެ ޒަޢީމެއް، ދިވެހި ގައުމަށް ޓަކައި ކުރެއްވި ގައުމީ ޖިހާދުގައި ޙިމާޔަތްކުރެއްވީ ދިވެހި ގައުމިއްޔަތެވެ. ދިވެހި ބަހެވެ. މާތްވެގެންވާ އިސްލާމް ދީނެވެ. ދިވެހީންގެ އަމިއްލަވަންތަކަމެވެ. ދިވެހި ގައުމުގެ ސިޔާދަތާއި އިސްތިޤުލާލާއި މިނިވަންކަން ވެސްމެއެވެ.

ގައުމީ ދުވަހު ގައުމީ ހެދުމުގައި ގައުމީ ލަވަތައް ކިޔަމުން އުފާފާޅުކުރަމުން ދާ ކޮންމެ ހިނދަކުމެ އެންމެ ބާރަށް އެންމެ ގިނައިން އަތްތިލަބަޑިޖަހައި އަޅުގަނޑުމެން ފާހަގަކުރާން ޖެހޭނީ މި ފަދަ ކަންކަމެވެ. އަޅުގަނޑުމެން އެއްއަޑަކުން އިއްވާން ޖެހޭނީ "މަތިވެރިވި ދިވެހި އަޖުދާދުންނަށް މަތިމައްޗަށް ހުންނަ މިސާބަސްތައް، ފަތިފައްޗަށް އަމުނައިގެން މި ގޮތަށް، މަތިވެރި ޝުކުރެވޭ ވެވެމުން މިދަނީ" މި ބަސްތަކެވެ. އަޅުގަނޑުމެންގެ އަޒުމަކަށް ވާން ވާނީ "ފިސްފިސްވެ މުޅީން ދިޔަޔަސް ވިރިގެން، ފަސްދާނު ލެވުނު ކަށިތައް ނެތިގެން، އިސްނެންގެވި ކާބަފައިން ދެއްވާ އަސްލީ މިނިވަން ރޫޙޭ ދިރެނީ" މި ވިންދާއި މި ޖަޒުބާ އިސްކޮށް ނެގެހެއްޓުމެވެ.

ޝައްކެއް ނެތެވެ. ޙުއްބުލްވަޠަންގެ ސިފަތަކުން ޖަރީވާނީ އޭރުންނެވެ. ގައުމީ ރޫޙާއި ޖޯޝުގައި ލައްބައިކައޭ ބުނެ ޖަވާބު ދެވޭނީ އޭރުންނެވެ. ގައުމު ދެކެ ލޯބިވުމަކީ،  ވަޠަން ދެކެ ލޯބިވުމަކީ  މިނޫން ދެން އެހެން ކޮން އެއްޗެއް ހެއްޔެވެ! ޤައުމިއްޔަތާއި ގައުމު ދެކެ ލޯބިވުން ގުޅިފައިވަނީ ހަށިގަނޑާއި ފުރާނަ ގުޅިލާމެހިފައިވާ ފަދައަކުންނެވެ.

އާދޭހެވެ! އެމެރިކާގެ 35ވަނަ ރައީސް ޖޯން އެފް ކެނެޑީ ވިދާޅުވިފަދައިން، އަހާންވީ ޤައުމު ތިމާއަށް ކޮށް ދެނީ ކޮންކަމެއް ތޯއެއް ނޫނެވެ. އަހާންވީ، ތިމާއަށް ޤައުމަށް ކޮށް ދެވެން އޮތީ ކޮން ކަމެއް ތޯއެވެ. މިއީ ޤައުމިއްޔަތުގެ ހަންހާރަވެތިކަމާއި ޙުއްބުލްވަޠަނުގެ ސިފަތަކުން ޖަރީވެފައިވާ ކޮންމެ ހިތަކުން ޖަހާ ވިންދު އިއްވާ ގައުމީ އަޑެވެ. މާތްﷲގެ ހެޔޮ ރަޙުމަތްފުޅާއި މިންވަރުފުޅުން މިނިވަންކަމުގެ ފުރިހައި ހިޔަލުގައި ފެއްސާއިރަތާއި ހުދުގެ ނަލަ ދިދަ އަބަދުމެ އަޅުގަނޑުމެންގެ ބޯމަތީގައި ވިހުރޭށިއެވެ. މި ލޮބުވެތި ވަޠަން ނަސްރާއި ނަސީބުގެ ހެޔޮ ރަޙުމަތާއި ނިޢުމަތުގައި ތާއަބަދަށް ލައްވާށިއެވެ. "ތަނުގައި މިޝިޢާރު ޤައުމީ އާލާކޮށް ދިރުވޭހެން މިނިވަންކަމުގައި ލައްވާނދޭވެ" އާމީން.