Support Us

ޝަބްނަމް ތިކީގެ އުދާސް

ހަނދުގެ ދަރުބާރުން ބިމަށް އޮހޮރާލި ހީރާޔާ މުތީ
ކަނޑުގެ ސަޠުޙާ އެއްގަމާ، ނޫރުން އެ ރައުނަޤު ކޮށްގަތީ

ތަރިތަކާ ރިހި ދޯދިތައް ހަނދުވަރުގެ ދީލަތި އާރުތައް
ފަރިކަމުގެ އެކި ވާދަތައް ކުރަނީ ފަޚްރުވެރިކަންމަތީ
ވާގިނެތް ލުއި ރޯޅިޔާއެކު ޖާދުވީ މި އަދާތަކަށް
ހާވިލާތައް ފިރުކެމުން ދޭ ޢާޝިޤީ މޮޔަކަންމަތީ
ވިދަވިދާ އޮތް ޢާލަމެއްގެ ތެރޭން ފަތިހު މި ބިމަށް އައިސް

މަޑު މަޑުން ފޭލިގެ ޖެހީ އަހަރެން، ފޮޅޭ މާތަކުމަތީ
އޭރު އުދަރެސް ރަންވަނީ، ދަނބު ނޫ ކުލައިން ޒީނަތްވަނީ
ރޭގެ ރާނީއާއި ބާންދީން، ތަން އެ ދިން ފަހިކަންމަތީ
ލަސްތަކެއް ނުވެ ދެން ދުވާލުގެ ރަސްގެފާނުގެ ފެނިލުމަށް
ގަސްތަކާ މަސްތައް ނަށާލީ ވެސް އުފާވެރިކަންމަތީ

މައިދަރީންގެ މަޢީޝަތަށް ހެދި ހާލިތައް ދޫކޮށް ހެމުން
ބައިބަޔަށް އެކި ދޫނިތައް އައި ވައިގެ ހަލި އުޅަނދުގެ މަތީ
ބުލްބުލާ މުނިޔާ ކޮކާ ތަރުޙީބުގައި ލަވަތައް ކިޔައި
ގުލްޝަނަށް ގެނައީ ދިރުން ސިލްމާ ސަލާމުގެ ވަރަމަތީ
ނަމަވިޔަސް ފަތިހުގެ އުޖާލާ ދޯދިފަށް ފާއިތުވުމުން

ހަމަލަ ދޭށޭ ތިޔަ ފެށީ ހުންނަން އަރާ މެދު އުޑުމަތީ
ދޯދިތަކުގެ ކަނޑިން މި ބުސްތާނަށް ނެތީ ހެ ޙިމާޔަތެއް
ލޯބި ރަޙްމުގެ ފެން ވިލާ ނެތަތީ މިއަދު އުދަރެސް މަތީ
ހޫނުގައި މާތައް މިލާއިރު ރޯއަޑާ ގިސްލާއަޑަށް
މޫނު ތިޔަ ދިއްކޮށްލަނީ ހޭ ތޫނު ދިލަގަދަކަންމަތީ

ދޫނިތައް އެ ވަނީ ހަނާ، ހޫނާއި ހެދި އުދުހުން މަނާ
ސޫރަކޮށްލާށޭ ފަނާ ވާއިރު ބަގީޗާ ލޯމަތީ
އަދި ކޮބާ މީ އަދި ޟުޙާ ވަގުތޭ އެހެން ނަމަވެސް ހެވޭ
ޝަބްނަމުގެ ތިކިތައް ވިޔަސް ވިރި ހުސްވަނީއެ އުދާސްމަތީ
ރަޙްމަތުގެ ދީލަތި މަލާއިކަތެއް ފަދައިން އައިމާ އުޑުން

މަޙްޝަރުގެ މައިދާން ހެ ތިޔަ ދެއްކީ މި ހެނދުނުގެ ދަޅަމަތީ
ފިޠުރަތާއި ވުޖޫދުގައި ނެތް ހޭ ޙަޔާތަށް މާނައެއް
ފަތުރަނީ މި ޚަރީފުކަން ޠަބަޢީ މިޔޭ ބުނެ ސުންނަތީ
ކީއްވެ ފަތިހުގެ ސަޑުމަތީ ހިނިތުންވެލާ ފަރި މާތަކާ
އޭގެ މަޢުޞޫމީ ނަދާގެ އަގެއް މި ޢާލަމުގައި ނެތީ

ބުލްބުލަށް ގުލްޝަންތަކަށް ޝަބްނަމްގެ ޠާހިރުތިކިތަކަށް
ޡުލްމު ހެނދުނެއް ނަމަ ދިނުން ޤާނޫނު ހޭ އޭ ޤުދުރަތީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *