Support Us

ހިޔަންޏެއް ފަދަ އެކުވެރިޔާ

ހިޔަންޏެއްހެން އެކީ ގުޅިގެން އުޅެން ނޭދޭށެ އެކުވެރިޔާ
ކިޔަން ތިޔަ ފެށި މި ޅެން ނިމުމުން ސަބަބު އެނގިދާނެޔޭ ކިރިޔ

ހިމުން ދޮންވެލި ތުނޑީގައި ދޯދިތައް ބޮސްދޭން ފަތިހު ފެށުމުން
ހެމުން ފަރިދައްކަމުން ރުއްގަސް ވަޔާއެކުގައި ނަށާނެށުމުން
އެ މަންޒަރު ދެކި ލުމަށް ގުންޑޮޅިމަތީ އެ ވަގުތު މަ ހުއްޓިލުމުން
ތިމަން މިހިރީ ދެ އިސްކޮޅަށޭ ތިބާގެ ދިފާޢުގައި ބުނަމުން
ގަމަށް ގޮސް ހިޔަނި ހުސް ނުވެޔޭ، އެހެރަ ބިޔަކަން ނިމޭހެ ކިޔާ

އަރާ އިރު، މެދު އުޑުން ރަތުލޯގެ ވިހަ ދުނިތައް އުކަންފެށުމުން
ދަރާލަން ޖެހި މި މުޅި ހަށިގަނޑު މަރާ ހަނގުރާއަށް ފެށުމުން
އަރާމެއް ރައްކަލެއް އަމުދުން ނުލިބި ދެކޮޅަށް ދުވަން ފެށުމުން
ހަރާލައެ ތުން ބިމަށް މާ ކުޑަ ވެފައި މިސްކީނެކޭ ގޮވަމުން
ހަރާން ނެތް ހައިބަތެއް އެ ވަގުތު، ގުޅެން އުޅެނީ ބިމުގެ ވެއްޔާ

ފަވާލަން ސާފު އުދަރެސްތައް ހަވީރުގެ ރީތި ރިހި ވިދުމުން
ދުވާލުގެ އިރު މިޒާޖު ބަދަލްވެ ލޯބިން ތިރިވެލަން ފެށުމުން
ހުވާ ޤުދުރަތުގެ މޫރިތި އަސަރުތައް ދެކިލާ ހިތުން ދިޔުމުން
ހުވާސްހެން އައިސް އެކީ މިލިގެންފަޔޭ ބިޔަ އިސްކޮޅެއް ނެރެމުން
ހަވާސާގައި ވަކިން ހުރެވޭނެހޭ ބުނެ އިއްވަމުން އެ ނިޔާ

މިއަށް ފަހު ދެން އައީ މާ އަނދިރި ނާމާން ކަޅު އިރާކޮޅެކޭ
މެޔަށް ހަމަލާ ދިނަސް މީހަކު އެނގެން ނެތް އެ ފަދަ ދަނޑިވަޅެކޭ
ކިޔެއް ކުރެވެން އޮތީ؟ މީ ނުތަނަވަސް…ހިތްދަތި ވަގުތުކޮޅެކޭ
ހިޔަންޏެއް ނެތް، މަ ދޫ ކޮށްފައި ބަޗައިފި މިއީ ފިލާވަޅެކޭ
ކިޔަން ދެން ވަކި އޮތީ ކީކޭ ކިޔަން ވީހޭ މަކަރުވެރިޔާ

ނަސީބު ރަނގަޅުކަމުން ފުރިހަމަ ހަނދެއްގެ ލިބިއްޖެޔޭ ހަނދުވަރު
މުސީބާތުން ސަލާމަތް ވެވި ވެދިޔަ ވަގުތަށް ފަހަށް ދަންވަރު
ކަސީދާކޮށްފިޔޭ ޢާލަމް ހަނދުގެ ނޫރުން އުފުލި ދަންމަރު
ބުސީ ތައްޚާނު އަތުވެއްޖޭ އަލުން ހެދިގެން އެ ހިނދު ކަޅުކުރު
ޚަޞީލަތް ހުރި ގޮތުން ނުކިޔޭނެހޭ ސީދާ ޣަދަރުވެރިޔާ

ވިދާ އަލި ނޫރުގައި ނަމަ ހިޔަނި އޭ މިތުރާގެ ބައިވެރިޔާ
ވެދާ އަނދިރީގެ ބިރުގެތެރޭ އެއީ ވަކިވާނެ ކެހިވެރިޔާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *