Support Us

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާޖަން މަތާއީއާ ރައީސް ވަހީދު ބައްދަލު ކުރެއްވުން (16 ފެބުރުވަރީ 2012) -ފޮޓޯ: ރައީސް އޮފީސް

އިސްތިއުފާ ދެއްވަން މަޖުބޫރުކުރުމުން ރައީސް ވަހީދު އިންޑިއާ އަށް ދެއްވި ޖަވާބަކީ މިއީ

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ޑރ. މުހައްމަދު ވަހީދު ހަސަން، ލައިވް ޓީވީގައި އިސްތިއުފާ ދެއްވަން ބޭރުގެ ޑިޕްލޮމޭޓަކު 2012 ވަނަ އަހަރު މަޖުބޫރުކުރުވި ކުރުވުމަކީ ރާއްޖޭގެ ސިޔާސީ ހަގީގަތެވެ. ނަމަވެސް މިހާތަނަށް ކަށަވަރުވެފައި ނެތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވީ ކޮން ގައުމެއްގެ ކޮން ބޭފުޅެއް ކަމެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާޖަން މަތާއީއާ ރައީސް ވަހީދު ބައްދަލު ކުރެއްވުން (16 ފެބުރުވަރީ 2012) -ފޮޓޯ: ރައީސް އޮފީސް

ސިޔާސީ އިދިކޮޅު ފަރާތްތަކުން ހިންގި ސިލްސިލާ މުޒާހަރާތައް ހޫނުވެ ޖުމްހޫރީ މައިދާނަށް ރައްޔިތުން އެއްވެ، ސަލާމަތީ ބާރުތަކުން ވެސް އެ ހަރަކާތަށް އެންމެ ފަހުން ވާގިދިނުމުގެ ނަތީޖާއެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން މުހައްމަދު ނަޝީދު، ލައިވް ޓީވީގައި، 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވުމުން، އޭރުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ޑރ. ވަހީދު ހަމަ އެ ދުވަހު ކުރެއްވިއެވެ. ޖެހިގެން އައި ދުވަހު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމް.ޑީ.ޕީގެ ސަޕޯޓަރުން ވަރަށް ގަދަޔަށް މުޒަހާރާކޮށް، ރަށްރަށުގެ ވަރަށް ގިނަ ތަންތަނުގައި ހުޅުޖަހައި ގައުމު ހަލަބޮލިކޮށްލިއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ޕީ.ޕީ.އެމްގެ ފަރާތުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި، ބޭރުގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވާ ވާހަކަ ދައްކަވަމުން، އެ މަނިކުފާނު އިސްތިއުފާ ދެއްވަން ބޭރު ގައުމެއްގެ އިސް ބޭފުޅަކު އެދިވަޑައިގެންނެވި ކަމަށް ވިދާޅުވި ނަމަވެސް، އެއީ ކޮން ގައުމެއްގެ ކޮން ބޭފުޅެއް ކަމެއް ރައީސް ވަހީދު އެރޭގެ ވާހަކަފުޅުގައި ވިދާޅެއްނުވެއެވެ.


"ބޭރު ގައުމެއްގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު ވަޑައިގެން އަޅުގަނޑު ކައިރީގައި ވިދާޅުވަނީ އެއްދުވަހު، މިއަދު ބާރަ ޖެހުމުގެ ކުރިން، ނޫން، މިއަދު އެކެއް ޖަހާއިރު ހިނގާށޭ ޓީވީއަށް އަރަން، ރައީސް އިސްތިއުފާ އިއުލާންކުރަން. ތިމަންނައާ އެކީގައޭ އަރާނީ، ރައީސް ވަހީދު ވިދާޅުވިއެވެ. "މިއީ ދުވަހަކުވެސް، އެއްވެސް ގައުމެއްގައި ހިނގައިފައި އޮތް ކަމެއް ނޫން. މިވަރުގެ ދަށުދަރަޖައިގެ އަމަލެއް އެއްވެސް ގައުމަކުން އެހެން ގައުމަކާ ދޭތެރޭގައި ނުކުރޭ. އެ ވަގުތު، އަޅުގަނޑު އޭނާއާ އެކީގައި އެ ދުވަހު ޓީވީއަށް އެރި ނަމަ، އެދުވަހު ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނީސް."

ރައީސް ވަހީދު ވިދާޅުވި ގޮތުގައި ބޭރުގެ އެކިއެކި ފަރާތްފަރާތުގެ ބާރު ގަދަކުރުމަށްޓަކައި އޭރުއްސުރެ ގެންދަނީ މަސައްކަތް ކުރަމުންނެވެ.

"އޭރުއްސުރެ ދިވެހިރާއްޖެއަށް އަންނަނީ ބޭރުގެ އެކިއެކި ފަރާތްފަރާތުގެ ބާރު ގަދަކުރުމަށްޓަކައި މަސައްކަތްކުރަމުން. އެ މަސައްކަތްތައް ދިޔައީ އިތުރުވަމުން. އޭގެ ނުފޫޒު ކޮންމެވެސް ވަރަކަށް 2013ގެ އިންތިޚާބުގެ ތެރެއަށްވެސް ވަންނަން އުޅުނު. އެނގިވަޑައިގަންނަވާނޭ ބޭރު ގައުމެއްގެ ސަފީރަކު އަޅުގަނޑަށް ޖެހުނު ފޮރިން މިނިސްޓްރީއަށް ގެންނަން ވެސް. އެވެސް ރާއްޖޭގައި ދުވަހަކު ހިނގި ކަމެއް ނޫން އެހާތަނަށް."

ރައީސް ވަހީދުގެ ވެރިކަމުގައި އިންޑިއާގެ ދެ ސަފީރަކު ފޮރިން މިނިސްޓްރީ އަށް ހާޒިރުކުރިއެވެ. ފުރަތަމަ އެއީ ރައީސް ނަޝީދަށް 13 ފެބްރުއަރީ 2013 އިން ފެށިގެން އިންޑިއާ ހައިކޮމިޝަން ތެރޭގައި ހިމާޔަތްދީގެން ގެންގުޅެމުން ދިޔަ މައްސަލައިގައި އިންޑިއާ ސަރުކާރަށް ރައްދުކުރަން ޖެހޭ މެސެޖެއް ރައްދުކުރުމަށްޓަކައި ހައިކޮމިޝަނަރު ޑީ.އެމް މުލޭ، 15 ފެބްރުއަރީ 2013 ގައެވެ. އެއަށްފަހު އިލެކްޝަންސް ކޮމިޝަންގެ އޮފީހަށް ވަޑައިގެން އެތަނުގެ މެމްބަރުންނާ ބައްދަލުކުރެއްވި މައްސަލައިގައި 28 ސެޕްޓެމްބަރު 2013 ގައި ހައިކޮމިޝަނަރު ރަޖީވް ސަހާރޭ ވެސް ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފައެވެ.

ބޭރު ގައުމެއްގެ ސަފީރަކު ފޮރިން މިނިސްޓްރީއަށް "ހާޒިރުކުރަނީ" ދެ ގައުމުގެ ގުޅުން ވަރަށް ނާޒުކު ފައްތަރަކަށް ގޮސްފައި އޮންނަ ހާލަތްތަކުގައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާޖަން މަތާއީއާ ރައީސް ވަހީދު ބައްދަލު ކުރެއްވުން (16 ފެބުރުވަރީ 2012) -ފޮޓޯ: ރައީސް އޮފީސް

ރައީސް ވަހީދު އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވި ބޭރުގެ ޑިޕްލޮމޭޓަކީ އިންޑިއާގެ އޭރުގެ ފޮރިން ސެކްރެޓަރީ ރާޖަން މަތާއީއާކަން ރައީސް ވަހީދު މިއަދު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

"އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު މިއަދު ވިދާޅުވީ އެއް ދުވަހެއްގެ ހެނދުނު ރައީސް އޮފީހުގައި އޮތް ބައްދަލު ކުރެއްވުމުގައި، އެ ދުވަހު މެންދުރުފަހު އެކެއް ޖަހާއިރު، ދެ ބޭފުޅުން އެކުގައި ޓީވީއަށް އަރާވަޑައިގަންނަވަން މަތާއީ ޕްރެޝަރު ކުރެއްވި ކަމަށެވެ.

"އެ ދުވަހު އިސްތިއުފާގެ ވާހަކަ ދެއްކެވީ އެ ބޭފުޅާ. އެއީ ތެދެއް. އެކަމަކު އަވަސް އިންތިހާބަކަށް ދާން އަޅުގަނޑަށް ޕްރެޝަރުތައް ކުރީކީ އެ ބޭފުޅާ އެކަންޏެއް ނޫން،" ރައީސް ވަހީދު "އަދިވެސް" އަށް ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ހުށަހެޅުމަށް ރައީސް ވަހީދު އެ ދުވަހު ޖަވާބު ވެސް ދެއްވިއެވެ.

"އަޅުގަނޑު އެ ދުވަހު ދެންނެވިން ހުރިހައި ސިޔާސީ ޕާޓީތައް އެއްބަސްވުމުން ނޫނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް. އެމް.ޑީ.ޕީން އެ ބޭފުޅާއަށް ވިސްނައިދީފައި އޮތީ އަޅުގަނޑު އިސްތިއުފާ ދިނުމަށް އަޅުގަނޑުގެ ހުރިހާ ކޯލީޝަން ޕާޓްނަރުން ވެސް އެމް.ޑީ.ޕީ އާއެކު އެއްބަސްވެފައިވާ ކަމަށް. އެކަމަކު އެ ބޭފުޅާ ވަރަށް ބޮޑަށް އަޕްސެޓްވެފައި އިންނެވީ އެ ބޭފުޅާއަށް އެމް.ޑީ.ޕީން އޮޅުވާލީމަ،" ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު އިސްތިއުފާ ދެއްވަން މަޖުބޫރުކޮށް، އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ރާޖަން ވާހަކަ ދެއްކެވި ބައްދަލުވުން އޮތީ 16 ފެބުރުވަރީ 2012 ގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ބައްދަލުވުމުގައި ނައިބު ރައީސް މުހައްމަދު ވަހީދުއްދީނާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ރައީސް އޮފީހުގެ މިނިސްޓަރު ޑރ. މުހައްމަދު އަލީ ބައިވެރިވެވަޑައިގަތެވެ. އިންޑިއާ ފޮރިން ސެކްރެޓަރީގެ އަރިހުގައި ރާއްޖޭގައި އޭރު ހުންނެވި އިންޑިއާ ސަފީރު ޑީ.އެމް މުލޭ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި އޭރު ހުންނެވި، މިހާރުގެ ފޮރިން ސެކްރެޓަރީ ހާޝް ވަރުދަން ޝްރިންގްލާ ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ. "ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިއާގެ ފޮރިން ސެކްރެޓަރީ މިސްޓަރ ރާޖަން މަތާއީއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު (އިނގިރޭސި ޚަބަރުގައި އޮތީ ހެނދުނު ކަމަށް) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އަމަންއަމާންކަން ޤާއިމްކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން މިސްޓަރ މަތާއީއަށް މަޢުލޫމާތު ދެއްވިއެވެ."

ރައީސް ވަހީދު އިސްތިއުފާ ދެއްވަން އިންޑިއާއިން ނުފޫޒު ފޯރުވުން އެއީ، އެހާ ބޮޑަށް ހައިރާންވެގެން އުޅެންޖެހޭ ކަމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުން މުހައްމަދު ނަޝީދު 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި ހާލަތަށް ގައުމު ވެއްޓުމުގައި ވެސް، އިންޑިއާގެ ލަފައާއި އިރުޝާދު، އޭރުގެ އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ހޯދަމުންނެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވިކަން ލައިވް ޓީވީގައި އިއުލާން ކުރެއްވިއިރު ވެސް ބައެއް ބޭފުޅުން ތިއްބެވީ އިންޑިއާ ހައިކޮމިޝަން ތެރޭގައި، ސަފީރާ މަޝްވަރާ ކުރައްވަން ކަމަށް، އެ ބޭބޭފުޅުންގެ އިންޓަވިއުތަކުގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ސިޔާސީ ކޮންމެވެސް ބަޔަކު އަބަދުވެސް އިންޑިއާގެ އުނގުތެރޭގައި އޮންނަކަން އެއީ ހަގީގަތެކެވެ. އެއް ދުވަސްވަރެއްގައި އެއީ ވެރިކަން ކުރާ ޕާޓީތަކަށް ވެއެވެ. އަނެއް ދުވަސްވަރެއްގައި އެއީ އިދިކޮޅު ޕާޓީތަކަށްވެެއެވެ. ރާއްޖޭގެ ސިޔާސީ ހަގީގަތަކީ މިއީއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު ގުޅުން ބަދަހިކުރަމުން ދަނީ ގައުމީ ސަލާމަތާއި މިނވަންކަމަށް ވެސް ނުރައްކާވާ މިންވަރަށް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ކަނޑޮބުވުން ފާޅުކުރަމުންނެވެ. އަދި އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެއް ބަލަހައްޓަން ކަމަށް ބުނެ، އިންޑިއާ ސިފައިންގެ 200 އަށް ވުރެ ގިނަ މީހުން ރާއްޖޭގެ އުތުރާއި ދެކުނުގައި އެބަތިބި ކަމުގައި ވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެ ތުހުމަތު ތަކަށް ރައްދު ދެއްވައި، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރަމުންދާ މުހިންމު އެއް ސިޔާސަތަކީ, ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުންކަމުގައި ރައީސް ސޯލިހުގެ ގައުމީ ދުވަހުގެ ވީޑިއޯ ހިތޯބުގައި ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިން ޑިޔާ އައުޓު އޭ ބުނަނީ މިހިރަ މިހިރަ ސަބަބާއި ހެދި..

    ގައުމީ ލޯބި ނެތި ގައުމަށް ވެސް އަދި ގައުމުގެ ދަރީނގް ގެމުސްތަގުބަލެއްވެސް ނޯންނާނެ..

    އެހެންވީމަ ތަކުރާރުކޮށް މިދަންނަވަނީ އިންޑިޔާ ބޭރުކުރާށޭ.. ނޫނީ އިންތިޚާބުތަކުގައި ޓާޓާ އާއި ބާއިބާއި އަށް ވެލްކަމް ކުރަން ތައްޔާރުވެ ތިއްބަވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *