ހާދަހާ އަސަރެކޭ ވެރިވަނީ ވިސްނުމުން
މާދަމާ ވާނެ ގޮތްތައް ތަޞައްވުރު ވުމުން
ވާދައަށް ނީލަމަށް ގައުމު ކޮއްޕައިލުމުން
އަނދަވަޅަށް ފުންމަނީ ނިޔަތުގައި އޮތް ގޮތަށް
ބަދަލު ނުދެވޭނެހާ ދަރަނި ވެސް ލައްޕަމުން
ޢަދަދު ވެސް އެނގި ނުވާހާ ފުނަށް ކޮއްޕުމުން
ސިއްރުތައް އެއްގަމާ ކަނޑު ވަޔާ ދީ ހިލޭ
ސިއްކިމަށް ވީ ގޮތަށް ހަމަ ހިލާ ނުމެ ބެލޭ
ސިއްލި ބަހަމުން ދުވާތީ މިއަދު ގުސްތަރުން
އަދު ބަދަލުވެއްޖެ ހަދިޔާ އެހެން ނަންނަމަށް
މަދު ހިނދަކު އަތްލެވެން ވެސް ނުވާ ގޮތްގޮތަށް
ހަނދުވަރަށްވެސް ދަނީ ކަޅުއަނދިރި ނަންދެމުން
މިއަދު އިންސާފަކީ މަވެތިކަން އިސްކުރުން
ތިޔަ ބުނާ ޙައްޤަކީ ޙައްޤު ނައްތައިލެވުން
ބިޔަ ބޮޑެތި ކޮރަޕްޝަންވެސް ތަނަށް ޢާއްމުވުން
ޝަރަފު ޤައުމަށް ލިބޭ ދޮރުމަތީ އަތް އަޅައި
ފަރަގުތައް ބޮޑުކުރަން އެއް ނަރަށް ފޫގަޅައި
ދަރަކު ބާރެއް ނެތޭ ބުނެ ފަޟީޙަތް ކުރުން
ގަލަމަކުން މިއަދު "މާޒީ" ލިޔާ ލިޔުމަކުން
ބަލަގަ ކިހިނެއް ބަޔާންކޮށްދެވޭނީ އަލުން
އަލަމުގައި ވިދި މިގައުމޭ ދަނީ ފަނޑު ވަމުން