ޚާލިދުގެ ކަނޑިކޮޅުން އެބަ އިވެޔޭ މަށަށް އަޑެއް
ޢާލިމަކު ހޭނުލާނުހެ ނުވެޔޭ އެ އަޑު މަޑެއް
އަލި ވިދުވަރަށް ވުރެންވެސް ބާޠިލުގެ ކުރިމަތީ
ހަލިވީމެ އޭރު އަހަރެން،ދުވަހަކު ނުވަން ފަނޑެއް
ދުޝްމަންތަކުން މި ދީނުގެ މެޅިހައި ސިލޭހަޔަށް
ހުސްކޮށްމަލީމެ މިޔަޔާ ހާހުން އެތައް ތުނޑެއް
ނަޞްރާ ފަލާޙު ފަރިވާން ލިބުނޭ އެ ހިންމަތުން
ބުސްތާނުތަކުގެ ހުރިހައި ފަރި މާމަލުގެ ތަނޑެއް
އެކަމަކު މިއަދު އެ ތަންތަން އޭ ކަރުނަޔާ ލެޔޭ
ދެކިލަން ކެރޭހެ ފުންފުން އެތަކެއް އެއީ ކަނޑެއް
ބުދުތައް ތަޅާލި ނަމަވެސް، އެދުވަހު އެ އަތްތަކުން
ބުދުނޫންހެ މިއަދު މި ތިބީ، ނޫނީ ކިހައި ރަނޑެއް
ގާހިތްތަކެއް، ލޮލެއް ވެސް ނެތް އަލިކަމެއް ލިބޭ
ކާހިތް އެހައިވެޔޭ ބުރަހެލި ފެންނަނީ ބަނޑެއް
މޭ ބިސްކަދުރުގެ އަރަގާ ޖަމަލާ ހިމާރު ނޫން،
ހޭވެރި މުރާލި ފިކްރީ ހޯދަން ޖެހޭ ދަނޑެއް
ބަރަކާތް އެދޭ ލިބޭނެހެ ނަޞްރާއި ފަތަޙަޔާ
ޙަރަކާތުގައި ނަމާދުގެ ވެސް ފެންނަނީ ބޮނޑެއް
ޙައްޤާ ޢަދުލުގެ ނަމުގައި ދީނަށް ހުތުރުލިބޭ
ޙައްދެއް ނުވާ ޤަތުލުތައް ކުރަނީ އެ ވެސް ބިޑެއް
އޭ އުންމަތާއެ އިސްލާމް ހޭލާށެ މަރުނިދީން
ވޭ ހުޅުވިފައި މިއަދުވެސް ހުރިހައި ބިމެއް އުޑެއް
އަވަހަށް އުދުހިދަމާހޭ ޢިލްމުގެ ދެ ވަރަމަތީ
ދުވަހެއް ލޮލުން ދެކޭނޭ އުފުލޭނެހެން ކޮނޑެއް
