ރަހުމު ހިތުގައި ނުވާ ހިތްތަކު ހިނގާނީ ލޭ އަދާވަތު
ފަހުން ފިތުނައިގެ ގަޑުބަޑުގައި ކުރާނީ ރޯ ބާޣާވަތު
ވަހުމުތައް ހިތުތެރަށް ވަނުމާ އެއިން ހައިޖާނު ވާ ކަންކަން
ފަހުމްވެރިކަން ނުވަންޏާ ބަސްބުނާނީ ކަޅު ޖަހާލަތު
ތިމާއާ މަތިވެފައިވާ ކަންކަމާ ނުމަގުން އުޅެންޏާއީ
ދިމާއަށް ފެންނަ އުނި ސިފައެއް ތެދެއް އެވަނީ އިހާނަތު
ކުރާ އެއްވެސް ކަމެއް ކަމަކަށް ނުދެކި ޝަކުވާ ކުރާ ނަމައީ
ތުރާ އެކަމުން ލިބެވި ފެތުރޭ ވަބާގެ ނަމީ ޝިކާޔަތު
ތަނުން ސުލްހައިގެ މަގު ފޭކޮށް ނަހަމަ ގޮތް އާންމު ވާނަމައީ
ތަނަށް މޫލާނެނީ މަކަރާ ޔަހޫދި ނުބައި ޚިޔާނަތު
އަދުލު އިންޞާފު ބޭޒާރުވެ އަބުރު އިއްޒަތް މޮޑެވި ވެއްޔާ
ތަދުން އުންމަތްމެ ގިސްލާނޭ ނެތިއްޔާ ހެޔޮ އަދާލަތު
ހިޔާ ހޯދޭނެ މަގުކޮށަމުން ނިޔާމައިގައި ރިޔާ ނަގަމުން
ކިޔާ އިއްވައި ދެމުން މި އަޒުމް ނެރެން ވާނީ ޤިޔާދަތު
ފިދާވުން އުންމަތުގެ ޝަރަފަށް ޓަކައި ފަޚުރެއް ކަމަށް ދެކެމުން
ނިދާ ޤައުމީ މި ގުގުމާ ހެން ކުރާށޭ އިސް ސިޔާދަތު
ފަހުން ވާނޭ ގޮތެއް ނޭގޭ ނިކަން ވިސްނައި ސަމާލުވެގެން
ރަހުމުކޮށް އުންމަތުގެ ހައްގަށް ޓަކައި ދައްކާ ލަޔާޤަތު
