(ޣައްޒާގެ މުސްލިމުންގެ ދުލުން)
ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔޭ
ހާމަޔަށް މި އޮހޭ ބޮމާ އަލިފާން ހިތަށް ސިފަވާނެޔޭ
ހާދަ ހިތް ދައްޗޭ އެކަނި ހަމަ ބުނެލުމުން ފުދިދާނެޔޭ
ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔޭ
އާއިލާގައި މުޙުތަރަމު އުމުރުން ދޮށީ ޢިއްޒަތްތެރީން
ޙާލު ނަފުސާނީ ބަދަލުވެ ބިރުން ސިހޭ ފެނުނަސް ދަރީން
ގާތް މި ތިބަ އުޚުތުން ވަނީ ހުވަފަތް ވެފައި ނެތި ގޮސް ފިރީން
ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔޭ
ދެންމެ ފަރިވީ މާތަކެއް ފަދަ ލޯބިވެތި ޅަދަރީންގެ މޫނު
އަންދަމުން ވިރުވާނުލާހޭ ކެކި އަރާ މި ގިނީގެ ހޫނު
އިންތިހާ ގިސްލުން އިވޭހޭ މަރުގެ ޚަންޖަރު ފެނި މި ތޫނު
ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔޭ
އަތް ފަޔާ އެކި އެކި ގުނަން ނެތް ހާލުގާ މަރު ދަމަދަމާ
ރަތް އަވީގާ، ގަދަ ފިނީގާ ރޭ ދުވާ ވިހަ ކަޅު ދުމާ
ނެތް ލިބެން ބޯ ފެންފޮދެއް، ކާނާ ކޮބައި ތޯ އެ ހެދުމާ
ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔޭ
ދުނިޔެ ހަމަ އަދިވެސް އޮތީހޭ ދުރުދުރުން މަންޒަރު ބަލަން
މުނި އަވަސް ފިލުމެއް ދެނީ ހޭ ފެނި މި އިންސާނީ ގިލަން
ބުނެ ބަލާށެ ކަނޑަށް އެރެން ވީ ހޭ މި ހައިޖާނަށް ފިލަން
ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔޭ
ރީތި އިންސާނިއްޔަތުގެ ދިދަ ވިހުރުވާ އަތްތައް ކޮބާ؟
ރީތިކޮށް އަނިޔާގެ އަޑު ފޯރާ އެ ކަންފަތްތައް ކޮބާ؟
ރީތިކޮށް އޮތް އުއްމަތެއް އަޅިޔަށް މި ވީ… ހިތްތައް ކޮބާ؟
ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔޭ
އަހަރެމެންގެ ލެއިން ޔަހޫދީން ދަނޑުތަކަށް ފެންދީފިޔޭ
އަހަރެމެންގެ ބިމާ ގެދޮރުގައި މަރުގެ ކަށްވަޅު ކޮނެފިޔޭ
އަހުރަވެތި ގިނަ އާއިލާތައް ޤަތުލުކޮށް ނިންމައިފިޔޭ
ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔޭ
އެންމެ ނަފުސެއްގައި ފުރާނަ މި ބިންމަތީގައި ހުއްޓަކާ
ނެތް ނިމުން މި ޖިހާދު އަލް އަޤުޞާ ޙިޞާރުވެ ހުއްޓަކާ
ފެން ބޮވައިގެން ފައި ތިބޭށެ ޢަދުއްވުނޭ މި ލެޔަށްޓަކާ
ހާލު ނާހާށޭ – ލެޔާ ކަރުނައިން ޖަވާބު ލިބޭނެޔ
