Support Us

5ޖީ ނެޓްވޯކް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުދާތީ އޮތް ކަންބޮޑުވުން

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

ދުނިޔެ 5ޖީ ޓެކްނޮލޮޖީ އަށް ހުޅުވެނީ އެވެ. ކުރިއަށް އޮތް ހައެއްކަ އަހަރު ތެރޭގައި، މުޅި ދުނިޔެ އަށް 5ޖީ ނެޓްވޯކް ފެތުރޭނެ އެވެ. އެހެން ނަމަވެސް، މިހާރު މަސައްކަތްތައް ކުރެވެމުން ދަނީ އެންމެ އެކަށީގެންވާ ބާރުމިނުގައި ނޫން ކަމަށް ބުނެ، ޔޫރަޕިއަން އިންޑަސްޓްރިއަލް ރައުންޑްޓޭބަލް އެސޯސިއޭޝަން އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

5ޖީ ޓެކްނޮލޮޖީ އަދި އުޅެނީ އުމުރުގެ ކުރީކޮޅުގަ އެވެ. ހަރުދަނާކުރުމަށް ދުވަސްތަކެއް ނަގާނެއެވެ. މިއީ މޮބައިލް ޑިވައިސްތަކަށް ބޮޑު އުންމީދެއް ކަމަށް ބުނެވުނަސް، މޮބައިލް ޑިވައިސްތައް އުފައްދާ ކުންފުނިތަކުން އެކައްޗެއް ކިޔާތީ ނުއިވެ އެވެ. އެއް އަމާޒަކަށް ވާސިލްވުމަށް ތާރީޚް ކަނޑައަޅައި މަސައްކަތްކުރާތީ ނުފެނެ އެވެ.

ގައުމުތަކުގައި 5ޖީ ނެޓްވޯކް އެޅުމަށް، މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ބުރަ މަސައްކަތްތަކެއް އެބަ ކުރެ އެވެ. ނެޓްވޯކްތަކުގެ ފެންވަރުމަތިކޮށް، 5ޖީ އަށް ތަސައްރުފުނުފުދޭ އާލާތްތައް ބާކީކުރެވެމުން އެބަ ދެ އެވެ. މި މަސައްކަތްތައް އެންމެ ބާރަށް ހިންގާ ގައުމަކީ ސައުތު ކޮރެއާ ކަމަށް "އޮމްޑިއާ" އިން ވަނީ ބުނެފަ އެވެ. އޮމްޑިއާ އަކީ ދުނިޔޭގައި މުވާސަލާތީ ޚިދުމަތް ފުޅާވަމުން ދާ ގޮތް ދިރާސާކޮށް ބަލައި އަދި ކޮންސަލްޓޭންސީ ދޭ ކުންފުންޏެކެެވެ.

އޮމްޑިއާ އިން ބުނާ ގޮތުގައި، ޔޫރަޕްގެ ގައުމުތަކުން ވެސް 5ޖީއާ ހެދި އެހާ ވަރަކަށް އަދި ނޫޅެ އެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން 5ޖީ ނެޓްވޯކް އެންމެ ބޮޑަށް ފުޅާކޮށްފައި ވަނީ ސްވިޒަލޭންޑްގަ އެވެ. ދުނިޔޭގެ ނިސްބަތުން މިއީ ދެވަނަ އެވެ. ކުވައިތު އޮތީ ތިންވަނައިގަ އެވެ.

އާންމުންނަށް 5ޖީ ނެޓްވޯކް ތަޖުރިބާކުރެވެން އޮތީ މޮބައިލް ޑިވައިސްތައް އުފައްދާ ކުންފުނިތަކުން ކުރި މަސައްކަތަކުންނެވެ. ނެޓްވޯކްތައް ފުޅާކުރެވެމުން ދިޔަ ނަމަވެސް، އެކަށީގެންވާ އަދަދަށް 5ޖީ ޑިވައިސްތައް މާކެޓަށް ނުނެރެވޭ ނަމަ، ނެޓްވޯކް އެޅުމަށާއި ޓެކްނޮލޮޖީ ތަރައްގީކުރަން ކުރާ އިންވެސްޓްމަންޓް ކަވަރުނުކުރެވި ދިގުލައިގެން ދިއުމަކީ ވެސް އޮތް ބިރެކެވެ.

ދުނިޔޭގެ ބައެއް ހިސާބުތަކަށް އަދި ވެސް 4ޖީ ނުފޯރަ އެވެ. ބައެއް އަބާދީތަކަށް އެއްގޮތަކަށް ވެސް އިންޓަނެޓް ނުލިބެ އެވެ. މި އެންމެނާ އެކު މުޅި ދުނިޔެ 5ޖީ ނެޓްވޯކުން ގަތާލުމަށް ނަގާނެ މުއްދަތު އެކަކަށް ވެސް ނޭނގެ އެވެ. ގޫގުލް، ސްޕޭސްއެކްސް، ފޭސްބުކް އަދި އެމެޒޯން ފަދަ ބިޔަ ޓެކްނޮލޮޖީ ކުންފުނިތަކުން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، ދެން ކުރަން ހުރީ ވެސް ކުރި މަސައްކަތްތަކަށް ވުރެ ބުރަ ބޮޑު މަސައްކަތްތަކެކެވެ.