Support Us

"މާޒީ"ގެ ބަސް ކަށަވަރުކުރޭ!

ގެއްލުމުން އިތުބާރު، އަނބުރައި ހޯދުމީ އުނދަގޫ ކަމެއް
ގެއްލުމުން ދެންވާ ގޮތެއް މިންވެސް ނުވާފަދަ ބޮޑު ކަމެއް
ހެއްލުމެއްގައި ނުޖެހި ދެމިހުރުމީ އެއީ ބޭނުންކަމެއް

ކަންކަމާ މެދުގައި ދެކޭ ގޮތް އިދިވުމީ ޝައްކުގެ ފެށުން
ކަންކަމުގެ ވިސްނުން މިހެން ހުންނާނެނީ ގައިމޭ ކުށުން
ރަން ޒަމާނުގެ ދިރިއުޅުން ޖެހިދާނެޔޭ އަބަދަށް ފުށުން

ފަހި ނަޒަރުދީ ކަންކަމަށް ފަހި ވިސްނުމުން ވިސްނައިހަދައި
އަހުރެމެން ގުޅިގެން އަޚުން ކަމުގައި މިތާ އެންމެން ބަލައި
ދަހިކަމުން ދުރުހެލިވެގެން ހުންނާށެ އަބަދަށް އެ ގޮތުގައި

ބައިވެރީން ރަޙުމަތްތެރީން އަދި ގާތްތިމާގެ އަޚުން ވިޔަސް
ހައިވެގެންވާ މީހަކަށް ޞަދަޤާތް ކުރޭ ކަދުރުން ވިޔަސް
ކައިރިކުޑަތާ އެންމެނަށް ދޭށޭ ޤަދަރު ބަހަކުން ވިޔަސް

ތެދުބުނާ ނަމަ އަބަދުވެސް އިތުބާރު ގެއްލި ނުދާނެޔޭ
މެދުވެރީން މެދުވެރި ނުކޮށް ކަންކަން އެނގެންވެސް ވާނެޔޭ
ތެދުވެރީންނާ ދޮގުވެރީން ވަކިކޮށް ދަތުން ލާޒިމު މެޔޭ

ދޮގު ހަދައިގެން ޙައްލުތައް ހޯދަން އުޅޭނަމަ ކަންކަމަށް
ދޮގު ހަދާ މީހެއް ކަމަށް ބޭޒާރު ވާނޭ އެންމެނަށް
ދޮގު ބަލާކަށް ނުޖެހެޔޭ އެއްވެސް ކަތަކު ޙައްލެއް ކަމަށް

ހެޔޮބަހެއް ބުނެލަން އޮތިއްޔާ ފާޅުގައި ބުނެލައި އެ ބަސް
ހެޔޮކަމެއް ގައި ވޭތުވޭތޯ ހަމަ ބަލައިގެން މުޅި ދުވަސް
ހެޔޮ ޢަމަލުތައް އެ ގޮތުގައި ބައްޓަންކުރާށޭ ކޮށް އަވަސް

ހާމަކޮށް ކަންކަން ކުރާނަމަ، ޝައްކުތައް ފިލަޔޭ ޔަޤީން
ހާމަކުރުމުން މީސްތަކުން އުފަލޭ ވެލާނީ އަދި ވަކީން
އާ މަގެއް ނޯންނާނެޔޭ މިޔަކަށްވުރެން މޮޅު ހަމަ ޔަޤީން

ފާސިޤެއް ކަމުގައި ނުވާށޭ، ޙައްޤު ގޮތުގައި ދެމިހުރޭ!
ޢާޝިޤާ ރުއްސަން ވިޔަސް ތެދުވެރިކަމާއެކު ކަން ކުރޭ!
ވާސިޠާއޭ ފަހިވަނީ …، "މާޒީ"ގެ ބަސް ކަށަވަރުކުރޭ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *