ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ޙަފުލާގައި، އެންމެ ގިނަ އެވޯޑު އެމް.ޑަބްލިޔު.އެސް.ސީ އަށް؛ އަދި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑު އެ ކުންފުނީގެ ޑރ. ފުރުޤާން އިބްރާހީމަށް ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މިރޭގެ ހަފްލާގައި އެމް.ޑަބްލިޔު.އެސް.ސީ އަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި "ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް" އާއި "ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް" ހިމެނެއެވެ.
ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް އެމް.ޑަބްލިޔު.އެސް.ސީ އަށް ލިބުނީ ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ، 100% އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމުގެ ސަބަބުންނެވެ. އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބުނީ ރ. ދުވާފަރުގައި ޤާއިމްކޮށްފައިވާ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. ދުވާފަރުގެ މި މޮޑެލްއަކީ ބޯފެން އުފައްދައި ފޯރުކޮށްދިނުން، ނަރުދަމާގެ ނިޒާމު، ކުނި މެނޭޖުކުރުން، ކަރަންޓުގެ ޙިދުމަތް، ވާރޭފެން ރައްކާކުރުން އަދި އިއާދަކުރަނިވި ހަކަތައިގެ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ މޮޑެލެކެވެ.

މީގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން، އެމް.ޑަބްލިއު.އެސް.ސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ، ޑރ. ފުރުޤާން އިބްރާހީމަށް ވަނީ "އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑު" އަދި "އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑު" ލިބިފައެވެ.
"މި ކާމިޔާބީތަކުން ދައްކުވައިދެނީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އިންޖިނިއަރިން ޙައްލުތައް ހޯދުމަށާއި، އައު އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޖުތަމަޢުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެހީތެރިވުމަށް އެމް.ޑަބްލިޔު.އެސް.ސީން ދޭ އަހައްމިއްޔަތުކަމެވެ. ހަމަ އެހެންމެ، މިއީ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކުރުމަށް މި ކުންފުނީގެ އިންޖިނިއަރުންނާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި ފަންނީ ޤާބިލުކަން ހާމަވެގެންދިޔަ ކަމެކެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ކުރު ބަޔާނެއްގައި ވެއެވެ.
"އެމް.ޑަބްލިޔު.އެސް.ސީގެ މައިގަނޑު އަމާޒަކީ އިންޖިނިއަރިންގެ ދާއިރާއިން މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު، ދިރާސާތަކާއި އީޖާދީ މަސައްކަތްތަކަށް އިންވެސްޓްކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށްދިނުމުގައި ދެމިތިބުމައް މިކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ޑރ. ފުރުޤާން އިބްރާހީމް ހޯއްދެވި ފަޚުރުވެރި ކާމިޔާބީއަށްޓަކައި، ކުންފުނީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަމެވެ. މިފަދަ ޝަރަފުވެރި ޤައުމީ ކާމިޔާބީތަކުގެ އަޞްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އެ ފަރާތްތަކުން ދެއްވާ އަގުހުރި އެއްބާރުލުމާއި، ކުންފުންޏާމެދު ބަހައްޓަވާ ވަފާތެރިކަމެވެ."



advertisment

