ވިހޭއިރު އޮތް ގޮތަށް އޮތް ކުއްޖެއް މެލޭޝިއާގެ ޕިނޭންގް ޖަޒީރާގެ ބައިނަލްއަގުވާމީ އެއާޕޯޓްގެ ފާހާނާއެއްގެ ނަޖިސް އަޅާ ޓައްޕަކުން ފެނިއްޖެއެވެ.
ފުލުހުން ބުނީ މި ދިޔަ ހޯމަ ދުވަހު އެ ފިރިހެން ކުއްޖާ ފެނުނީ ސާފުކުރާ މީހަކަށް އެ ސެނިޓަރީ ބިން ތެރެއިން އެ ކުއްޖާ ރޯ އަޑުއިވިގެން ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ފެނުނުއިރު އޮތީ އެ ކުއްޖާގެ ފޫޅު ދަނޑި އާއި މަހާވެސް އެކުގައިކަމަށެވެ.
މެލޭޝިއާގެ ދަ ސްޓާ ނޫހުގެ ޔޫޓިއުބް ޗެނަލުގައިވާ ރިޕޯޓްގައި، މި ހާދިސާގެ ވައިރަލްވެފައިވާ، އެ ނޫހުން ސެންސަރުކޮށްފައިވާ ވީޑިއޯއެއްވަނީ ހިމަނައިފައެވެ.
ފުލުހުން ބުނީ ބެލެނީ އެ ކުއްޖާ ވިހައިފައި އެއްލައިލީކަމަށެވެ. ފުލުހުން ކުއްޖާ ގެންދިޔައީ ޕިނޭންގް ހޮސްޕިޓަލަށެވެ.
އެއާޕޯޓްގެ ސީސީޓީވީ ފުޓެޖް ބަލައިފައި ފުލުހުންވަނީ އުމުރުން 23 އަހަރުގެ މެލޭޝިއާ އަންހެނަކު އެއާޕޯޓް ކައިރީގައި ހުންނަ ބުކިޓް ޖަމްބުލް ކޮމްޕްލެކްސުން ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން އެއާޕޯޓްގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 22 އަހަރުގެ މިޔަންމާ މީހަކުވެސްވަނީ ހައްޔަރުކޮށްފައެވެ. މެލޭޝިއާގައި އެ މީހާ މަސައްކަތްކުރުމުގެ ހުއްދަ އޮތްކަމުގެ ލިޔުން އެ މީހާއަށް ނުދެއްކުނުކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލައާ މި ދެ މީހުންނާ ހުރި ގުޅުމާއި އަދި ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން އެނގޭނީ އިތުރަށް ތަހުގީގުކުރުމުން،" ހުޅަނގުދެކުނު ޑިސްޓްރިކްޓްގެ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަނުވަލް އަބް ވައްހާބު ބުންޏެވެ.
މައްސަލަ ތަހުގީގުކުރަނީ މެލޭޝިއާގެ ގާނޫނުލް އުގޫބާތުގެ 317 ވަނަ މާއްދާގެ ދަށުންނެވެ. އެއީ އުމުރުން 12 އަހަރުނުވާ ކުދިން އަޅާނުލާ ދޫކޮށްލާ މައްސަލަތައް ހިމެނޭ މާއްދާއެވެ.
މި މާއްދާގެ ދަށުން ކުށްވެރިވާ މީހުންނަށް ހަތް އަހަރަށްވުރެ އިތުރުނުވާ މުއްދަތެއްގެ ޖަލު ހުކުމްއިއްވައެވެ. ނުވަތަ ޖޫރިމަނާކުރެއެވެ. އަދި ބައެއް ހާލަތްތަކުގައި ޖަލު ހުކުމާއެކު ޖޫރިމަނާވެސްކުރެއެވެ. ކުއްޖަކު ދޫކޮށްލުމުން އެ ކުއްޖާ މަރުވެއްޖެނަމަ، ކުއްޖާ ދޫކޮށްލި މީހާއާ ދެކޮޅަށް މަރުގެ ދައުވާ އުފުލުމަށް އެ ގާނޫނުން މަނައެއްނުކުރެއެވެ.
މި އަހަރު ޖެނުއަރީން މާޗްއާ ދޭތެރޭ މެލޭޝިއާގައި ޅަފަތުގެ ކުދިން ދޫކޮށްލައިފައިވާ 18 މައްސަލަ ރެކޯޑްކުރެވިފައިވެއެވެ. މި ދިޔަ އަހަރު މުޅި އަހަރުގައި ރިޕޯޓްކުރެވުނު އަދަދަކީ 72 އެވެ.
އަންހެނުންނާއި އާއިލާ އާއި އިޖުތިމާއީ ތަރައްގީއާ ބެހޭ ވަޒީރުގެ ނައިބު ލިމް ހުއި ޔިންގް ބުނީ ސަލާމަތްކުރެވޭ ޅަފަތުގެ ކުދިންނަށް ވަގުތުން ސަލާމަތްތެރިކަމާއި އެހީތެރިކަން ދޭކަމަށެވެ.



advertisment