Support Us

އީރާންގެ ވެރިރަށް ތެހްރާންގައި ހުންނަ ތާރީހީ ތަޖްރީޝް ބާޒާރު

އެމެރިކާއާއެކު ސުލްހައިގެ ޑީލެއް ހެދިޔަސް އީރާންގެ އަމަލުތައް ހުންނަ ގޮތް ބަލައިފައި އަދިވެސް ހަމަލާދޭނަން: އިސްރާއީލު

އެމެރިކާއާއެކު އީރާނުން ސުލްހައިގެ ޑީލެއް ހެދިޔަސް، އީރާންގެ އަމަލުތައް ހުންނަ ގޮތް ބަލައިފައި އަދިވެސް އީރާނަށް ހަމަލާދޭނެކަމަށް އިސްރާއީލުން ބުނެފިއެވެ.

"އީރާނުން އަނެއްކާވެސް އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމް އާކުރަން އުޅެފިއްޔާ، އެމެރިކާއާއެކު އީރާނުން ޑީލެއް ހަދައިފައި އޮތަސް، އަހަރެމެން އީރާނަށް ހަމަލާދޭނަން،" އިސްރާއީލުގެ ހަކަތައާ ބެހޭ ވަޒީރު އެލީ ކޮހެން އިއްޔެ ބުންޏެވެ.

އޭނާ ބުނީ އިސްރާއީލުން އީރާނަށް ހަމަލާނުދިންނަމަ އީރާނަށް ނިއުކްލިއަ ހަތިޔާރު އުފެއްދުނީސްކަމަށެވެ. އަދި އިސްރާއީލުން ހަމަލާދިނުމުން އީރާންގެ ނިއުކްލިއަ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ތަރައްގީކުރުމުގެ މަޝްރޫއު ދެ އަހަރާއި ހަތަރު އަހަރާ ދޭތެރޭގެ މުއްދަތަކަށް ފަހަތަށް ޖައްސައިލެވުނުކަމަށެވެ.

"އަހަރެމެންގެ އަސްކަރީ ގާބިލިއްޔަތު ވާނީ ސާބިތުކޮށްދީފައި،" ކޮހެން ބުންޏެވެ.

އޭނާ އިޝާރާތްކުރީ މި ދިޔަ އަހަރު ޖޫންގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާކުރި 12 ދުވަހުގެ ހަނގުރާމައަށާއި މި އަހަރުގެ ފެބްރުއަރީގައި، އަނެއްކާވެސް އެމެރިކާއާ ގުޅިގެން، އީރާނާ ދެކޮޅަށް ފެށި، މިހާރު ހަ މަސްވެފައިވާ ހަނގުރާމައަށެވެ.

އީރާންގެ އަސްކަރީ ވެރިޔާ އާމިރު ހަތާމީ ވިދާޅުވީ އީރާންގެ ދުޝްމިނުން އެ ގައުމުގެ ޑްރޯނާއި މިސައިލް ނިޒާމުގެ ގާބިލިއްޔަތު ނައްތައިލަން މަސައްކަތްކުރިޔަސް "އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެ އެއްޗެހި ދުޝްމިނުންނާ ދެކޮޅަށް ބޭނުންކޮށްފައިވަނީ އެންމެ ވަރުގަދަކޮށް"ކަމަށެވެ.

އީރާންގެ ވަގުތީ ދިފާއީ ވަޒީރު މަޖީދު އިބްން ރިޒާ ހުކުރު ދުވަހު ވިދާޅުވެފައިވަނީ އީރާންގެ އަތުގައި ސަޕްރައިޒް ނުވަތަ ހައިރާންކޮށްލާވަރުގެ އެއްޗިއްސާއި ކަންތައްތަކެއް އަދިވެސް އެބަ ހުރި ކަމަށެވެ.

"ހުރިހާ އެންމެން، ހާއްސަކޮށް ދުޝްމިނުން، ދަންނަން ޖެހޭނެ ވަގުތު ޖެހުމުން އީރާންގެ ސަޕްރައިޒްތައް އެ ފަރާތްތަކަށް އެނގިގެންދާނެކަން،" އޭނާ ވިދާޅުވެފައިވެއެވެ.

އިގުތިސާދަށް ސީރިއަސް ދަތިތަކެއް

އީރާނުން އިއްޔެ ބުނީ އެމެރިކާ-އިސްރާއީލު އިއްތިހާދުން އަސްކަރީ ހަނގުރާމަ މެދުކަނޑައިލައިފައި އެމެރިކާއިން މިހާރު އީރާނާއި އީރާނަށް ވާގިވެރިވާ ފަރާތްތަކާ ދެކޮޅަށް "އިގުތިސާދީ ހަނގުރާމަ"އެއް ފަށައިފައިވިޔަސް އެމެރިކާއަށް އަމާންދިނުމެއް ނެތްކަމަށެވެ. ނަމަވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާންގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅައިފައިވާ ހުރަސްތަކުގެ ސަބަބުން ބޭރު ގައުމުތަކާ އީރާނުންކުރާ ވިޔަފާރި ތިންބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑު މިންވަރަކަށް ދަށަށް ގޮސްފައިވާކަމަށް އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިޔާން އިއްޔެ ވިދާޅުވިއެވެ.

އެއާއެކުވެސް އެމެރިކާގެ ޕްރެޝަރަށް ނުވެއްޓޭނެކަމަށާއި އަދިވެސް ޑިޕްލޮމެޓިކް މަގުން އެމެރިކާއާއެކު މައްސަލަތައް ހައްލުކުރަން މަސައްކަތްކުރާނެކަމަށާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އަދިވެސް އީރާންގެ ބާރުގެ ދަށުގައި ބާއްވާނެކަމަށް އީރާނުން ބުންޏެވެ.

އީރާނުން ބުނީ ތަކެތީގެ އަގު ބޮޑުވުން ކޮންޓްރޯލްކުރުމާއި ވަޒީފާ އުފެއްދުމާއި އަދި އެމެރިކާގެ ފައިސާކަމަށްވާ ޑޮލަރަށް އިގުތިސާދު ބިނާވެފައި އޮތްއޮތުން މަޑުމަޑުން ދޫކޮށްލުން ފަދަ ފިޔަވަޅުތައް އެޅުމާއެކު އީރާނުން މިހާރު އެންމެ ހާއްސަކަމެއް ދެނީ އީރާންގެ އިގުތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަންކަމަށެވެ.

"އީރާނުން އެކްސްޕޯޓްކުރާ މުދަލާއި އީރާނަށް އިމްޕޯޓްކުރާ މުދާވަނީ ގާތްގަނޑަކަށް 35 ޕަސެންޓް ދަށްވެފައި. އެއީ އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާންގެ ބަނދަރުތަކަށް އަޅައިފައިވާ ހުރަސްތަކުގެ ސަބަބުން،" ޕަޒަޝްކިޔާން ވިދާޅުވިއެވެ.

އެމެރިކާއާއެކު ދާއިމީ ސުލްހައެއް ގާއިމުކުރަން އެމެރިކާއާއެކު އީރާނުން ޖޫންގައި ގާއިމުކުރި، މިހާރު އަމަލުނުކުރާ ސުލްހައިގެ ފަހުމްނާމާގެ ދުވަސްވަރު އެމެރިކާއިން ހުއްދަ ދިނުމުން 90 މިލިއަން ތެޔޮ ފީފާ ވިއްކައިލެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަހުގެ ހަމަލާއެއްގައި، އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލުމުން، މިހާރު އެ މަގާމަށް އިންތިހާބުކޮށްފައިވާ އޭނާގެ ދަރިފުޅު މުޖުތަބާ ހާމަނާއީ، އެ ދުވަހަށްފަހު އާއްމުންގެ ތެރެއަށް ނުކުމެވަޑައިނުގަތަސް، އީރާން ސަރުކާރަށް އޭނާ ގޮވައިލެއްވީ ގައުމަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށެވެ.

"ތަކެތީގެ އަގު ބޮޑުވުން، ވަޒީފާ ނެތުން، އަގުތަކާއި މުދަލާއި ހިދުމަތުގެ މާކެޓްތަކުގެ އަގުތައް މެނެޖްކުރުން ފަދަ އިގުތިސާދީ އަދި އާމްދަނީއާ ގުޅިފައިވާ ގޮންޖެހުންތައް ހައްލުކުރަން ސީރިއަސްވާން ޖެހޭ،" ހާމަނާއީއަށް ނިސްބަތްވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އަހަރީ އިންފްލޭޝަން ނުވަތަ މުދަލުގެ އަގު ބޮޑުވުން މި ދިޔަ މަހުވަނީ 66 ޕަސެންޓަށް އަރައިފައެވެ. ވެރިރަށް ތެހްރާންގެ އަހުލުވެރިން ބުނަމުންދަނީ ހަނގުރާމައިގެ ސަބަބުން އެ މީހުންގެ ދިރިއުޅުން އެފުށްމިފުށަށްޖެހިފައިވާކަމަށެވެ.

"ހަނގުރާމައިގެ ކުރިން އަހަރެން ވަޒީފާއެއް އަދާއެއްނުކުރަން. ނަމަވެސް ހަނގުރާމަ ފެށުމުން، އަހަރެންގެ އާއިލާ ނަގަހައްޓަން އަހަރެންނަށް ވަޒީފާއެއް ހޯދަން ޖެހުނު. ހުރިހާ އެއްޗިހި މިހާރު އެހާ އަގުބޮޑު،" މަރްޔަމް ނަމަކަށް ކިޔާ އަންހެނަކު ބުންޏެވެ.

ކާބޯތަކެތި ވިއްކާ ވިޔަފާރިއެއް ހިންގާ އުމައިދު ބުނީ ވިޔަފާރި މިހާރު ބޮޑުތަނުން އަޑިއަޅައިލައިފައިވާކަމަށެވެ.

"އަހަރެންގެ މުވައްޒަފުންނަށް ކިރިޔާ މުސާރަ ދެވޭވަރުވަނީ،" އޭނާ ބުންޏެވެ.

ޑިޕްލޮމެސީ އާއި ދިފާއީ ދާއިރާ

ގައުމުގެ އެތެރޭގައި އެކުވެރިކަމާއި އިޖުތިމާއީ އެއްބައިވަންތަކަން އޮންނަން ޖެހޭނެކަމަށް ހާމަނާއީ ވިދާޅުވިއިރު ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހާރިޖީ ސިޔާސަތަށް ބަލާއިރު ޑިޕްލޮމެސީ އާއި ދިފާއީ ދާއިރާއަކީ ގައުމީ މަސްލަހަތާއި ސިޔާދަތު ރައްކާތެރިކުރުމަށް އެކަތި އަނެކައްޗާ ގުޅިފައިވާ، ވިލަރެސްކުރެވޭ އަދި ވަކިނުކުރެވޭނެ ދެ ކަންތައްކަމަށެވެ. އަދި މި ދެ ކަންތައް ސަރުކާރުން ކުރިއަށްގެންދާނީ ބެލެންސްކޮށް، ހަމަހަމަކަމާއެކީގައިކަމަށެވެ.

އީރާނުން ބުނީ އެ ގައުމުން މިހާރު ދެނީ އެއްބައިވަންތަކަން ކުރިއެރުވުމުގެ މުހިންމުކަމުގެ މެސެޖެއްކަމަށެވެ. އަވަށްޓެރި ގައުމުތަކާ ވާހަކަދައްކައި، ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުން އިސްނުކުރާ ހާލު އެ ގައުމުތަކާއެކު ގުޅުން ބާއްވަން ބޭނުންވާކަމަށެވެ. ޕަޒަޝްކިޔާން ވިދާޅުވީ އެއްވެސް ގައުމެއް އަނެއް ގައުމެއްގެ މައްޗަށް ބާރެއް ނުހިންގާކަމަށެވެ.

ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމުއްސާނީވަނީ ބުރާސްފަތި ދުވަހު އީރާނަށް ވަޑައިގެން އެ ގައުމުގެ ލީޑަރުންނާ ބައްދަލުކުރައްވައިފައެވެ. ހުރުމުޒުން ބޯޓުފަހަރަށް އަލުން ދަތުރުކުރެވޭނެ ގޮތް ހެދުމުގެ މުހިންމުކަމަށް އޭނާވަނީ ބައްލަވައިލައްވައިފައެވެ. އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ މުހައްމަދާއެކު ބޭއްވި ވާހަކަތައް ވިސްނުންތެރިކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް