ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި ހއ. އުލިގަން ކައުންސިލާ ދެމެދު ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ ހުސައިން ޝަފީޤެވެ. އުލިގަން ކައުންސިލްގެ ފަރާތުން، އެ ކައުންސިލްގެ ރައީސް އަޞަދުﷲ މުޙައްމަދެވެ.
މި އެއްބަސްވުމަކީ އުލިގަމުގައި ޔޮޓް މެރީނާއަކާއި އަދި އެއާ ގުޅުން ހުރި އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް ވީ އެއްބަސްވުމެކެވެ. މިގޮތުން "އުލިގަން ޔޮޓް މެރީނާ ޕްރޮޖެކްޓް" ތަރައްޤީކުރުމަށްޓަކައި، އެ ރަށުން ގާތްގަނޑަކަށް 70،471 އަކަމީޓަރުގެ ބިން އެމް.ޕީ.އެލްއަށް ކުއްޔަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ.
މި މަޝްރޫޢަކީ އުލިގަމަށް ލަފާ ޔޮޓްތަކަށް ދޭ ޚިދުމަތްތައް ފުޅާކޮށް، ފަތުރުވެރިކަމާއި، ވިޔަފާރީގެ ޙަރަކާތްތައް އިތުރުކޮށް، އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު މަޝްރޫޢެއް ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޔޮޓް މެރީނާގައި ޒަމާނީ ފެންވަރުގެ ގިނަގުނަ ވަޞީލަތްތަކާއި ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ރާވައިފައެވެ.
"މި މަޝްރޫޢާއެކު، ދިވެހިރާއްޖޭގެ އެންމެ އުތުރުގެ ސަރަޙައްދުގައި މެރިޓައިމް އިޤްތިޞާދު އިތުރަށް ފުޅާވެ، ފަތުރުވެރިކަމާއި އަދި ސަރަޙައްދީ ވިޔަފާރިއަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.



advertisment

