ގަޔަށް ހޫނު ދިލައެއް އަރައިތީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ފަސް ވަރަކަށް އަހަރު ހޭދަކުރީ އޭނާގެ ވިލެޖްގެ ޕޮންޑްތައް ނުވަތަ ފެންގަނޑުތަކުގައެވެ. އޭނާ މިހާރު ވަނީ ވެސްޓް ބެންގާލުން ވައިގެ މަގުން މުމްބާއީއަށް ގެންގޮސްފައެވެ. އެއީ ސްޕެޝަލިސްޓުންނަށް ދައްކައިގެން ހާއްސަ ފަރުވާ ދިނުމަށެވެ.
އިގްބާލު ޝައިހުއަކީ އިންޑިއާގެ މުރްޝިދުއާބާދު ޑިސްޓްރިކްޓްގެ ބެލްޑަންގާގެ ކުއްޖެކެވެ. އޭނާ ބުނީ ފެނުން ބޭރުގައި ހުންނަނަމަ ގަޔަށް އިހްސާސްކުރެވޭ ހޫނުކަމަށް ކެތްނުކުރެވޭ ކަމަށެވެ. އަދި ތަސައްލީއެއް ލިބެނީ އަނެއްކާވެސް ފެނަށް އެރުނީމާ ކަމަށެވެ.
އޭނާއަށް ކުރިމަތިވެފައިވާ އާދަޔާހިލާފު ހާލަތަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މެއާ ހިސާބަށް ފެން އަރާ ގޮތަށް ފެންގަނޑެއްގައި އިށީނދެލައިގެން އިންނަ ވީޑިއޯތަކެއް އޮންލައިން ދުނިޔޭގައި ފެތުރުމުންނެވެ.
އެތައް އަހަރެއް ފެންގަނޑުތަކުގެ ތެރޭގައި ހޭދަކުރަންޖެހުން
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިގްބާލު ވަނީ ފެންގަނޑުތަކުގެ ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ. ބައެއް ފަހަރު ހަތަރު ފަސް ވަރަކަށް ދުވަހު ނުވަތަ ހަފުތާއެއްވެސް ރެއާއި ދުވާލު ހޭދަކުރީ ފެނުގެ ތެރޭގައެވެ.
އޭނާ ކެއީ އަދި ނިދީވެސް ފެނުގެ ތެރޭގައެވެ. ސަބަބަކީ އޭނާގެ ހަންގަނޑު ހިކިއްޖެނަމަ ގަޔަށް ހޫނުކަން އެނބުރި އަންނާތީއެވެ. އޭނާ ބުނީ މުޅި ހަށިގަނޑުގައި ވޭންއަޅައި ކަމަށާއި ތަދުފިލަނީ ހަމައެކަނި ފެނުގެ ތެރެއަށް ހަށިގަނޑު ގަންބައިލީމާ ކަމަށެވެ.

އިގްބާލު އަދި ބުނެފައިވަނީ އޭނާ ގަބޫލުކުރާ ގޮތުގައި އޭނާއަށް އިހްސާސްކުރެވޭ ހޫނުކަމަކީ "ޖިންނިއެއް" ނުވަތަ ރޫހާނީ އެއްޗެއް އޭނާގެ ގާތުގައި އުޅޭތީއެވެ. ނަމަވެސް އެ ފަދަ ކަމަކާ އޭނާގެ ބަލީގެ އަލާމާތްތަކާ ގުޅުމެއް ވާކަމުގެ ސިއްހީ ހެއްކެއް ނެތެވެ.
ގިނައިރު ފެނުގައި ހޭދަކުރުމުން އޭނާއަށް ވަނީ ޖިސްމާނީ ގޮތުން ނުރަނގަޅު ކަންތައްތަކާ ކުރިމަތިވެފައެވެ. އޭނާގެ ހަންގަނޑު މިލައި، ހަންގަނޑުވަނީ ފެނުންވެސް ފުރިފައެވެ. އަދި އޭނާއަށް ވަނީ ރޯގާ އާއި ކެއްސުމުގެ އަލާމާތްތައްވެސް ކުރިމަތިވެފައެވެ. އޭނާގެ އާއިލާއިން ކުރިން އޭނާއަށް ސިއްހީ ފަރުވާ ހޯދައިދީފައިވާއިރު، ދިގު މުއްދަތުގެ ފަރުވާއަކަށް ހަރަދުކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.
ހަށިގަނޑަށް ފޯރައިފައިވާ އުނދަގޫއިން އިގްބާލަށް އެތައް އަހަރަކު ސަލާމަތުން ހުރެވުނީ ހަމައެކަނި ފެންގަނޑުތަކުން ލިބުނު ތަސައްލީންނެވެ.
ފަރުވާއަށް މުމްބާއީއަށް
އޮންލައިން ދުނިޔޭގައި އޭނާގެ ވާހަކައަށް ސަމާލުކަން ލިބުމުން އިގްބާލުގެ ދިރިއުޅުމަށް ތަފާތުކަމެއް އައެވެ. އޭނާއަށް އެހީވާން އޭނާގެ އާއިލާއިން ކޮށްފައިވާ އިލްތިމާސް، ސިނާއީ މަހުޖަނު އަނަންތު އަމްބާނީއަށް ފެނިފައި އަނަންތު ވަނީ ސްޕެޝަލިސްޓް ފަރުވާއަށް މުމްބާއީއަށް ވައިގެ މަގުން އިގްބާލު ފޮނުވައިދީފައެވެ.
އިގްބާލު އެޑްމިޓްކުރީ ސަރ އެޗް.އެން ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލްގައެވެ. އޭނާގެ ހާލަތު ބަލަމުންދަނީ އެތައް ސިއްހީ ދާއިރާތަކެއްގެ ޓީމަކުންނެވެ. އޭނާގެ ހަށިގަނޑުން ފެންނަ އަލާމާތްތަކާއި ދޭނެ އެކަށީގެންވާ ފަރުވާގެ ޕްލޭނެއް ދެނެގަތުމަށް ޑޮކްޓަރުން ދަނީ އޭނާ ޗެކުކުރަމުންނެވެ.

އަސްލު މައްސަލައަކީ ކޮބާ؟
އިގްބާލުގެ އަސްލު ސިއްހީ ހާލަތު އަދިވެސް ދެނެއެއްނުގަނެވެއެވެ. ނަމަވެސް އޭނާއަށް ކުރިމަތިވުން އެކަށީގެންވާ ދެ މައްސަލައެއް ވަނީ ފަހުގެ މެޑިކަލް ރިޕޯޓްތަކުން ފެންމަތިވެފައެވެ.
ކުރީގެ މެޑިކަލް ރިޕޯޓްތަކުން ބުނެފައިވަނީ އޭނާއަށް ކުރިމަތިވެފައިވަނީ އެކުއަޖެނިކް ޕްރޫރައިޓަސް ކަމަށް ވެދާނެ ކަމަށެވެ. މިއީ ފެނުގައި ޖެހިއްޖެނަމަ، ސީރިއަސް ގޮތެއްގައި ގައި ކަހައި، އައްސިކަމެއް އިހްސާސްކުރެވޭ ނުވަތަ ގަޔަށް ހޫނު އަރައިކަމުގެ އިހްސާސްކުރެވޭ ހާލަތެކެވެ.
ނަމަވެސް އެކުއަޖެނިކް ޕްރޫރައިޓަސް އިގްބާލުގެ ހަށިގަނޑުން ފެންނަ އަލާމާތްތަކާ މުޅިއަކުން ދިމައެއްނުވެއެވެ. ސަބަބަކީ ފެނުގައި ޖެހުމުން ހަށިގަނޑަށް އުނދަގޫ އިހްސާސްވުމުގެ ބަދަލުގައި އޭނާއަށް ތަސައްލީއެއް ލިބެނީ ފެނަށް އެރުމުން ކަމަށް އިގްބާލު ބުނާތީއެވެ.
ބައެއް ފަރާތްތަކުން ބުނީ އޭނާއަށް ކުރިމަތިވެފައިވަނީ އީރިތްރޮމަލަލްޖީއާ ކަމަށެވެ. މިއީ ނާރުތަކާއި ލޭ ހޮޅިތަކުގެ ނާދިރު މައްސަލައެކެވެ. މި ކަމުގެ ސަބަބުން ވަރަށް ގަދަ ދިލައަކާއި ހޫނުކަމެއް އިހްސާސްކުރެވި، އަދި ހަންގަނޑުގެ ކައިރީގައި ހުންނަ ލޭ ހޮޅިތަކަށް އިތުރަށް ލޭ އެޅިގެން ހަންގަނޑު ރަތް ކުލައަށް ބަދަލުވެއެވެ. މި ކަން ބޮޑަށް ކުރިމަތިވަނީ އަތްތިލައަށާއި ފައިތިލައަށެވެ. ފިނިކަން ލިބުމުން ބައެއް ފަހަރު ތަސައްލީއެއް ލިބެއެވެ. ފެންގަނޑުތަކުން އިގްބާލު ތަސައްލީއެއް ހޯދާ ސަބަބަކީ މިއީ ކަމަށް ބެލެވެއެވެ.
ނަމަވެސް އިގްބާލަށް ކުރިމަތިވެފައިވަނީ އީރިތްރޮމަލަލްޖީއާކަމެއް އަދި ޑައިގްނޯސެއް ނުކުރެވެއެވެ. އޭނާއަށް އެކަށީގެންވާ ފަރުވާއެއް ކަނޑައެޅުމަށް ޑޮކްޓަރުން ދަނީ އޭނާއަށް ހޫނުކަން އިހްސާސްކުރެވެނީ ކީއްވެތޯ ބަލަން އިތުރު ޓެސްޓްތައް ހަދަމުންނެވެ.

ފެނުގައި ގިނައިރު ހުރުމުން އިންފެކްޝަނަށް ހުށަހެޅުމުގެ ނުރައްކާ
ސިއްހީ މާހިރުން އިންޒާރުދިން ގޮތުގައި ތަސައްލީއެއް ހޯދަން އިގްބާލު ފެނުގައި ހުރުމަށް ބަރޯސާވުމަކީ ރައްކާތެރި ފަރުވާއެއް ނޫނެވެ. ސަބަބަކީ ގިނަ ވަގުތުތަކެއް ފެނުގައި ހޭދަކުރުމުން ހަންގަނޑު ހަލާކުވެ، އިންފެކްޝަން ޖެހި އަދި އިތުރު ކޮމްޕްލިކޭޝަންތައް އުފެދިދާނެތީއެވެ.
މި ވަގުތު އިގްބާލުގެ ސިއްހީ ޓީމުން ދަނީ އޭނާގެ ހަށިގަނޑުން ފެންނަ އަލާމާތްތައް އެއީ ކީއްވެ ކުރިމަތިވާ ކަމެއްތޯ ދެނެގަނެ، ފެންގަނޑުތަކުން ތަސައްލީއެއް ހޯދުމުގެ ބަދަލުގައި އޭނާގެ ހާލަތު މެނޭޖްކުރެވޭނެ ފަރުވާއެއް ހޯދަމުންނެވެ.



advertisment