އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ގާތްގަނޑަކަށް ހައެއްކަ މަސްވެފައިވާ ހަނގުރާމަ މިހާރު މެދުކަނޑައިލައިފައި އޮތަސް އެމެރިކާއާ ކުރިމަތިލުމުގައި މި ވަގުތު ބާރު އޮތީ އީރާންގެ އަތުގައި ކަމަށް އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަން ވިދާޅުވެއްޖެއެވެ.
"އެންމެ ރަނގަޅުވާނީ މި ވަގުތު ހަނގުރާމަ ހުއްޓައިލުން. ސަބަބަކީ ބާރު އަދި ޝަރަފު މި ވަގުތު އޮތީ އަހަރެމެންގެ އަތުގައި،" ޕަޒަޝްކިއަން (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
އީރާނަށް ރަނގަޅުވާނީ އެ ގައުމުގެ އަތުގައި ބާރު އޮތް މި ވަގުތުގައި އެމެރިކާއާއެކު ނުސީދާ މަޝްވަރާތައް ކުރިއަށްގެންދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕަޒަޝްކިއަން މިހެން ވިދާޅުވި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާ ހިތްހަމަޖެހޭ ޑީލެއް ހަދަން އީރާން މި ވަގުތު ތައްޔާރު ނޫން ކަމަށެވެ.
"އަހަރެންގެ ނަޒަރުގައި އީރާނުން ޑީލެއް ހަދަން ބޭނުންވޭ، ނަމަވެސް ރަނގަޅު ޑީލެއް ހަދަން އީރާނުން ތައްޔާރެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އަނެއްކާވެސް ވިދާޅުވީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅީގެ "ފުރިހަމަ ބާރު" އޮތީ އެމެރިކާގެ އަތުގައި ކަމަށެވެ. ނަމަވެސް މިއީ ތެދު ވާހަކައެއްކަމާމެދު އަނެއްކާވެސް ޝައްކު އުފެދުނީ އިރާގުގެ ތެޔޮ ޓޭންކަރުތައް ހުރުމުޒު ހުރަސްކުރަން އީރާނުން މިއަދު ހުއްދަ ދިނުމުންނެވެ. މިހެންވެ، ބެލެވޭ ގޮތުގައި ހުރުމުޒު އެއްކޮށް ހުޅުވައިނުލިޔަސް އީރާނުން ދަނީ އެ ގައުމާ ރަހްމަތްތެރި ގައުމުތަކުގެ އުޅަނދުފަހަރު ހުރުމުޒުން ދަތުރުކުރުމަށް އަދިވެސް ހުއްދަ ދެމުންނެވެ.
ނަމަވެސް ހުރުމުޒުން ދަތުރުކުރާ އުޅަނދުފަހަރު ބޮޑުތަނުން މަދުވެފައިވާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު އިއްޔެ ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 94.39 ޑޮލަރު (1،455.49ރ.)ގައެވެ.
ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާ ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.
ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ ހުރުމުޒުން އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.



advertisment