Support Us

ކޯޓު އަމުރާ އެއްގޮތަށް އިމްރާން ހާން ހޮސްޕިޓަލަށް ގެންގޮސްފި

ޖަލަށް ލައިފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އިމްރާން (ފޮޓޯ) ރޭގައި ހޮސްޕިޓަލަށް ގެންދިޔައީ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ނެރުނު އަމުރެއްގެ ދަށުންނެވެ.

އުމުރުން 73 އަހަރުގެ އިދިކޮޅު ލީޑަރުގެ ކަނާތު ލޮލުގެ ފެނުމަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. ކޯޓުން އަމުރުކުރީ އިމްރާންގެ އަމިއްލަ ޑޮކްޓަރެއް ހިމެނޭނެހެން ހާއްސަ މެޑިކަލް ބޯޑަކުން އޭނާގެ ސިއްހީ ހާލަތު ދެނެގަތުމަށެވެ.

އޭނާއަށް ސިއްހީ ފަރުވާ ދިނުމާއި އާއިލީ ބައްދަލުވުންތަކާ ގުޅޭ އަޑުއެހުމެއް އަންނަ މަހު 16 އަށް ތާވަލުކޮށްފައިވާއިރު އެ ދުވަހާ ހަމައަށް އޭނާ އޮންނާނީ ކޯޓުން އަމުރުކުރި ގޮތަށް ހޮސްޕިޓަލްގައި ކަމަށް އޭނާގެ ގާނޫނީ ވަކީލެއް ކަމަށްވާ އުޒައިރު ބާންދާރީ ބުންޏެވެ.

މިހެންވެ، 2023 ގެ އޮގަސްޓްގައި އޭނާ ޖަލަށް ލީ ފަހުން މި ފަހަރު ވެގެންދާނީ އޭނާ ޖަލުން ބޭރުގައި އެންމެ ގިނަ ދުވަސް ހޭދަކުރާ ފަހަރަށެވެ. ކުރީގެ ކްރިކެޓް ތަރި އިމްރާން އާއި އޭނާގެ ޕާޓީން އަބަދުވެސް ބުނަމުންދަނީ 2022 ގެ އެޕްރިލްގައި ޕާލަމަންޓުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކަށްފަހު އޭނާއަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ޖަލަށް ލީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ހޮސްޕިޓަލަށް ފަރުވާއަށް ގެންދިއުމުން އިމްރާންގެ ޕާކިސްތާން ތަހްރީކޭއިންސާފު (ޕީ.ޓީ.އައި) ޕާޓީންވަނީ އެ ކަމަށް މަރުހަބާ ކިޔައިފައެވެ.

"ސުޕްރީމް ކޯޓުގެ އަމުރުން އުއްމީދު އާވި،" ޕާޓީގެ ތަރުޖަމާނު ޒުލްފިކާރު ބުހާރީ ބުންޏެވެ.

އޭނާ ބުނީ އިމްރާން ޖަލުން މިނިވަންކުރުމަށް ގޮވައިލުމަށް އަންނަ މަހު 27 ބާއްވާ ހިނގައިލުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ގޮވައިލީ އިމްރާން ޖަލުން މިނިވަންކުރެވޭނެ މަގު ތަނަވަސްކުރުމަށް ބާއްވަން އެދިފައިވާ އިސްތިއުނާފުގެ އަޑުއެހުންތައް އަވަސްކުރުމަށެވެ.

އިމްރާން ހޮސްޕިޓަލް ފަރުވާއަށް ގެންދިއުމަށް ސުޕްރީމް ކޯޓުންކުރި އަމުރަށް އެންމެ ފުރަތަމަ ސަރުކާރުންވަނީ ގޮންޖަހައިފައެވެ. ނަމަވެސް ފަހުންވަނީ ކޯޓުގެ ނިންމުން މުރާޖައާކުރުމަށް އެދި ލީ ޕެޓިޝަން އަނބުރާ ގެންގޮސްފައެވެ.

"ޕާކިސްތާންގެ ގާނޫނުގެ ދަށުން، ސިއްހީ ފަރުވާ ލިބިގަތުން އިމްރާން ހާނަށް ހައްގު،" އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތާރާރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *