Support Us

"ރައްޔިތުންގެ އަޑު"ގެ އިތުރު ބައްދަލުވުންތަކެއް ރައީސް ކުރިއަށް ގެންދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވައި، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި ފަށްޓަވައިފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް އެމަނިކުފާނު ކުރިއަށްގެންދަވައިފިއެވެ.

މި ބައްދަލުވުންތަކުގެ ބައެއް މަންޒަރާއި އަޑު ހިމެނޭހެން، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެ ވަނަ އެޕިސޯޑް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ މީސްމީޑިއާގައި ޝާއިޢުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ވަކިވަކީން ކުރިއަށްގެންދެވި މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން ހުށަހެޅި ކަންކަމާމެދު މަޝްވަރާކުރައްވައި، އެ ފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ސަރުކާރުން ވެދެވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވައި އެ ކަންކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވައިފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދަވާ މި ސިލްސިލާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދި ހުށަހެޅޭނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާންކުރާ މުއްދަތުތަކުގައި، އެކަމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވައިލީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. ދެވަނަ ބުރުގައި ފުރުސަތު ހުޅުވައިލައިފައި ވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ.

މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރުސަތު ހުޅުވައިލީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ.

ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މި އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ.

"ރައްޔިތުންގެ އަޑު" ނަމުގައި ކުރިއަށްގެންދަވާ މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *