Support Us

އިސްރާއީލުގެ ޓެލް އަވީވް ސިޓީގައި އޮންނަ ބެން ގުރިއޮން އެއާޕޯޓްގައި ފަސިންޖަރުންތަކެއް މި ދިޔަ ޖޫން އަށެއްގައި ޑިޕާޗާ ބޯޑެއް ޗެކުކުރަނީ

ގިނަ އަދަދެއްގެ ޔަހޫދީން އިސްރާއީލު ދޫކޮށް ހިޖުރަކުރަނީ

ގިނަ އަދަދެއްގެ ޔަހޫދީން އިސްރާއީލު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަމުންދާކަން ހާމަވެއްޖެއެވެ.

އިސްރާއީލުގެ އާބާދީއަކީ 10.24 މިލިއަނެވެ. ޔަހޫދީންނާއި އެހެން ދަރިކޮޅުގެ މީހުންގެ އަދަދަކީ 7.79 މިލިއަނެވެ. އަރަބިންގެ އަދަދަކީ 2.16 މިލިއަނެވެ. ގާތްގަނޑަކަށް 296،000 ބިދޭސީ މަސައްކަތްތެރިންނާއި އެހެނިހެން މީހުންވެސް އުޅެއެވެ. ތަފާސްހިސާބުތަކުން ދެއްކީ ގައުމުން ބޭރަށް ހިޖުރަކުރަނީ ގިނަ އަދަދެއްގެ ޔަހޫދީންކަމެވެ.

އެ ގައުމުގެ ތަފާސްހިސާބުތަކާ ބެހޭ މައި އިދާރާގެ މައުލޫމާތާ ހަވާލާދީ ޓެލް އަވީވް ސިޓީގެ ޔުނިވާސިޓީން ބުނީ 2023 އާ މި ދިޔަ އަހަރާ ދެމެދު 270،000 އިސްރާއީލު ރައްޔިތުން ގައުމުން ބޭރަށް ހިޖުރަކުރި ކަމަށެވެ.

ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި 2023 ގައި 86،500 އިސްރާއީލު ރައްޔިތުން ގައުމުން ބޭރަށް ހިޖުރަކުރިއިރު 2024 ގެ އަދަދަކީ 91،000 އެވެ. އަދި ގާތްގަނޑަކަށް އެހާކަންހާވަރުގެ އަދަދެއް މި ދިޔަ އަހަރުވެސް އިސްރާއީލުން ބޭރަށް ހިޖުރަކުރިއެވެ.

މި ކަމުގެ ސަބަބުން އިސްރާއީލުގެ އިގުތިސާދަށާއި ސަލާމަތަށާއި އަދި އާބާދީއަށް ނުރަނގަޅު އަސަރުކުރާނެ ކަމަށްވަނީ ބެލެވިފައެވެ. ގައުމު ދޫކޮށްލި ގިނަ އަދަދެއްގެ އިސްރާއީލު ރައްޔިތުންނަކީ ވަރަށް މަތީ ފެންވަރަކަށް ކިޔަވައިގެން ތިބި، މަސައްކަތްތެރިންނެވެ.

އިސްރާއީލުގެ ޓެކުހާ ބެހޭ އިދާރާއިންކުރި ދިރާސާއެއްގައި ބުނީ ޑޮކްޓަރުންނާއި އިންޖިނިއަރުން ހިމެނޭހެން ބޮޑެތި މުސާރަވެރިން ގައުމުން ބޭރަށް ހިޖުރަކުރި އަދަދު 2019 ގެ ކުރިއާ އަޅާބަލާއިރުވަނީ ދެ ގުނަ އިތުރުވެފައި ކަމަށާއި މި ކަމުގެ ސަބަބުން ގައުމަށް އެތައް ބިލިއަން ޑޮލަރު ގެއްލޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަހަރެމެންނަށް ގިނައިން މި ފެންނަނީ ސަލާމަތްތެރިކަން ނެތުމާއި އިސްރާއީލު މިހާރު ސީޔާސީ ގޮތުން ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ގައުމުން ބޭރަށް ހިޖުރަކުރާތަން،" އިސްރާއީލުގެ އާބާދީ ދިރާސާކުރާ ސާޖިއޯ ޑެލަ ޕާގޮލަ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއަށް ބުންޏެވެ.

"މަތީ ފެންވަރަކަށް އުނގެނިފައިވާ، ކާމިޔާބީތައް ހޯދަމުންދާ ޒުވާން އާއިލާތައް އިސްރާއީލުން ބޭރަށް ހިޖުރަކުރުން އިތުރުވަމުންދަނީ،" އިސްރާއީލުގެ އޮރަނީމް ކޮލެޖްގެ ހިޖުރަކުރުމާއި އާބާދީ ދިރާސާކުރާ ޕްރޮފެސަރު ލީލަކް ލެވް އަރީ ބުންޏެވެ.

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރެއް ކަމަށްވާ ގީލަޑް ކަރީވް އެހާ ގިނަ އަދަދަކަށް އިސްރާއީލު ރައްޔިތުން ގައުމު ދޫކޮށްދާދިއުން ސިފަކުރީ "ހިޖުރަކުރުމުގެ ސުނާމީ"އެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *