Support Us

ފަސް ދަރިންނަށް ކައްކައި، ޕާން ފިހެ އަދި ފެން ހޫނުކޮށްދޭން ރަބާބު ޒައިފަﷲ ބޭނުންކުރާ އޭނާގެ އަގުބޮޑު ލައިޓަރާއެކު

ލައިޓަރު- ގައްޒާގައި ދިރިހުރުމުގެ މައިބަދަ

ރަބާބު ޒައިފަﷲ އިށީނދެގެން އިނީ އޭނާ ދިރިއުޅޭ ޓެންޓު ތެރޭގައެވެ. ހިފައިގެން ހުރީ އޭނާ ގެންގުޅޭ ހަލާކުވެފައިވާ ލައިޓަރެވެ. އުނދުނެއްގެ ދަށުގައިވާ ދަރުތަކުގައި ރޯކުރަން އަލިފާން ކަންޏެއް ލިބޭތޯ އޭނާ ލައިޓަރުގެ ފިތަށް އޮބަމުން ދިޔައެވެ.

ފަސް ކުދިންގެ މަންމަ އެ ލައިޓަރު ބަލަހައްޓަނީ ފަރުވާތެރިކަމާއެކުއެވެ. ފަލަސްތީނު ނަސްލު ނައްތައިލަން އިސްރާއީލުން އޮކްޓޫބަރު 2023 ގައި ފެށި ހަނގުރާމައާހުރެ އާ ލައިޓަރެއް ގަންނަން ދަތިވުމުން އޭނާގެ ފިރިހެން ދަރިފުޅުވަނީ އެ ލައިޓަރު އެތައް ފަހަރަކު މަރާމާތުކޮށްދީފައެވެ.

އުމުރުން 46 އަހަރުގެ ރަބާބަށް ދަރަކީ ކޮންމެހެން މުހިންމު އެއްޗެކެވެ. ލިބުން މަދުވަމުންދާ ކައްކާ ގޭހާއި ބޮޑުވަމުންދާ ތެލުގެ އަގާހުރެ އޭނާ އެ ލައިޓަރު ބޭނުންކުރަނީ ޕާން ފިހައިށާއި އޭނާގެ ދަރިންނަށް ފެން ހޫނުކޮށްދޭށާއި ކާބޯތަކެތި ތައްޔާރުކުރާށާއި އަދި ސައި ހަދައިށެވެ.

"އަހަރެމެންގެ މުޅި ދުވަހުގެ ދިރިއުޅުން ބަރޯސަވަނީ އަލިފާނަށް. އަލިފާން ރޯކުރުން ފެށެނީ ލައިޓަރަކުން. މި ކުޑަކުޑަ އެތި މިހާރު ވެފައިވަނީ ގައްޒާގައި ހޯދަން އެންމެ އުނދަގޫ އެކައްޗަށް،" ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއަށް ރަބާބު ބުންޏެވެ.

ހަނގުރާމައިގެ ކުރިން ލައިޓަރު ވަރަށްވެސް އަގުހެވެވެ. އަދި ފަސޭހައިން ލިބެއެވެ. އެއް ޝެކެލް (0.33 ޑޮލަރު ނުވަތަ 5.1ރ.)އަށް ތިން ލައިޓަރު ލިބުނު ހަނދާންވެސް އޭނާ އެބަހުއްޓެވެ. މިއަދު އާ ލައިޓަރެއްގެ އަގު ހުރީ 27 ޑޮލަރު (416.34ރ.)އިން 33 ޑޮލަރު (508.86ރ.)އާ ދޭތެރޭގައެވެ. ރަބާބު އޭނާގެ ބާ ލައިޓަރު އެންމެ ފަހުން މަރާމާތުކުރަން 12 ޑޮލަރު (185.04ރ.) ހަރަދުކުރިއެވެ.

"އެ އަދަދު އަހަރެން ހަރަދުކުރަންވީ ލައިޓަރެއް ގަންނަންތަ ނުވަތަ އަހަރެން ގަންނަންވީ ބަސްތާއެއްގެ ފުށްތަ؟" އޭނާ ސުވާލު އުފެއްދިއެވެ.

ލައިޓަރެއް ނުހޯދިގެން ބައެއް ފަހަރު އަލިފާން ރޯނުކުރެވި ދެތިން ދުވަސް ވާ ކަމަށް ހަސްނާ މަންސޫރު ބުނޭ

ގައްޒާގެ އާބާދީއަކީ 99 ޕަސެންޓް އަރަބި ފަލަސްތީން ރައްޔިތުންނެވެ. އެ ތާނގައި ދެން ދިރިއުޅެނީ ކައިވެނީގެ ގޮތުންނާއި އާއިލީ ގޮތުން ގުޅުން ހުރި ފަލަސްތީނުގެ ޕާސްޕޯޓުވެސް އޮންނަ އެހެން ގައުމުތަކުގެ ޕާސްޕޯޓު ގެންގުޅޭ މީހުންނެވެ.

ގައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެ މީހުން ގެންގުޅޭ މަދު ފައިސާކޮޅު ހޭދަކުރަން ބޭނުންވަނީ ކާބޯތަކެއްޗަށެވެ. އެހެންވެ، އެތައް ޓެންޓްތަކެއްގައި ދިރިއުޅޭ އާއިލާތަކުންކުރާ ކަމަކީ އެއް ލައިޓަރު ހިއްސާކުރުމެވެ.

ބައެއް ދުވަސްދުވަހު ރަބާބަށް އެއްގޮތަކަށްވެސް ލައިޓަރެއް ނުހޯދެއެވެ. އެހެންވެ، ފިނިކޮށް ހުންނަ ކާއެއްޗެހި ކާން އެތައް ދުވަހަކު މަޖުބޫރުވެއެވެ. ނުވަތަ އަވަށްޓެރިޔަކު އަލިފާން ރޯކުރުމުން އޭގެން އަލިފާން ކަންޏެއް ހޯދަން އިންތިޒާރުކުރަން ޖެހެއެވެ.

އަވަށްޓެރިއެއް ރޯކޮށްފައިވާ އަލިފާނުން ކަންޏެއް ހޯދައި އޭނާގެ ޓެންޓަށް ގެންނަން އޭނާ ގިނަ ފަހަރަށް އަވަށްޓެރިޔާއަށް ފޮނުވަނީ ކާޑުބޯޑުކޮޅެކެވެ. އެހެން ފަހަރުފަހަރު އަވަށްޓެރިޔަކު ޕާން ފިހާނަމަ އެ އަވަށްޓެރިޔާގެ އަވަނުގައި އޭނާގެ އާއިލާއަށް ކާއެއްޗެހި ތައްޔާރުކޮށްދޭން އޭނާ އެ އަވަށްޓެރިއެއްގެ ގާތުން އެދިފާނެއެވެ.

އޭނާ ގެންގުޅޭ އެ ލައިޓަރަކީ އޭނާ މިހާރު ފަރުވާތެރިކަމާއެކު ރައްކާތެރިކުރާ އެއްޗެކެވެ. ސަބަބަކީ އޭނާއަށް އެ ލައިޓަރަކީ އަލިފާން، ކާބޯތަކެތި، ޕާން އަދި ހޫނު ފެން ލިބިގަތުމަށް ފެށުމެކެވެ.

އަނެއް ބުރަ

ރަބާބުގެ ޓެންޓާ ކައިރި އެހެން ޓެންޓެއްގައި ހަސްނާ މަންސޫރު، 43، އަށް ކުރިމަތިވެފައިވަނީ ހަމަ އެ މައްސަލައެވެ. ނަމަވެސް އެހެން ދިމާއަކުންނެވެ.

ޖަބާލިޔާ ރެފިއުޖީ ކޭމްޕުން ނިކުންނަން ޖެހުނު ހަސްނާ އިނީ މަށިން ހަދައިފައިވާ އުނދުނެއް ކައިރީގައެވެ. ހަނގުރާމައިގައި އޭނާގެ އާއިލާގެ މާލީ ހާލަތު ގޯސްވުމުން އެ އުނދުން ވީ އޭނާއަށް އަގުހުރި އެއްޗަކަށެވެ.

އޭނާގެ ފިރިމީހާ ކުރިން މަސައްކަތްކުރީ ފަހާ މީހެއްގެ ގޮތުގައެވެ. އާއިލާ އުޅުނީ އާދައިގެ ގޮތެއްގައި އަރާމު ފެންވަރެއްގައެވެ. ނަމަވެސް ވިޔަފާރި ނުވާތީ ހަ ދަރިން ބެލުމަށްޓަކައި ހަސްނާ މިހާރު ބޭކުކޮށް ކާއެއްޗެހި ވިއްކަނީއެވެ.

އާ ލައިޓަރެއް ގަތުމަކީ މިހާރު އަތްފޯރާފަށުގައިނުވާ ކަމަކަށްވާތީ ހަސްނާ ވަނީ އޭނާގެ ލައިޓަރު ތަކުރާރުކޮށް މަރާމާތުކޮށްފައެވެ. ނަމަވެސް ކައްކާ ގޭސް ލިބުން ދަތިވުމުން އޭނާއަށް ކުރިމަތިވެފައިވާ މައްސަލަ އިތުރަށް ގޯސްވިއެވެ.

"ގޭސް ހުރިނަމަ ބޭނުންވާނީ ކުޑަ ކަންޏެއް އަލިފާން ރޯކުރަން. އެކަމަކު އުނދުނެއް ހުރީމަ އަހަރެންނަށް ބޭނުންވަނީ ސީދާ އަލިފާން،" އޭނާ ބުންޏެވެ.

"އަހަރެން މި ތާ މި އިނީ ހެނދުނުއްސުރެ. ދިހައެއް ޖެހިއިރުވެސް އަހަރެންނަށް އުނދުން ރޯނުކުރެވުނު. އަލިފާން ރޯކޮށްގެން އިން އެހެން މީހަކު ފެނޭތޯ އަހަރެންގެ ޅަ އަންހެން ދަރިފުޅު ފޮނުވިން ކާޑުބޯޑުކޮޅެއް ދީފައި، ނަމަވެސް އެ ފަދަ މީހެއް ނުފެނުނު،" ހަސްނާ ބުންޏެވެ.

ހަސްނާ މަންސޫރު އޭނާ ވިއްކާ ކާއެއްޗެހި ބޭކުކުރަން ބޭނުންކުރާ މަށިން ހަދައިފައިވާ އުނދުނާއެކު. ނަމަވެސް ލައިޓަރަކީ ތަދު އެއްޗަކަށްވާތީ އަލިފާން ރޯކުރުންވަނީ ދަތި ކަމަކަށްވެފައި

އިސްރާއީލުން އަޅައިފައިވާ ހުރަސްތަކާއި ތަކެތީގެ ދަތިކަން

ލައިޓަރު މަދުވުމުގެ މައްސަލަ ކުރިމަތިވެފައިވަނީ އިސްރާއީލުން އަދިވެސް ގައްޒާ ހިސޯރުކޮށްފައި އޮތްއޮތުން ތެރެއިންނެވެ.

އދ.ގެ ކުއްލި އެހީ ފޯރުކޮށްދޭ އިދާރާ، އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯ.ސީ.އެޗް.އޭ)އިން ބުނީ ގައްޒާއަށް މުދާ ވެއްދުމަށް އިސްރާއީލުން އަޅައިފައިވާ ހުރަސްތަކާއި އެއް ތަނުން އަނެއް ތަނަށް ދެވޭ މަގުތައް ބަންދުކޮށްފައިވާތީ ތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވީ ކަމަށާއި އަސާސީ އެއްޗެހީގެ އަގުތައްވެސް ބޮޑުވީ ކަމަށެވެ.

އެ އިދާރާއިން ބުނީ "ޑުއަލް-ޔޫޒް" ނުވަތަ ނުބައި މަގުސަދަކަށް ބޭނުންކުރެވިދާނެ ރަނގަޅު ތަކެތީގެ ގޮތުގައި އިސްރާއީލުގެ ރަސްމީ އިދާރާތަކުން ކަނޑައަޅައިފައިވާ އެއްޗެހި ގައްޒާއަށް ވެއްދުމަށް ހުއްދަ ހޯދަން އިތުރު ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ގައްޒާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، ގައްޒާ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ޖޫންގައި ބުނީ އެއް ތަނުން އަނެއް ތަނަށް ހުރަސްކުރެވޭ މަގުތަކަށާއި ގައްޒާއަށް މުދާ އެތެރެކުރުމުގެ ނިޒާމުތަކަށް އަޅައިފައިވާ ހުރަސްތަކުގެ ސަބަބުން ގައްޒާއަށް ތަކެތި ވެއްދުމަށްވަނީ ހުރަސްއެޅިފައި ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ މި އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި 30،000 އަށްވުރެ ގިނަ ލޮރީގެ މުދާ ގައްޒާއަށް ވަން ކަމަށެވެ. އެއީ ނިސްބަތުން ދުވާލަކު 191 އަށްވުރެ ގިނަ ނޫން އަދަދެއްގެ ލޮރީއެވެ. އެއީ ހަނގުރާމައިގެ ކުރިން ގައްޒާއަށް ބޭނުންވި މުދަލުގެ އަދަދާ ނުބައްދަލު އަދަދެކެވެ.

ކުރިން ޝާއިއުކުރި ލިޔުމެއްގައި އެ ޖަމިއްޔާއިން ވަނީ ހަނގުރާމައިގެ ތެރޭގައި ލައިޓަރު މަރާމާތުކުރުމުގެ މަސައްކަތް ފެންމަތިވި ގޮތް ޑޮކިއުމެންޓްކޮށްފައެވެ. އޭގައި ބުނެފައިވަނީ ލައިޓަރަކީ ގައްޒާއަށް ވެއްދުން މަނާ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށެވެ.

ލައިޓަރު މިހާރު އެހާ އަގުބޮޑު އެއްޗަކަށްވެ، އާ ލައިޓަރެއް ގަތުމުގެ ބަދަލުގައި އާއިލާތަކުން ލައިޓަރު މަރާމާތުކުރަން ނިސްބަތުން ބޮޑު ހަރަދެއް މިހާރު ކުރަނީ އެހެންވެއެވެ.

އެއް ލައިޓަރެއް ހިއްސާކުރުން

ޝާދީ އަބޫ ޝަމްލާއަކީ ގައްޒާ ސިޓީގެ ހުޅަނގުން އޮންނަ އަލްކަރްމަލު ސްކޫލްގައި އާއިލާއާއެކު ދިރިއުޅޭ ގެދޮރުން ބޭރުވާން ޖެހިފައިވާ ބައްޕައެކެވެ. އޭނާއަށް ލައިޓަރުގެ ތަދުކަމުގެ މާނައަކީ އެތައް ޓެންޓެއްގެ މެދުގައި އެއް ލައިޓަރު ހިއްސާކުރުމެވެ.

"މުޅި މި ސްކޫލް ތެރޭގައިވެސް… ހަތަރަކަށްވުރެ ގިނަ ލައިޓަރެއް ތިބާއަކަށް ނުފެންނާނެ،" އޭނާ ބުންޏެވެ.

އާއިލާތަކުން ކައްކައި، ފެން ހޫނުކޮށް ނުވަތަ ހޫނު ބުއިމެއް ތައްޔާރުކުރަން މަސައްކަތްކުރާއިރު ލިބެން އޮތް މަދު ލައިޓަރުތައް އެއް ޓެންޓުން އަނެއް ޓެންޓަށް ދަތުރުކުރާނެއެވެ.

"ލައިޓަރަކީ މިއަދު ދިރިއުޅުމުގެ މައިބަދަ. ތިބާގެ ޓެންޓުގައި ތިބާގެ ލައިޓަރެއް ވާނަމަ، ތިބާއަށް ހުރީ ރަނގަޅު ގޮތް. ތިބާގެ އަތުގައި ލައިޓަރެއް ނެތްނަމަ، ތިބާ ތި ހުރީ ތާށްޓެއްގައި،" ޝާދީ ބުންޏެވެ.

"އެންމެ އާދައިގެ ކަންތައްތަކަށްވެސް އަލިފާން ބޭނުންވޭ. ތިބާ ބޭނުންވަނީ ސައިތަށްޓެއް، ކައްކަން، ކުޑަކުއްޖަކަށް ކިރު ތައްޔާރުކޮށްދޭން… ތިބާއަށް ބޭނުންވާނީ އަލިފާން،" އޭނާ ބުންޏެވެ.

ޝާދީ ބުނީ އޭނާގެ އާއިލާ ބައެއް ފަހަރު ނިދަނީ ރޭގަނޑުގެ ނާސްތާ ނުކައި ކަމަށެވެ. އެއީ އަލިފާން ރޯކުރާނެ ގޮތެއް ނެތިގެންނެވެ.

ލައިޓަރު މަރާމާތުކުރުންވެސް ދަތިކަމަކަށްވެއްޖެއެވެ. އޭނާ ބުނީ ލައިޓަރެއްގެ ފްލިންޓް ނުވަތަ ހިލަކޮޅު ލިބެނީ 25 ޝެކެލް (އަށް ޑޮލަރު ނުވަތަ 123.36ރ.) އާއި 30 ޝެކެލް (10 ޑޮލަރު ނުވަތަ 154.2ރ.)އާ ދޭތެރޭގެ އަގެއްގައި ކަމަށެވެ. ބައެއް މީހުން ލައިޓަރު އަލުން ރިފިލްކުރަން ގޭސް އަޅަނީ ބޮޑެތި ސިލިންޑަރުން ލިބޭ ގޭހުންނެވެ. މި ކަމުގައި އުޅޭއިރު ބައެއް ފަހަރު އެ މީހުން ފިހެއެވެ.

ކުޑަ ސްޓޯލެއްގައި ތާމަރުލްޝާވީޝު ލައިޓަރުތަކެއް މަރާމާތުކުރަނީ. މިއީ ދެ އަހަރު ވީ ގައްޒާ ހަނގުރާމައިގައި ފެންމަތިވި ވިޔަފާރިއެއް

ހަނގުރާމައިގެ ކުރިން ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރި ތާމަރުލްޝާވީޝު ލައިޓަރު މަރާމާތުކުރަން ފެށީ އޭނާގެ އާއިލާއަށް އެހީވުމަށެވެ.

އަލްކަރްމަލު ސްކޫލު ކޭމްޕް ކައިރީގައި ހުންނަ ކުޑަ ސްޓޯލެއްގައި އުމުރުން 24 އަހަރުގެ ދެ ކުދިންގެ ބައްޕަ ބުނީ އޭނާގެ އެ މަސައްކަތަކީ މީހުން ކުރިން އަޑުއަހައިފައިނުވާ މަސައްކަތެއް ކަމަށެވެ.

"އަހަރެމެން ކުރިން ނުވެސް ދަންނަ ވަޒީފާތަކާއި މަސައްކަތްތަކަށް އެނބުރެން ހަނގުރާމައިގެ ސަބަބުން މަޖުބޫރުވި. އަހަރެން ލައިޓަރު މަރާމާތުކުރަން ފެށީ އަހަރެންގެ އާއިލާގެ ބޭނުންތައް ފުއްދައިދިނުމަށް،" އޭނާ އަލްޖަޒީރާއަށް ބުންޏެވެ.

އާ މަސައްކަތެއް

"ހަނގުރާމައިގެ ކުރިން އެއްވެސް މީހަކު ބޭނުމެއްނުވޭ ލައިޓަރެއް މަރާމާތުކުރާކަށް. އޭތި އަގުހެޔޮ އަދި ލިބެން ހުރި. ގޭސް ހުސްވީމަ އަހަރެމެން އޭތި އެއްލައިލައިފައި އާ އެއްޗެއް ގަންނަނީ،" ތާމަރުލްޝާވީޝު ބުންޏެވެ.

"މީހުން ލައިޓަރު މަރާމާތުކުރަން އަންނަނީ އާ ލައިޓަރެއް ގަތުމަށްވުރެ އެ ގޮތް އަގުހެޔޮވުމުން. ހާއްސަކޮށް އަސާސީ މުދަލުގެ އަގު ބޮޑުވުމާއި ލިބުން ދަތިކަމުން،" އޭނާ ބުންޏެވެ.

އޭނާ ހަލާކުވެފައިވާ ލައިޓަރުގެ ބައިތައް ނަގައި އެ ބޭނުންކޮށްގެން އެހެން ލައިޓަރުތައް މަރާމާތުކުރަނީއެވެ.

"ބާވެފައިވާ ލައިޓަރެއްގެވެސް މިހާރު އަގު އެބަހުރި. ހަލާކުވެފައިވާ ލައިޓަރުތަކުގެ ބައިތައް ނަގައިފައި އެ ބޭނުންކުރަނީ އެހެން ލައިޓަރުތައް މަރާމާތުކުރަން. އެއީ އެ ލައިޓަރުތައް ދިގުދަމަހައްޓަން،" އޭނާ ބުންޏެވެ.

ނޯޓް: މިއީ މި ދިޔަ އާދީއްތަ ދުވަހު އަލްޖަޒީރާގައި ޝާއިއުކޮށްފައިވާ ފީޗާ ރިޕޯޓެއްގެ ތަރުޖަމާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *