Support Us

2019 ގައި ޖެރަޑް ކަޝްނާ (ވ) އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރަނީ

ދޫތައް ދޭން ޖެހޭނީ ފުރަތަމަ ހަމާސްއިން: އެމެރިކާ

ގައްޒާއަށް ސުލްހަ ގެނެސް، އާރާސްތުކުރުމުގެ މަޝްރޫއު ހިންގުމުގެ ކުރިން ފުރަތަމަ ދޫތައް ދޭން ޖެހޭނީ ގައްޒާ ހިންގާ ހަމާސްއިން ކަމަށް އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅައިފައި ހުންނަ މަންދޫބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިކޮއި ޖެރަޑް ކަޝްނާ ބުނެފިއެވެ.

ކަޝްނާ މިހެން ބުނީ ހަމާސްގެ ވެރިޔާ ހަލީލުލްހައްޔާ އާއި އެ ޖަމާއަތުގެ އޮފިޝަލުންނާ އާދީއްތަ ދުވަހު ބައްދަލުކުރުމަށްފަހު އިއްޔެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރުމަށްފަހުއެވެ.

"ގައްޒާ އަލުން އާރާސްތުކުރަން އަހަރެމެންގެ ޕްލޭނެއް އެބައޮތް. ނަމަވެސް ހަމާސްއިން ހަތިޔާރުތަކާއި ބިންގަރާސް މަގުތައް ދޫކޮށްލުމުން ނޫނީ އެ ކަން އަހަރެމެން ނުފަށައިނަން،" ކަޝްނާ ބުންޏެވެ.

ކަޝްނާގެ އާއިލާއާ ނަތަންޔާހޫއާ ބޮޑެތި ގުޅުންތަކެއްވެއެވެ. އޭނާގެ ވާހަކަ ހުރީ ނަތަންޔާހޫ މިހާތަނަށް ދައްކަމުން އައި ވާހަކަތަކާ އެއްގޮތަށެވެ.

ގައްޒާ އާރާސްތުކުރާ ގޮތުގެ ޕްލޭނާ އިސްރާއީލުން މި މަހު ކުރީކޮޅު ވަނީ ދެކޮޅުހަދައިފައެވެ. އިސްރާއީލުން ބުނީ އެ ގައުމުން ދޫތަކެއް ދޭނީ ހަމާސްއިން ފުރަތަމަ ހަތިޔާރުތަކާއި ބިންގަރާސް މަގުތައް ދޫކޮށްލުމުން ކަމަށެވެ.

ހަމާސްއިން ބުނެފައިވަނީ އެ ޖަމާއަތުން ހަތިޔާރުތަކާއި ބިންގަރާސް މަގުތައް ދޫކޮށްލުން ކުރިއަށްގެންދާނީ ގައްޒާއިން އިސްރާއީލު ސިފައިން ބޭލުމާ އެކުއެކީގައި ކަމަށެވެ. ނަތަންޔާހޫ ބުނެފައިވަނީ ހަމާސްއިން ފުރަތަމަ ޖެހޭނީ ހަތިޔާރުތަކާއި ބިންގަރާސް މަގުތައް ދޫކޮށްލަން ކަމަށާއި އިސްރާއީލު ސިފައިން ގައްޒާއިން ބާލާނީ އޭގެ ފަހުން ކަމަށެވެ. ގައްޒާ އާރާސްތުކުރާނީ ނަތަންޔާހޫ އެދުނު ފަދައިން ހަމާސްއިން ހަތިޔާރުތަކާއި ބިންގަރާސް މަގުތައް ފުރަތަމަ ދޫކޮށްލުމުން ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ކަޝްނާ ބުންޏެވެ. މިހެންވެ، ގައްޒާ އާރާސްތު ކުރުމަށް ޓްރަމްޕް އެކުލަވައިލެއްވި ޕްލޭންގެ ކުރިމަގު މިހާރު ސާފެއް ނޫނެވެ.

ނަތަންޔާހޫ ބުނެފައިވަނީ ދެ އަހަރުވީ ގައްޒާ ހަނގުރާމަ އިސްރާއީލުން ފެށީ ހަމާސް އެއްކޮށް ރޫޅައިލުމަށް ކަމަށާއި އަސްކަރީ ގޮތުން ހަރަކާތްތެރިކަމެއް ނެތް ޖަމާއަތެއް ގޮތަށް ހަމާސް ހަދަން ކަމަށެވެ.

"އެއްވެސް ބަޔަކު އިތުރު ފައިސާއެއް ހަރަދެއް ނުކުރާނެ އެ ތަނަކީ އަލުން ޓެރަރިސްޓުންގެ އަތްމައްޗަށް ހިނގައިދާނެ ތަނަކަށް ވަންޏާ،" ހަމާސްއަށް އިޝާރާތްކުރަމުން ކަޝްނާ ބުންޏެވެ.

އޭނާ ބުނީ އިސްރާއީލަށް ނުރައްކާތަކެއް ކުރިމަތިވާނަމަ އަމިއްލަ ދިފާއުގައި އެ ގައުމުން އަމަލުކުރުމުގެ ހައްގު އެ ގައުމަށް އޮންނާނެ ކަމަށެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރުގައި، އެމެރިކާ މެދުވެރިވެގެން ހަމާސްއާއެކު އިސްރާއީލުން ގާއިމުކުރި ސީޒްފަޔާއަށްފަހު އިސްރާއީލުން ދަނީ ކޮންމެ ދުވަހަކުހެން ގައްޒާއަށް ހަމަލާދެމުންނެވެ. މިހެންވެ، ސީޒްފަޔާއަށްފަހު މިހާތަނަށް 1،265 މީހުން ޝަހީދުވުމުން ދެ އަހަރު ވީ ގައްޒާ ހަނގުރާމައިގައި މިހާތަނަށް 73،399 މީހުން ޝަހީދުވެއްޖެއެވެ.

ޓްރަމްޕް އިއްޔެ ވަނީ ގައްޒާއަށް ހަމަލާނުދިނުމަށް އިސްރާއީލަށް ގޮވައިލައިފައެވެ.

"އިސްރާއީލުން ގައްޒާއަށް ހަމަލާދީގެން ނުވާނެ. ހަތިޔާރުތައް ދޫކޮށްލަން ހަމާސްއިން ވަނީ އެއްބަސްވެފައި،" އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ތިން އަހަރު އެމެރިކާއިން ވަނީ 25 ބިލިއަން ޑޮލަރު (386.25 ބިލިއަން ރުފިޔާ)ގެ އަސްކަރީ އެހީ އިސްރާއީލަށް ދީފައެވެ. އަދި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ނަތަންޔާހޫގެ ސަރުކާރު ދިފާއުކޮށް، ގައްޒާގައި ހިންގާ ޖަރީމާތައް ތަހުގީގުކުރާ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ)ގެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައިފައެވެ.

ކަޝްނާ ބުނީ ޓްރަމްޕްގެ ގައްޒާ ޕްލޭނަކީ އިސްރާއީލަށް ފައިދާކުރާނެ ރޭވުމެއް ކަމަށާއި ސަބަބަކީ ހަމާސްއިން ހަތިޔާރުތަކާއި ބިންގަރާސް މަގުތައް ކުރިއަށް އޮތް ދޮޅު މަސް ތެރޭ ދޫކޮށްލައިފިނަމަ އޭގެ މާނައަކީ އިސްރާއީލަށް އޮތް ބޮޑު ނުރައްކަލެއް ނެތިގެންދިއުން ކަމަށެވެ.

ހަމާސްއިން އެ ގޮތަށް ކަންތައްތައް ނުކޮށްފިނަމަ ސުލްހައަށް ހަމާސްއިން ނޭދޭކަން އެންމެނަށް އެނގޭނެ ކަމަށާއި "ގައްޒާ މައްސަލަ އެކަށީގެންވާ ގޮތަކަށް ނިންމައިލަން އިސްރާއީލަށް އެމެރިކާ އާއި އެހެނިހެން ފަރާތްތަކުގެ ތާއީދު ލިބޭނެ" ކަމަށް ކަޝްނާ ބުންޏެވެ.

ހަމާސްގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ އޮފިޝަލުން ދެއްކީ ރަހްމަތްތެރިކަން ކަމަށާއި ނަމަވެސް ހަމާސްއަކީ ކޮން ކަހަލަ ބައެއްކަން އެމެރިކާއިން ކަނޑައަޅާނީ ހަމާސްގެ އަމަލުތައް ހުންނާނެ ގޮތަކަށް ބަލައިފައި ކަމަށް ކަޝްނާ ބުންޏެވެ.

"އެ މީހުން ދެއްކީ ހުސް ރަނގަޅު ވާހަކަ، އެކަމަކު އެނގޭނެ ފަދައިން ޖަރީމާތަކެއް ހިންގައިފައިވާ ޓެރަރިސްޓް ޖަމާއަތަކަށް އިތުބާރު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް،" ކަޝްނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *