Support Us

ހުރުމުޒަކީ އެމެރިކާގެ ކަނޑުއޮޅިއަކަށް ހަދައިނަން: ޓްރަމްޕް

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނުގެ ބާރުގައި ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ ތަނެއް ކަމަށް ހަދައިނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"އީރާނު ބަލިކޮށްލުމަށްފަހު ހުރުމުޒު ހަދައިލައިނީ އެމެރިކާގެ ތަނަކަށް،" ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.

ހަނގުރާމަ މިހާރު މެދުކަނޑައިލައިފައި އޮތަސް އީރާނުން ހުރުމުޒު އަދި މުޅިން ހުޅުވައިނުލައެވެ. އަދި އެމެރިކާއިންވެސް ވަނީ އީރާނުގެ ބަނދަރުތަކަށް ހުރަސްއަޅައިފައެވެ.

"އަހަރެމެން ވާނީ އީރާނުގެ ބަނދަރުތަކަށް ހުރަސްއަޅައިފައި. އަހަރެމެން ބޭނުންވެގެން ނޫނީ އެހެން ގޮތަކުން އެއްވެސް އުޅަނދަކަށް އީރާނުގެ ބަނދަރަކަށް ކައިރިއެއް ނުކުރެވޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުން ބުނީ ހުރުމުޒަކީ އެމެރިކާގެ ތަނެއް ކަމަށް ނުހެދޭނެ ކަމަށެވެ.

"ޓްވީޓަކުން، ޖެޓު އުފުލާ ހަނގުރާމަމަތީ މަނަވަރަކުން، އަމުރެއް ނެރުމުން، ނުވަތަ އިންތިހާބެއްގައި ދޭ ތަގުރީރަކުން ހުރުމުޒު ކަނޑުއޮޅި އަތުލައެއްނުގަނެވޭނެ،" އީރާނުގެ ހާރިޖީ ވަޒީރުގެ ނައިބު ކަޒަމު ގަރީބްއާބާދީ ބުންޏެވެ.

ހުރުމުޒު އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން އީރާނުން ދޮގުކުރިއެވެ. އީރާނުން ބުނީ ހުރުމުޒު އޮތީ އަދިވެސް އީރާނުގެ ބާރުގެ ދަށުގައި ކަމަށާއި އީރާނުގެ ޝަރުތުތައް އެމެރިކާއިން ގަބޫލުކުރަންދެން ހުރުމުޒު ހުޅުވައިނުލައިނެ ކަމަށެވެ.

ހަނގުރާމަ މެދުކަނޑައިލައިފައި އޮތަސް ޓްރަމްޕް ދޭތެރެދޭތެރެއިން ދަނީ އީރާނަށް އެކި ކަހަލަ އިންޒާރުދެމުންނެވެ. ހުރުމުޒާމެދު ދެ ގައުމުން އަރައިރުންވަމުންދާތީ ދެ ގައުމުގެ ދެމެދުގައި ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ ވާހަކަތައް މިހާރު އޮތް ހިސާބެއް ސާފެއް ނޫނެވެ.

ހުޅަނގުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު ހުކުރު ދުވަހު ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 88 ޑޮލަރު (1،356ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ. ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ ހުރުމުޒުން އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *