ކޯޅިތައް މާމަލުގެ ފޮޅުވަން ހީނލަމުން އަދި އެއްފަހަރު
މޯޅިވީ ގުލްޝަން ހަޔާތުގެ ފަރި ކުރަން އަދި އެއްފަހަރު
ރާޅުތައް އިއްވާ އެ ނާނާ އަޑުއަހަށް ހަނދުވަރުމަތީ
ހޭޅިފަށު ވެލިގަނޑު މަތީ ތިބެ ތަރި ގުނަން އަދި އެއްފަހަރު
މީރުވަސް ފެތުރުނު ރަބީޢާ އޭގެ ފިނިކަން ދިން ބަހާރު
ހީނލަމުން ހިނިތުންވުމުގެ މާޒީ އަލުން އަދި އެއްފަހަރު
ހޭދަވީ ރޭތައް ދުވާލާ އެކުއެކީ އެކި ހާލުގައި
ހޭދަ ކުރުމުގެ ޝައުގުތައް އާލާވެގެން އަދި އެއްފަހަރު
ހާލު ބެލި ހެނދުނާ ހަވީރާ ލިބުނު ކުރުކުރު މެސެޖުތައް
ހާއުފާ ލިބިދިން އެ ފުރުސަތު އެނބުރިގެން އަދި އެއްފަހަރު
ރޯޅިފިނިކަން ދިން ފަތިސްތަކު ވެއްސި ޝަބްނަމު ތިކިތަކާ
މޯޅިކަން ފިލުވާ ތަސައްލީ ދޭން އަލުން އަދި އެއްފަހަރު
ޖާޒުބިއްޔަތު އުތުރެމުން ކެކިލީ ހަރާރަތު ވިންދުތަކު
ނާޒުކީ ފަރިކަން މަލުން ލިބިދޭން ޝަޒާ އަދި އެއްފަހަރު
ވިންދުތައްް، އިހުސާސްތައް، ފަސްހިއްސު ހިއްސަށް އެބަ ބުނޭ
ހިތް އެދޭ މަންޒިލް އުފާވެރި ދުށް ޒަމާން އަދި އެއްފަހަރު
