Support Us

ބީއެމްއެލް އާއި އިންސެފް ޔުނިވަރސިޓީން އެއްބަސްވުމަކަށް

ބީއެމްއެލްގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ތަމްރީނު ދިނުމަށް މެލޭޝިއާގެ އިންސެފް ޔުނިވަރސިޓީއާއެކު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބީއެމްއެލްގެ މުވައްޒަފުންނަށް ދޭނެއެވެ. މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ލީޑަޝިޕް ތަރައްގީކުރުމާއި، ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިން ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ އެކެޑަމީއެކެވެ. މީގެ ކުރިންވެސް އެ އެކެޑަމީން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް، ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީ އާއެކު އެއްބަސްވުންތައް ގާއިމުކޮށްފައެވެ.

ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ބީއެމްއެލް އެކެޑަމީން ދަނީ ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކާއެކު މަސައްކަތްކުރަމުންނެވެ.