މި ފަހަރުގެ ފުޓުބޯޅައިގެ ވޯލްޑް ކަޕްގެ ތަށި މި ރޭ އެމެރިކާގެ ޖާޒީ ސްޓޭޑިއަމްގައި އުފުލައިލައިއިރު، ޗެމްޕިއަނުން އަނބުރާ ގައުމަށް ދާނީ ހަމައެކަނި ފުޓުބޯޅައިގެ އެންމެ އަގުހުރި ތަށި ހިފައިގެނެއް ނޫނެވެ.
މަޝްހޫރު ޓްރޮފީ އާއި ވިދާބަބުޅާ ރަން މެޑެލްތަކުގެ އިތުރުން، ޓޫނަމަންޓް ކާމިޔާބުކުރާ ޓީމަށް ފީފާއިން ފުރަތަމަ ފަހަރަށް، މި ފަހަރު އަނގޮޓިތަކެއް ދެއެވެ. މިއީ އެމެރިކާގެ ކުޅިވަރު ސަގާފަތުން ލިބުނު ހިޔާލަކަށް ފީފާއިން ކުރާ ކަމެކެވެ.
އެ ކުޅުންތެރިޔަކަށް ކަސްޓަމައިޒްކޮށް ނުވަތަ ހާއްސަކޮށް ހަދާ މި އަނގޮޓިއަކީ ޓޫނަމަންޓްގެ ލެގަސީ ފާހަގަކޮށް، ޗެމްޕިއަނުންނަށް ފުޓުބޯޅައިގެ ދުނިޔޭގައި އެ ލިބުނު ކާމިޔާބީ އަބަދުގެ އަބަދަށް ފާހަގަކުރުމަށް ދޭ އަނގޮޓިއެކެވެ.
ކާމިޔާބީއަށް ޝަރަފާއި ހަނދާން އެރުވުމަށްޓަކައި ފަރުމާ ކުރާ މި އަނގޮޓީގެ އެއް ފަރާތުގައި ހުންނަނީ ފީފާގެ ވޯލްޑް ކަޕް ޓްރޮފީ ފަވައިފައެވެ. އަނެއް ފަރާތް ފަވައިފައިވަނީ ޗެމްޕިއަންކަން ހޯދާ ޓީމުގެ ރޫހާއި އައިޑެންޓިޓީ ފާހަގަކުރެވޭ ގޮތަށެވެ.
ކޮންމެ އަނގޮޓިއެއްގައި ވަކި ނަންބަރެއް އިނދެއެވެ. ކަސްޓަމައިޒް ކުރަނީ ހަދާނީ އަނގޮޓި ލިބޭ މީހާގެ އިނގިއްޔަށް ފެތޭ ވަރަށެވެ. އަދި އެއީ އޮރިޖިނަލް އަނގޮޓިއެއްކަން އަންގައިދޭ ސެޓްފިކެޓެއް ދެއެވެ.
ފައިނަލް މެޗުގެ ފަހު ކަށިގަނޑު ފުމުމާއެކު، ތާރީހީ ކާމިޔާބު ފާހަގަކުރުމަށް މޮޅުވި ޓީމުގެ ކެޕްޓަނާއި އިސް ކޯޗަށް ވަގުތީ އަނގޮޓިއެއް ދޭނެއެވެ. ބާކީ 30 އަނގޮޓި މޮޅުވި ޓީމުގެ ސްކޮޑަށް ދޭނީ މުބާރާތުގެ ފަހުންނެވެ. އެއީ ކޮންމެ މީހަކަށް ކަސްޓަމައިޒްކޮށްފައެވެ. މިހެންވެ، އަނގޮޓި ވެގެންދާނީ މުޅި ހަޔާތުގައި ވެސް ގެންގުޅެވޭނެ ހަނދާނަކަށެވެ.
ކޮންމެ އަނގޮޓިއަކަށް ވަކި ނަންބަރެއް ދީފައިވާ މި އަނގޮޓިތަކުގެ އަދަދަކީ 2،026 އެވެ. އެއީ މި ފަހަރުގެ ޓޫނަމަންޓް ބޭއްވި މި އަހަރު ކަމަށްވާ 2026 ފާހަގަ ކުރުމަށެވެ.
ޗެމްޕިއަނުންނަށް ދެނީ 30 އަނގޮޓިއެވެ. ބާކީ 1،996 އަނގޮޓު މުޅި ދުނިޔޭގައި ވިއްކަން ނެރޭނީ ފީފާއިން ރަސްމީ ގޮތުން ލައިސަންސްކޮށްފައިވާ ތަކެތީގެ ގޮތުގައެވެ. މަގުސަދަކީ ވޯލްޑް ކަޕް ތާރީހުގެ ހާއްސަ އެއްޗެއް ފޭނުންނަށް ލިބޭނެ ގޮތް ހެދުމެވެ.
ފޭނުންނަށް ވިއްކާ އަނގޮޓީގެ ފަރުމާއަކީ ޗެމްޕިއަނުންނަށް ދޭ އަނގޮޓީގެ ފަރުމާ ކަމަށްވިޔަސް ނަންބަރުތައް ތަފާތުވާނެއެވެ. އަދި 14 ކަރަޓް އާއި 18 ކަރަޓާ ދެމެދުގެ ރަނުން ހަދައިފައިވާ އަނގޮޓިތަކުގައި އަލިމަހާއި ރޫބީ އަދި ސަފަޔަރު ފަދަ ޖަވާހިރުތައް އެކުލެވިފައިވާތީ، އެ އަނގޮޓިއެއްގައި ރަނާއި ޖަވާހިރު ހިމަނާފައިވާ ގޮތަކަށް ބަލައިފައި އަގުތައް އުޅެނީ 10،000 ޑޮލަރު (154،200ރ.) އާއި 150،000 ޑޮލަރު (2.31 މިލިއަން ރުފިޔާ)އާ ދެމެދުގައެވެ.
މި ރޭގެ ތާރީހީ ފައިނަލް މެޗުގައި ސްޕެއިނާ ބައްދަލުކުރާނީ ޗެމްޕިއަންކަން ދިފާއުކުރަމުންދާ އާޖަންޓީނާއެވެ. މިއީ މި ޓޫނަމަންޓްގެ 104 ވަނަ މެޗެވެ. ސްޕެއިން ފައިނަލަށް ދިޔައީ، ޓޫނަމަންޓް ފެށުމުގެ ކުރިން މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ފްރާންސް ސެމީފައިނަލްގައި ވަރުގަދަކަމާއެކު ބަލިކޮށްފައެވެ.
މިއީ އާޖަންޓީނާ ޖެހިޖެހިގެން ފައިނަލްގައި ކުޅޭ ފަހަރެކެވެ. އަދި ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅޭ ހަތްވަނަ ފަހަރެވެ. ގްރޫޕް ސްޓޭޖްގައި ތިން ޓީމު ބަލިކުރީ އާޖަންޓީނާގެ ހުށިޔާރު ކެޕްޓަން ލިއޮނަލް މެސީގެ ބާރުގައެވެ. މި ފަހަރުގެ ޓޫނަމަންޓްގައި އޭނާ ވަނީ އަށް ގޯލު ޖަހައިފައެވެ. އެހެންކަމުން، އޭނާގެ އާދަޔާހިލާފު މޮޅު ވޯލްޑް ކަޕް ކެރިއަރުގައި އޭނާ ވަނީ 21 ލަނޑު ޖަހައިފައެވެ.
ފުޓުބޯޅައިގެ ދުނިޔޭގައި އާ ޗެމްޕިއަނަކު ހޮވަން މި ރޭ ތައްޔާރު ވަމުންދާއިރު، ފީފާއިން ފުރަތަމަ ފަހަރަށް ދޭ ޗެމްޕިއަނުންގެ އަނގޮޓި ވެގެންދާނީ ފުޓުބޯޅައިގެ މުއްސަނދި ތާރީހަށް އިތުރު ކޮށްލެވޭ އާ ދާއިމީ ހަނދާނީ އެއްޗަކަށެވެ.



advertisment