ޙިކުމަތުގެ ބަސްތައް ފެނިދެޔޭ ބަސްފޮތް ބަލައި ހޯދައިލުމުން
މި ކުރާ މަސައްކަތަކީ އެއިން މަދު ބަސްކޮޅެއް އެއްކޮށްދިނުން
ނުފުރާށެ ފެން ފޫނެތް ފަޔަށް ބުނެޔޭ އިހުގެ ހަރުބަސްތަކުން
އުފުލާ އެއީ ބޮޑު ބުރައެކޭ ހަރުލައި އެ ފެން ނުމެ ވާކަމުން
ވިޔެފައި ތޮށަލި ދުޅަ ހުންނަހެން އެއްވަތްމަތީން އެއްވަތް ދަށުން
މިޔެ ކަން ހިނގާ ގޮތަކީ ދުނިޔެ ހިނގަނީ ދޮށަލިދުޅައަށް ކަމުން
ރެނދުލާނެޔޭ ގަހަކުން ވިޔަސް ކީއްޔާ އަޑެއް ހަމަ ކަށަވަރުން
މެދުވެރިވެގެން ގަދަ ވައި އައިސް "ފިރުމައިލި"ނަމަ އަނިޔާއަކުން
ތުނޑިއެއް ވޮޑެންޏާ ރަށުކޮޅުން، ތުނޑިއެއް ގިރާނޭ ހަމަ ރަށުން
އުޑި ބުރުޖަހާ ފަދައިން ތެދޭ ހިނގައޭ މިކަން މޮޅު ހަމަޔަކުން
ނުކިޔާނެޔޭ އެއްވެސް އަޑެއް، އެއް އަތް އެކަނި ހޫރައިލިޔަސް
ނުކިޔާނެ މީ ހުސް އަނގައެކޭ ޢިބްރަތްތަކެއް އޭގައި ވުމުން
ފިޔައެއް ގުރުނޑު އިނަކަސް އެޔަށް ނުބަލާށެ މާ ދަށް ނަޒަރަކުން
ފިޔަތައް ރިވެތި ފިނިފެން މަލަށް ލިބިފައިވި މަތިވެރި ޤަދަރަކުން
ބިސް ދޮށިވެގެން ނުމެވާނެޔޭ ހަމަ ގައިމު ވެސް ކުކުޅަށް ވުރެން
އިސްވާނެނީ ކުކުޅޭ އިނގޭ، ބިސް އުފެދެނީ ކުކުޅުގެ ބަނޑުން
ނުލިބޭނެޔޭ ކިރު ބޯކަށެއް ދަރިފުޅު ނުރޯ ނަމަ، ރުއިމަކުން
ހުރިވަރު ތިމާ ބޭނުންވެފައި، އަންގަންޖެހޭނޭ ބުނެ ދުލުން
ދޮންފުތު ތިމާއަށް ވާނެޔޭ ދަރިއެއް ތިމާގެ އުފަންވުމުން
ދޮން ނޫނަކަސް ހަމަ ހެޔޮ ހިތުން ދަރިއަށް އެދޭނޭ ހެޔޮ އެދުން
އަންނާނެކަން ހަމަ ކަށަވަރޭ އަޑިއަޑިގަނޑަށް ފަހު އުސްގަނޑެއް
ދަންނާނެ ނަމަ މީހުން މި ކަން ލިބެޔޭ ފިލާވަޅު ޢިބްރަތުން
ލިބިގަންނަނީ ނަމަ ލާބަޔާ މަންފާ ޙަޔާތުގެ ބިންމަތީ
ލިބިދާށެ ގިނަގުނަ ދަރުސުތައް ގިނަގުނަ މިފަދަ ހަރުބަސްތަކުން
"މާޒީ"ގެ ގަލަމުން އަދު މިދޭ ގިނަގުނަ ނަސޭހަތް އަޑުއަހައި
ޣާޒީ ރަދުންގެ ޖިހާދު އަދު ޒިކުރާ ކުރާށޭ ފިކުރަކުން