Support Us

ކަރާޗީގައި ހުންނަ އަސްކަރީ މަރުކަޒަށް ހަމަލާދީ ތިން ސިފައިން މަރައިލުމުން ޕާކިސްތާންގެ ސިފައިންނާއި ފުލުހުން އެ ތަން އިއްޔެ ބަންދުކޮށްފައި

އަފްޣާނިސްތާނަށް ދިން ހަމަލާތަކެއްގައި 29 ހަނގުރާމަވެރިން މަރައިލައިފިން: ޕާކިސްތާން

އަފްޣާނިސްތާން ބޯޑަރު ކައިރީގައި ހިންގި އޮޕަރޭޝަނެއްގައި އެއްގަމު މަގުންނާއި ވައިގެ މަގުން ދިން ހަމަލާތަކެއްގައި 29 ހަނގުރާމަވެރިން މަރައިލައިފިކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުން ބުނީ މި އޮޕަރޭޝަން ހިންގީ ޕާކިސްތާންގައި ހަނގުރާމަވެރިންތަކެއް ދިން ހަމަލާތަކެއްގައި ކަރާޗީގެ އަސްކަރީ މަރުކަޒަކުން ޕާކިސްތާންގެ ތިން ސިފައިން މަރުވީމާ ކަމަށެވެ.

އަފްޣާނިސްތާން ސަރުކާރުގެ ތަރުޖަމާނުގެ ނައިބު ހަމްދުﷲ ފިތުރަތު ބުނީ ޕާކިސްތާނުން ދިން ހަމަލާތަކުގައި އަފްޣާނިސްތާންގެ އާއްމުންގެ 36 މީހުން މަރުވި ކަމަށާއި 163 މީހުން ޒަހަމްވި ކަމަށެވެ. ނަމަވެސް ޕާކިސްތާނުން އެ ކަމާ ދެކޮޅުހެދިއެވެ.

"އަހަރެމެން ހަމަލާދިނީ ޓެރަރިސްޓުން ފިލާ ތިބޭ މަރުކަޒުތަކަށް. މިއީ ބޯޑަރު ހުރަސްކޮށް އަހަރެމެންނަށް ދޭ ހަމަލާތަކަށް އަހަރެމެން ދިން ރައްދެއް،" ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތާރަރު ވިދާޅުވިއެވެ.

އެމެރިކާ އާއި އެ ގައުމުގެ ރަހްމަތްތެރި ގައުމުތަކުގެ ފައުޖުތައް 2021 ގައި އަފްޣާނިސްތާނުން ފޭބުމުން ތޯލިބާން ޖަމާއަތުން އަފްޣާނިސްތާން ސަރުކާރާ ހަވާލުވީއްސުރެ ޕާކިސްތާނުން ތުހުމަތުކުރަމުންދަނީ އަފްޣާނިސްތާނުން ޕާކިސްތާން ތޯލިބާން ނުވަތަ ތަހްރީކޭ ތޯލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)އަށް ހިމާޔަތް ދީފައިވާކަމަށެވެ. ޕާކިސްތާނުން ބުނަނީ ޕާކިސްތާންގައި ޓެރަރިސްޓް ހަރަކާތްތައް ހިންގަނީ ޓީ.ޓީ.ޕީން ކަމަށެވެ.

އަފްޣާނިސްތާންގައި ފިލައިގެން އުޅޭ ޓީ.ޓީ.ޕީގެ ހަނގުރާމަވެރިންނަށް ޕާކިސްތާނުން ހަމަލާތައް އަމާޒުކުރުމުން، އަފްޣާނިސްތާންގެ އާއްމުން ވެސް މަރުވަމުންދިއުމުން، ރައްދުގައި އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާދީ، ދެ ގައުމުން މިހާރު ހަމަލާ ބަދަލުކުރާތާ ދުވަސްތަކެއްވެއްޖެއެވެ. އެއީ ސަރަހައްދީ ގައުމުތައް މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި ސީޒްފަޔާއެއް ގާއިމުކޮށްދީފައިވިޔަސްމެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *